27 އޭޕްރީލް 2025 - 13:18 3
ޒަކިއްޔާ މޫސާ: އޭނާ މަރުވީ އަމިއްލައަށް ދީފައިވާ ޒަހަމްތަކެއްގެ ސަބަބުން ކަމަށް ފުލުހުން ބުނޭ -- ފޮޓޯ: އާއިލާ
27 އޭޕްރީލް 2025 - 13:18 3
ބޮޑެތި ޒަހަމްތަކަކާއެކު ނ. ހޮޅުދޫ ގެއެއްގެ ތެރޭގައި ސެޕްޓެމްބަރު، 2024، ގައި މަރުވެފައިވާ އޮއްވައި ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައިގެ ތަހުގީގުން ފުލުހުން އެކަހެރިކޮށް، އެ މައްސަލަ ތަހުގީގު ކުރަން ހާއްސަ ކޮމިޝަނެއް އެކުލަވައިލުމަށް ޒަކިއްޔާގެ އާއިލާގެ ފަރާތުން އެދެފި އެވެ.
ޒަކިއްޔާގެ އައިމިނަތު ޝަޒިއްޔާ މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޒަކިއްޔާގެ މަރުގެ މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުންގެ ފަރާތުން ބޮޑެތި އިހުމާލުތަކެއް ފެނިފައިވާ ކަމަށެވެ. އަދި މައްސަލަ ތަހުގީގު ކުރުމުގެ ބަދަލުގައި ފުލުހުން އުޅެނީ ކަންކަން ފޮރުވަން ކަމަށް ވެސް އާއިލާއިން ބުންޏެވެ.
އެހެންކަމުން، އާއިލާއިން އެދެނީ އެ މައްސަލައިގެ ތަހުގީގުން ފުލުހުން އެކަހެރިކޮށް، ފުލުހުން ތަހުގީގު ހިންގި ގޮތުގެ އިންކުއަރީއެއް ހަދައި، ޒަކިއްޔާގެ މަރުގެ މައްސަލަ ތަހުގީގު ކުރަން ކޮމިޝަނެއް އުފައްދަން ކަމަށް ވެސް އާއިލާއިން ބުނެ އެވެ.
"ދިވެހިރާއްޖޭގެ ލޮބުވެތި ރައީސުލްޖުމްހޫރިއްޔާ އަށް އާއިލާގެ ފަރާތުންކުރާ އިލްތިމާސްއަކީ މި މައްސަލައިގެ ތަހުގީގުން ފުލުހުން އެކެހެރިކޮށްދެއްވައި ފުލުހުންގެ ތަހުގީގާ ގުޅޭ ހާއްސަ އިންކުއަރީއެއް ހައްދަވައިދެއްވައި، މިކަމަށް ހާއްސަ ކޮމިޝަނެއް އުފައްވައިދަވައިދެއްވުން،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
ޒަކިއްޔާ ފެނުނުއިރު އޭނާގެ ކަރުގައި އެއް ޒަހަމަށްވުރެ ގިނަ ޒަހަމް ފެންނަން ހުއްޓެވެ. އަދި ބައެއް ޒަހަމްތައް ހުރީ ފުންކޮށް ކަމަށް ފުލުހުން ބުނެ އެވެ. ފުލުހުން ބުނަނީ އެއީ ޒަކިއްޔާ އަމިއްލައަށް ހަށިގަނޑަށް ދީފައިވާ ޒަހަމްތަކެއް ކަމަށް ބެލެވޭ ކަމަށެވެ.
ނަމަވެސް އާއިލާ އަދި ރަށުގެ ގިނަ ރައްޔިތުން ބުނަމުންދަނީ ޒަކިއްޔާއަށް އަމިއްލައަށް އެވަރުގެ ޒަހަމްތަކެއް ނުދެވޭނެ ކަމަށެވެ.
"ހޮޅުދޫގެ ރައްޔިތުންނާއި އާއިލާއިން މިތިބީ ފުލުހުން ބުނާހާ އެއްޗެއް ގަބޫލުކުރާ ގޮތަކަށް ނޫން. ބުއްދި ހަމަޖެހޭ ވާހަކަ ދައްކަން ވާނެ. އަމިއްލަ އަށް ކަރުގައިވަޅި އަޅާފައިވާ ކަމަށް ބުނާ ނަމަ ދެ ފަރާތުގައި އަށް ސެންޓިމީޓަރަށް ވަޅި އަޅައިގެން ކަރުގެ ނާރުތައް އަމިއްލަ އަށް ވަކިކޮށްލަނީ ނަފްސާނީ ކޮން ބައްޔަކާހެދި ކަމާއި އެ ބަލީގެ ނަމަކީ ކޮބައިކަން ވެސް ބުނެދޭން ޖެހޭނެ،" އެ ބަޔާނުގައިވެ އެވެ.
ފުލުހުން ދަނީ މައްސަލައިގެ ބަޔާންތައް އޮޅުވާލައި، އިންސާފު ގާއިމް ކުރަން ހުރަސް އަޅަމުން ކަމަށް ވެސް އާއިލާއިން ބުނެ އެވެ.
"އިންސާފު ގާއިމް ކުރުމަށް ހުރަސްއެޅުމަށް ތަކުރާރުކޮށް ފުލުހުން ގެންދަނީ މަސައްކަތް ކުރަމުން. ޒަކިއްޔާ މަރުވިތާ ހަތް މަސް ފާއިތުވެފައިވާއިރު، ފުލުހުންގެ ފަރާތުން މި މައްސަލާގައި އިންސާފު ގާއިމް ކުރުމަށް އެއްވެސް މަސައްކަތެއް ނުކުރޭ،" އާއިލާގެ ބަޔާނުގައި ބުނެފައިވެ އެވެ.
Comment