Advertisement

ޔުމްނު ވެއްޓުމުގެ ތަހުގީގާ ގުޅޭ އިންކުއަރީއެއް ހިންގަން ގޮވާލައި މާލެ ސިޓީ ކައުންސިލުން ބަޔާނެއް ނެރެން ހުށަހަޅައިފި

26 އޭޕްރީލް 2025 - 17:12 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ސައިފް ފާތިހު މާލޭގެ މޭޔަރުކަމަށް ވާދަކުރައްވައި ކުރެއްވި ކެމްޕޭނުގެ ތެރެއިން ބަޔަކާ މުހާތަބުކޮށް ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް


ޔުމްނު ވެއްޓުމުގެ ތަހުގީގާ ގުޅޭ އިންކުއަރީއެއް ހިންގަން ގޮވާލައި މާލެ ސިޓީ ކައުންސިލުން ބަޔާނެއް ނެރެން ހުށަހަޅައިފި

26 އޭޕްރީލް 2025 - 17:12 1

މި މަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީގެ ނުވަ ވަނަ ފަންގިފިލާއިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދު 21، އަށް އިންސާފު ހޯދައިދިނުމަށް މާލޭގައި ކުރިއަށް ގެންދާ މުޒާހަރާތަކަށް ހިތްވަރު ދިނުމަށާއި މުޒާހަރާގެ ބައިވެެރިންގެ ފަރާތުން އައްޔަނުކުރާ މަންދޫބުން ހިމަނައިގެން އެ މައްސަލައިގައި ސަރުކާރާއި ފުލުހުން އަމަލު ކޮށްފައިވާ ގޮތުގެ މިނިވަން އިކުއަރީއެއް ހިންގަން ގޮވާލައި މާލެ ސިޓީ ކައުންސިލު ބަޔާނެއް ނެރެން ފާސްކޮށްދިނުމަށް އެދި ހުށަހަޅައިފި އެވެ.

އެފަދަ ބަޔާނެއް ނެރެން ފާސްކުރުމަށް އެދި މާލެ ސިޓީގެ މޭޔަރު، އާދަމް އާޒިމްއަށް ސިޓީއެއް ފޮނުއްވީ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު، މުހައްމަދު ސައިފް ފާތިހު އާއި ގަލޮޅު ހުޅަނގު ދާއިރާގެ ކައުންސިލަރު، މަރިޔަމް ނާޒިމާ މުހައްމަދު ފާއިޒު އެވެ.

އެ ދެ ބޭފުޅުން ސޮއި ކުރައްވައި އާޒިމްއަށް ފޮނުއްވި ސިޓީގައި އެދިފައި ވަނީ ޖުމުލަ ހަތަރު ކަމެއް ހާސިލު ކުރުމަށެވެ. އޭގެތެރޭގައި ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ހިނގާ ކަންކަމާ ގުޅިގެން ސަރުކާރަށް ގޮވައިލާ ގޮވައިލުންތައް ހިމެނެ އެވެ.

މާލެ ސިޓީ ކައުންސިލުގެ ނެރޭ ބަޔާނުގައި ހިމަނަން އެ ސިޓީގައި އެދިފައި ވަނީ:

