Advertisement

‏އީސްޕޯޓްސް ވޯލްޑް ކަޕްގައި ފުރަތަމަ ފަހަރަށް ޗެސް ހިމަނައިފި

27 އޭޕްރީލް 2025 - 07:49 0

އަހުމަދު ދާއޫދު

އަހުމަދު ދާއޫދު


‏އީސްޕޯޓްސް ވޯލްޑް ކަޕްގައި ފުރަތަމަ ފަހަރަށް ޗެސް ހިމަނައިފި

27 އޭޕްރީލް 2025 - 07:49 0

‏ދުނިޔޭގެ އެންމެ ބޮޑު އީސްޕޯޓްސް އިވެންޓު، އީސްޕޯޓްސް ވޯލްޑް ކަޕް (އީޑަބްލިއުސީ) ގައި ޗެސް ހިމަނަން ނިންމައިފި އެވެ. މިއީ މި މުބާރާތުގައި ޗެސް ހިމެނި ފުރަތަމަ ފަހަރެވެ.

ސައުދީ އަރަބިއާގެ ވެރިރަށް ރިޔާދުގައި ޖުލައި 31 ‏‏އިން އޮގަސްޓް 4 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ދުނިޔޭގެ ފެންވަރުގެ ޗެސް ކުޅުންތެރިން ‏‏ބައިވެރިވަމުންދަނީ އީސްޕޯޓްސް ޓީމްތަކުގެ ކުޅުންތެރިންގެ ގޮތުގައެވެ‏‎.‎

‏އީސްޕޯޓްސް ވޯލްޑް ކަޕްގައި ޗެސް ހިމެނިގެން ދިޔައީ 2024 ގެ ޑިސެމްބަރު މަހު އީސްޕޯޓްސް ވޯލްޑް ކަޕް ‏‏ފައުންޑޭޝަން (އީޑަބްލިއުސީއެފް) އާއި މަޝްހޫރު އޮންލައިން ޗެސް ޕްލެޓްފޯމް, ޗެސް.ކޮމް‏‎ (chess.com) ‎‏އާ ދެމެދު ވެވުނު ‏‏އެއްބަސްވުމެއްގެ ދަށުންނެވެ. ‏

‏ފަސް ފަހަރު ވޯލްޑް ޗެމްޕިއަންކަން ހޯދާފައިވާ މެގްނަސް ކާލްސަން ވަނީ މި މުބާރާތުގެ ގްލޯބަލް އެމްބެސެޑަރު ކަމަށް ‏‏އައްޔަންކުރެވިފަ އެވެ‏‎.‎

‏މި މުބާރާތުގައި 24 މަޝްހޫރު ގޭމިން ޓައިޓަލްތަކެއްގެ ދަށުން އެކިއެކި އީސްޕޯޓްސް ކްލަބްތައް ވާދަކުރާއިރު، ‏‏1.5 މިލިއަން ޑޮލަރުގެ އިނާމު ކަނޑައެޅިފައިވެއެވެ. މި މުބާރާތުގައި ޓައިމް ކޮންޓްރޯލް ހަމަޖެހިފައިވަނީ ކޮންމެ ‏‏ގޭމަކަށް 10 މިނެޓު (10+0) ގެ މައްޗަށެވެ‏‎.‎

‏އާންމު އޮންލައިން ޗެސް މުބާރާތްތަކާ ހިލާފަށް އީސްޕޯޓްސް ވޯލްޑް ކަޕްގައި ކުޅުންތެރިން ގެންގުޅޭނީ ހައިބްރިޑް ‏‏މޮޑެލެކެވެ. އެންމެ މޮޅު 16 ކުޅުންތެރިން ރިޔާދުގައި އެއްތަނަކަށް އެއްވެ ވާދަކުރާނީ ޓްރެޑިޝަނަލް ބޯޑްތަކުގެ ‏‏ބަދަލުގައި ކޮމްޕިއުޓަރ މެދުވެރިކޮށް ލޭން ސްޓައިލް ސެޓްއަޕެއްގައެވެ‏‎.‎

‏ދުނިޔޭގެ އެންމެ މޮޅެތި ޗެސް ކުޅުންތެރިން މި އީސްޕޯޓްސް މުބާރާތަށް ޝައުޤުވެރިކަމާއެކު ކުރިމަތިލާފައިވާއިރު، ‏‏އެފަދަ ކުޅުންތެރިންގެ ތެރޭގައި ޓީމް ލިކުއިޑްގައި މެގްނަސް ކާލްސަން އަދި އެމެރިކާގެ ފެބިއާނޯ ކަރުއާނާ ހިމެނެއެވެ. ‏‏އަދި ޓީމް ފޯލްކަންސްގައި ސްޕީޑް ޗެސް ސްޕެޝަލިސްޓް ހިކަރު ނަކަމުރާ އަދި ފްރާންސްގެ އަލިރެޒާ ފިރޯޒްޖާ ‏‏ހިމެނެއެވެ. މީގެ އިތުރުން، އިއާން ނެޕޮމްނިއަކްޗީ ޓީމް އައުރޯރާގައި އަދި ކުރީގެ ވޯލްޑް ޗެމްޕިއަން ޑިންގ ލިރެން ‏‏ޓީމް އެލްޖީޑީ ގޭމިންގ އާ ގުޅިފައިވެއެވެ‏‎.‎

‏އެފްއައިޑީއީ (ފިޑޭ) އީސްޕޯޓްސްގެ ގޮތުގައި ޗެސް ކުޅިވަރު ކުރިއަށްދިއުމާ މެދު އަދިވެސް ސީދާ ނިންމުމެއް ‏‏ނިންމާފައެއް ނުވެއެވެ. މިކަމަށް ދުރުހެލިވުމުގެ ސިޔާސަތެއް ގެންގުޅޭކަމަށް ބެލެވެނީ މިފަދަ މުބާރާތްތައް ‏‏އިންތިޒާމްކުރަނީ‏‎ chess.com ‎‏ފަދަ އަމިއްލަ ކުންފުނިތަކުން ކަމަށްވާތީއެވެ‏‎.‎

‏ޗެސް ކުޅިވަރަކީ 1000 އަހަރަށްވުރެ ގިނަ ދުވަހުގެ ތާރީހެއް އޮތް ކުޅިވަރެއް ނަމަވެސް، މި ކުޅިވަރަށް އައު މަޤްބޫލުކަމެއް ‏‏ލިބިފައިވަނީ ޑިޖިޓަލް ޓެކްނޮލޮޖީގެ ކުރިއެރުމާއެކު އޮންލައިން ގޭމްޕްލޭގެ ސަބަބުންނެވެ.‏

‏2022 ވަނަ އަހަރު ބޭއްވުނު އެފްޓީއެކްސް ކްރިޕްޓޯ ކަޕް އާއެކު ޗެސްގެ އީސްޕޯޓްސް ދަތުރު ފަށައިގަތްއިރު، ޗެމްޕިއަންސް ‏‏ޗެސް ޓުއާގެ ދަށުން ކުޅުންތެރިން ލޭން ސެޓްއަޕްގައި ވާދަކުރަން ފެށިއެވެ. ‏