26 އޭޕްރީލް 2025 - 20:47 0
މޮޅު އެތުލީޓުގެ މަގާމު ހޯދި ޝައްމޫން (ކ) އާއި ޒީކް.--- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް
26 އޭޕްރީލް 2025 - 20:47 0
މިއަދު ނިމިގެންދިޔަ މައިލޯ 12 ވަނަ އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ މޮޅު އެތުލީޓުންގެ މަގާމު ދިވެހި ސިފައިންގެ ކްލަބްގެ ހަސަން ޝައްމޫން އާއި ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ ޒީކް އަޝްރަފް ރަޝީދު ހޯދައިފި އެވެ.
ސޯޅަ އަހަރުން މަތީގެ ކެޓަގަރީން ފިރިހެން އެންމެ މޮޅު އެތުލީޓަކަށް ހޮވުނު ޝައްމޫން ވަނީ ޝޮޓް ޕުޓް އާއި ޑިސްކަސް އުކުމުން ރަން މެޑަލް ހޯދައިފަ އެވެ. މީގެ ކުރިން، 2016 ވަނަ އަހަރުގެ ގައުމީ މުބާރާތުގެ އެންމެ މޮޅު އެތުލީޓުގެ މަގާމު ހޯދި ޝައްމޫން، މި ފަހަރުގެ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި ވަނީ، ޝޮޓްޕުޓް 10.46 މީޓަރު ދުރަށް އެއްލައި ރަން މެޑަލް ހޯދައިފަ އެވެ. ދެން، ޑިސްކަސް އުކުމުގެ އިވެންޓްގައި، ޝައްމޫން ވަނީ 29.06 މީޓަރު ދުރަށް އެއްލައި އެ އިވެންޓް ވެސް ކާމިޔާބުކޮށްފަ އެވެ.
ފަހަކަށް އައިސް ބޮޑު ކުރިއެރުމެއް ހޯދަމުން އަންނަ ޒީކް ވަނީ 1500 މީޓަރު ދުވުމާއި 800 މީޓަރު ދުވުމުން ރަން މެޑަލް ހޯދައިފަ އެވެ. އެ ގޮތުން، ޒީކް، 800 މީޓަރު ދުވުން ކާމިޔާބުކުރީ، 2 މިނިޓް 23.94 ސިކުންތުންނެވެ. އަދި، 1500 މީޓަރު އިވެންޓުގައި ޒީކް ވަނީ، 5 މިނިޓް، 15.29 ސިކުންތުން ނިންމައި، މީޓް ރެކޯޑެއް ހަދައިފަ އެވެ.
ސޯޅަ އަހަރުން ދަށުގެ އެންމެ މޮޅު ފިރިހެން އެތުލީޓަކީ، އައްޑޫ އެތުލެޓިިކްސްގެ މުހައްމަދު ޔޫނުސް ބިން ހުސެއިން ބިން އިބްރާހިމް އެވެ. އޭނާ ވަނީ 80 މީޓަރު ހާޑްލްސް، 400 މީޓަރު ދުވުން އަދި ޓްރިޕަލް ޖަމްޕުން ރަން މެޑަލް ހޯދައިފަ އެވެ. މި ތިން އިވެންޓްގައި ވެސް އޭނާ ވަނީ މީޓް ރެކޯޑެއް ހަދައިފަ އެވެ. އަދި، މި އުމުރުފުރާގެ އެންމެ މޮޅު އަންހެން އެތުލީޓަކީ، ޝަރީފް ސްޕޯޓްސްގެ އައިމިނަތު އައުހާ އަބްދުލް ރަހުމާން އެވެ. އައުހާ ވަނީ 100 މީޓަރާއި 200 މީޓަރު އިވެންޓުގެ އިތުރުން، ލޯންގް ޖަމްޕުން ރަން މެޑަލް ހޯދައިފަ އެވެ. މީގެ ތެރެއިން، 200 މީޓަރު ދުވުމާއި ލޯންގް ޖަމްޕަކީ މީޓް ރެކޯޑެކެވެ.
ސޯޅަ އަހަރުން ދަށުގެ ބައިން އެންމެ މޮޅު ޓީމުގެ ޓްރޮފީ ލިބިފައިވަނީ، ފިރިހެން ބައިން އައްޑޫ އެތުލެޓިކްސް އަދި އަންހެން ބައިން، ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަން އެވެ. އަދި، ސޯޅަ އަހަރުން މަތީގެ ކެޓަގަރީން ފިރިހެން ބައިން އެންމެ މޮޅު ޓީމަކީ، ސިފައިންގެ ކްލަބް އެވެ. މިއީ، ޖެހިޖެހިގެން އެ ޓީމުން މި މަގާމު ހޯދި ހަތަރު ވަނަ ފަހަރެވެ. އަދި، ޖުމްލަ އެކު ފަސް ވަނަ ފަހަރެެވެ. މި ކެޓަގަރީން އެންމެ މޮޅު އަންހެން ޓީމަކީ، އައްޑޫ އެތުލެޓިކްސް އެވެ.
މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް މާލޭ ސިންތެޓިކް ޓްރެކުގައި ކުރިއަށްދިޔަ މި މުބާރާތުގައި، 17 ކްލަބަކުން 250 އެތުލީޓުން ވާދަކުރިއިރު، 56 އިވެންޓެއް ކުރިއަށްދިޔަ އެވެ. އަދި، އެ އިވެންޓްތަކުގައި، 26 މީޓް ރެކޯޑް ހެދުނުއިރު، އެއް ގައުމީ ރެކޯޑް ވެސް މުގުރާލި އެވެ. މުގުރާލި ގައުމީ ރެކޯޑަކީ، 16 އަހަރު ވަންދެން ދެމި އޮތް އަހުމަދު ޒަބީރު (ޒަބީ)ގެ ހައި ޖަމްޕް ރެކޯޑެވެ. ޔޫސުފް ނާއިކް ވަޖީހު ވަނީ 1.88 މީޓަރު މަތިން ފުންމައި، 2009 ވަނަ އަހަރުގެ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި، 1.85 މީޓަރު މަތިން ފުއްމައިގެން ޒަބީ ހެދި ރެކޯޑް މުގުރާލައިފަ އެވެ.
Comment