Advertisement

ޔުމްނުގެ އަބުރަށް އުނިކަން އަންނާނެ ފަދަ މައުލޫމާތު ހާމަނުކުރަން ޕީޖީ އޮފީހުން ފުލުހުންނަށް އަންގައިފި

26 އޭޕްރީލް 2025 - 20:08 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މާލޭގައި ހުންނަ ފުލުހުންގެ އިދާރާ؛ ޕީޖީ އޮފީހުން އަންގާފައި ވަނީ އަނިޔާ ލިބުނު މީހާގެ އަބުރާއި ކަރާމާތަށް އުނިކަން އަންނާނެ މައުލޫމާތު ހާމަނުކުރަން -- ފޮޓޯ: އަދަދު ފައިލް


ޔުމްނުގެ އަބުރަށް އުނިކަން އަންނާނެ ފަދަ މައުލޫމާތު ހާމަނުކުރަން ޕީޖީ އޮފީހުން ފުލުހުންނަށް އަންގައިފި

26 އޭޕްރީލް 2025 - 20:08 0

މިމަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީގެއިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދު، 21، ގެ އަބުރާއި ކަރާމާތަށް އުނިކަން އަންނާނެ އެއްވެސް މައުލޫމާތެއް އާންމު ނުކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ފުލުހުންނަށް އަންގައިފި އެވެ.

ޕީޖީ އޮފީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޔުމްނުގެ ޒާތީ މައުލޫމާތާއި އޭނާގެ ފޮޓޯ ފެންނަ ފޮޓޯ އާއި ވީޑީއޯ އާންމުކޮށްފައި ވާތީ އެކަން އެގޮތަށް ނުކުރުމަށް ފުލުހުންނަށް އަންގާފައިވާ ކަމަށެވެ.

"އަނިޔާ ލިބުނު މީހާގެ އަބުރާއި ކަރާމާތަށް އުނިކަން އަންނާނެ ފަދަ އެއްވެސް މައުލޫމާތެއް އިތުރަށް އާންމު ނުކުރުމަށާއި މިފަދަ ކަންކަން ތަކުރާރު ނުވާނެ ގޮތުގެ މަތިން ފުލުހުންގެ މަސައްކަތްތައް ބައްޓަން ކުރުމަށް ދަންނަވާފައިވާނެ،" ޕީޖީ އޮފީހުން ބުންޏެވެ.

ޖިނާއީ މައްސަލަތަކާ ބެހޭ މައުލޫމާތު ފެތުރުމުގައި އަނިޔާ ލިބޭ މީހުންގެ ހައްގުތަކަށް އުނިކަން ނާންނާނެ ގޮތަށް އަމަލުތައް ބެހެއްޓުމަށް ނޫސްވެރިންނަށާއި އާންމު ރައްޔިތުންނަށް ވެސް ޕީޖީ އޮފީހުން އިލްތިމާސްކުރި އެވެ.

ޕީޖީ އޮފީހުން ވަނީ ޔުމްނުގެ މައްސަލަ ތަހުގީގު ކުރުމުގައި އެއްވެސް ފުލުހަކު އިހުމާލުވެފައި ވޭތޯ ބަލައި އެކަމަށް ފިޔަވަޅު އެޅުމަށް ވެސް ފުލުހުންނަށް އަންގައިފަ އެވެ.

އޭގެއިތުރުން ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން ކުޑަކަމުދާ ތަކެތި ދޭން އިންކާރު ކުރި މީހުންގެ މައްސަލަ ކުޑަކަމުދާ ތަކެތި ދޭން އިންކާރު ކުރުމުގެ މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރުމަށް ވެސް ޕީޖީ އޮފީހުން ވަނީ އަންގައިފަ އެވެ.

ޔުމްނު ވެއްޓުނު ހާދިސާގައި މިހާތަނަށް ހައްޔަރު ކޮށްފައި ވަނީ ރައުދު އަހުމަދު، 21، އެވެ. އެއީ ހ. ފެންޓެނޯއީގެ ނުވަ ވަނަ ފަންގިފިލާއިން ޔުމްނު ވެއްޓުނު އިރު އޭނާއާއެކު އުޅުނު މީހާ އެވެ. ރައުދު ހައްޔަރު ކުރީ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުންނެވެ.

ފުލުހުން ފުރަތަމަ ބުނީ ޔުމްނު ވެއްޓުމުގައި ރައުދުގެ ބައިވެރިވުމެއް ނެތް ކަމަށެވެ. ނަމަވެސް ފަހުން ކޯޓުގައި ބުނެފައި ވަނީ ޔުމްނު ވެއްޓުމުގައި ރައުދުގެ ބައިވެރިވުމެއްވާ ކަމަށް ބެލެވޭ ކަމަށެވެ. އަދި ޔުމްނު ވެއްޓުނު ކަމަށް އޭނާއަށް ބެލެވޭ ކަމަށް މީހެއް ކައިރީ ރައުދު ބުނެފައިވާ ކަމަށް ވެސް ފަހުންް ކޯޓުގައި ފުލުހުން ބުންޏެވެ.