  • އިންސާފު ހޯދަން ހިންގާ ހަރަކާތްތަކަށް މާލޭގެ މަގުތަކާއި ހުސް ޖާގަތަކާއި ޕާކުތައް ހުޅުވިގެންވާކަން އޮޅުމެއް ނެތި ބަޔާންކޮށް އިންސާފަށް އެދި ގޮވާ އަޑުތަކަށް ހިތްވަރު ދިނުން
  • އިންސާފަށް އެދި ކުރިއަށް ގެންދާ އެއްވެސް ހަރަކާތަކަސް ހުރަސް ނޭޅުމަށް ސަރުކާރަށް ގޮވައިލުން'
  • ސަރުކާރުގެ ނުފޫޒު ގަދަ ބައެއްގެ ގާތްތިމާގެ ބަޔަކު މީހުން ފިލުވުމާއި ރެކުވުމާއި ސަލާމަތްކުރަން ފުލުހުން އަމަލުކޮށްފައި ވާގޮތުން ތަހުގީގުގެ އިތުބާރު ގެއްލިފައިވާކަން ފާހަގަކޮށް އިންސާފުވެރިކަމާއި ޕްރޮފެޝަނަލް މިންގަޑުގައި ދެފުށް ފެންނަ ގޮތުގައި ހިންގާން ސަރުކާރާއި ފުލުހުންނަށް ގޮވައިލުން
  • ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގުގައި ސަރުކާރާއި ފުލުހުން އަމަލު ކޮށްފައިވާ ގޮތުގެ މިނިވަން އިންކުއަރީއެއް، މުޒާހަރާގެ ބައިވެރިންގެ ފަރާތުން ނޮމިނޭޓު ކުރާ މަންދޫބުން ހިމަނައިގެން ކުރިއަށް ގެންދަން ސަރުކާރަށް ގޮވައިލުން

ސައިފް އާއި ނާޒިމާގެ ފަރާތުން އެދިފައި ވަނީ އެ ކަންކަމަށް ގޮވާލައި މާލެ ސިޓީ ކައުންސިލުން ބަޔާނެއް ނެރުމަށް މާލެ ސިޓީ ކައުންސިލުގެ ޖަލްސާއަކުން ނުވެއްޖެ ނަމަ، އެކަން ކުރުމަށް ރުހޭ ކައުުންސިލަރުންގެ ސޮއި އާއެކު އެފަދަ ބަޔާނެއް އާންމުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށެވެ.

އެފަދަ ބަޔާނެއް މާލެ ސިޓީ ކައުންސިލުން ނެރެން ފާސްކުރުމަށް އެދި ސައިފް އާއި ނާޒިމާ ހުށަހެޅުއްވީ ޔުމްނުއަށް އިންސާފު ހޯދައިދޭން މާލޭގައި ކުރިއަށް ގެންދާ މުޒާހަރާތަކާ ގުޅިގެން އެ ކައުންސިލުގެ މައްޗަށް ގާނޫނީ ވާޖިބުތަކެއް ހުރިކަމަށް ފެންނާތީ ކަމަށް އެ ސިޓީގައި ބަޔާން ކޮށްފައިވެ އެވެ.

ޔުމްނުއަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި މާލޭގައި މުޒާހަރާ ކުރަން ފެށީ މިދިޔަ ބުދަ ދުވަހުގެ ރޭ އެވެ. އެއަށްފަހު މިދިޔަ ދެ ރޭ ވެސް ޒުވާނުން ވަނީ ޔުމްނުއަށް އިންސާފު ހޯދައިދޭން ގޮވާލައި މުޒާހަރާ ކޮށްފަ އެވެ.

މުޒާހަރާގެ ބައިވެެރިން ގޮވައިލަމުން ދަނީ އެ މައްސަލައިގައި ދެފުށް ފެންނަ ތަހުގީގެއް ހިންގުމަށާއި ތުހުމަތު ކުރެވޭ އެންމެންނާ މެދު ވެސް ހަމަހަމަކޮށް ކަން ކުރުމުގެ އިތުރުން މިހައިތަނަށް ކަންހިނގައިދިޔަ ގޮތުގެ ޒިންމާ ނަގައި ހޯމް މިނިސްޓަރު، އަލީ އިހުސާން އާއި ޕޮލިސް ކޮމިޝަނަރު، ސުޖާއު އަލީ އަދި ޓްރާންސްޕޯޓު މިނިސްޓަރު، މުހައްމަދު އަމީން އިސްތިއުފާ ދެއްވުމަށެވެ.

ނަމަވެސް އެ ޑިމާންޑުތަކަށް ސަރުކާރުން މިހައިތަނަށް އެއްވެސް ސިފައެއްގައި ޖަވާބުދާރީވެފައެއް ނުވެ އެވެ.