13 ޑިސެންބަރު 2024 - 13:17 0
13 ޑިސެންބަރު 2024 - 13:17 0
ސިންގަޕޫރު (ޑިސެމްބަރު 13) - އިންޑިއާގެ ގްރޭންޑްމާސްޓަރު ޗެސް ކުޅުންތެރިޔާ، 18 އަހަރުގެ ގުކޭޝް ޑޮންމަރާޖޫ، ދުނިޔޭގެ އެންމެ ހަގު ޗެސް ޗެމްޕިއަނަށް ވުމުގެ ޝަރަފް ހޯދައިފި އެވެ.
ސިންގަޕޫރުގެ ރިސޯޓް ވޯލްޑް ސެންޓޯސާގައި ހޯސްޓްކުރި 14 ވަނަ ވޯލްޑް ޗެސް ޗެމްޕިއަންޝިޕްގެ ފައިނަލުގައި ގުކޭޝް ނުކުތީ ޗައިނާގެ ލެޖެންޑަރީ ކުޅުންތެރިޔާ، ޑިން ލިރެންއާ ދެކޮޅަށެވެ. ގިނަ ވަގުތުތަކަށް ދިގުދެމިގެންދިޔަ މި މެޗު، ޓައި ބްރޭކާ އަކަށް ދާނެ ކަމަށް ބެލެވުނު ނަމަވެސް، އޭގެ ކުރިން، ޑިން ލިރެން އަށް ހެދުނު ގޯހެއްގެ ފައިދާނަގައި، ގުކޭޝް މޮޅުވީ، 7.5، 6.5 އިންނެވެ.
ކުރީގެ ބައެއް ޗެމްޕިއަނުން އަންނަނީ ޑިން ލިރެން ގަސްދުގައި މި މެޗުން ބަލިވި ކަމަށް ވެސް ތުހުމަތު ކުރަމުންނެވެ. އެކަމަކު، ގުކޭޝް ވަނީ މި ކާމިޔާބީ ހާސިލްކޮށް ޅަ އުމުރުގައި އޭނާ ދުށް ހުވަފެން ހަގީގަތަކަށް ހަދައިފަ އެެވެ.
ޗެމްޕިއަންކަން ކަށަވަރުވި ވަގުުތު ގުކޭޝް އުފަލުން ރޮނީ.
އެ ގޮތުން، 2018 ވަނަ އަހަރު ދިން އިންޓަވިއުއެއްގައި ގުކޭޝް، އޭނާގެ އުމުރުން 12 އަހަރުގައި ވަނީ ދުނިޔޭގެ ޗެމްޕިއަންކަން ހޯދުމަކީ ޓާގެޓް ކަމަށް ބުނެފަ އެވެ. އަދި ހަ އަހަރު ތެރޭ އޭނާ މި ވަނީ އަމާޒަށް ވާސިލްވެފަ އެވެ.
ގުކޭޝް އަކީ އިންޑިއާ އަށް ނިސްބަތްވާ ޗެސް ކުޅުންތެރިންގެ ތެރެއިން ދުނިޔޭގެ ޗެމްޕިއަންކަން ހޯދި ދެ ވަނަ ކުޅުންތެރިއަކަށް ވެފަ އެވެ. އެ ގޮތުން، އިންޑިއާގެ ލެޖެންޑަރީ ޗެސް ކުޅުންތެރިޔާ، ވިޝްވަނަތަން އަނަންދު ވަނީ 2000، 2007، 2008، 2010، އަދި 2012 ވަނަ އަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. މި ފަހަރު ގުކޭޝް މި ކާމިޔާބީ ހޯދުމާ އެކު، 12 އަހަރަށް ފަހު، އިންޑިއާ އަށް އަލުން ޗެސްގެ ޗެމްޕިއަންކަން ލިބުނީ އެވެ.
މި އަހަރަށް ބަލާއިރު، ގުކޭޝް ވަނީ މި އަހަރުގެ ކެންޑިޑޭޓް މުބާރާތާއި އޮލިމްޕިއަޑްގެ އިތުރުން ދުނިޔޭގެ ޗެމްޕިއަންކަން ހޯދައިފަ އެެވެ.
Comment