Advertisement

‏ގިނައިން ކުކުޅު ކާނަމަ ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑު‏

26 އޭޕްރީލް 2025 - 07:02 2

އަހުމަދު ދާއޫދު

އަހުމަދު ދާއޫދު

ކުކުޅު މަހަކީ ދިވެހިންގެ މަޤްބޫލު ކެއުމެއް --


‏ގިނައިން ކުކުޅު ކާނަމަ ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑު‏

26 އޭޕްރީލް 2025 - 07:02 2

‏ހަފުތާއަކު ހަތަރު ފަހަރު ކުކުޅު ކެއުމުން ކެންސަރުޖެހުމުގެ ފުރުސަތު ދެގުނަ އިތުރުވެދާނެކަމަށް އިޓަލީގެ ‏‏ސައިންޓިސްޓުން ކުރި ދިރާސާއަކުން ދައްކައިފި އެވެ.

މި ދިރާސާގައި ގާތްގަނޑަކަށް 5،000 މީހުންގެ ކާނާ އާއި ‏‏ސިއްހަތާ ގުޅޭ މައުލޫމާތު 20 އަހަރުގެ މުއްދަތަކަށް ދިރާސާކޮށްފައިވެ އެވެ‏‎.‎

‏ދިރާސާގެ ނަތީޖާއިން ދައްކާ ގޮތުގައި ހަފުތާއަކު 300 ގްރާމަށްވުރެ ގިނައިން ކުކުޅު ކައިފިނަމަ، ހަޖަމީ ނިޒާމުގެ ‏‏ކެންސަރު ޖެހި ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު ދެގުނަ އިތުރުވެ އެވެ. މީގެ ތެރޭގައި ގޮހޮރުގެ ކެންސަރު ‏‏ހިމެނެ އެވެ. މީގެ އިތުރުން، ހަފުތާއަކު ހަތަރު ފަހަރަށްވުރެ ގިނައިން ކުކުޅު ކެއުމުން ކޮންމެ ވެސް ސަބަބަކާ ހުރެ ‏‏މަރުވުމުގެ ފުރުސަތު 27 ޕަސެންޓު އިތުރުވާކަމަށް ވެސް ދިރާސާއިން ދައްކައެވެ‏‎.‎

‏ދިރާސާގެ ނަތީޖާ "ނިއުޓްރިއަންޓްސް" ޖާނަލްގައި ޝާއިއުކޮށްފައި ވާއިރު، މި ނަތީޖާ ނުކުތުމުގެ ސަބަބާ މެދު ގިނަ ‏‏ނަޒަރިއްޔާތުތަކެއް ހުށަހަޅާފައިވެ އެވެ.

އޭގެ ތެރޭގައި ކުކުޅު މާބޮޑަށް ފިހުމުން އުފެދޭ ކެމިކަލްތަކުން އިންސާނުންގެ ‏‏ސެލްތަކަށް ގެއްލުން ލިބި، ކެންސަރަށް މަގުފަހިވުން ހިމެނެއެވެ. އަދި ކުކުޅަށް ދެވޭ ކާނާ އަދި ކުކުޅު ‏‏ގެންގުޅުމުގައި ބޭނުންކުރާ ހޯމޯނުތަކާއި ބޭސްތަކުގެ ސަބަބުން ވެސް މިކަން ދިމާވެދާނެކަމަށް ދިރާސާގެ ‏‏ލިޔުންތެރިން ފާހަގަކޮށްފައިވެ އެވެ‏‎.‎

‏މި ދިރާސާއިން ދައްކާ ގޮތުގައި ގިނައިން ކުކުޅު މަސް ކެއުމުގެ ސަބަބުން އަންހެނުންނަށްވުރެ ބޮޑަށް ފިރިހެނުންނަށް ނުރަނގަޅު އަސަރުކުރާކަން ފާހަގަކުރެވެއެވެ. ‏‏ނަމަވެސް، މި ދިރާސާގެ ނަތީޖާ ކަށަވަރުކުރުމަށް އިތުރު ދިރާސާތައް ކުރަން ޖެހޭނެކަމަށް ސައިންޓިސްޓުން ‏‏ބުނެފައިވެއެވެ‏‎.‎

‏ދިރާސާގެ ލިޔުންތެރިން އިތުރަށް ފާހަގަކޮށްފައިވަނީ ފިރިހެނުންނަށް ކުކުޅުގެ ސަބަބުން އިތުރު ނުރައްކާ ‏‏ކުރިމަތިވާ ސަބަބު އަދިވެސް ސާފުނުވާކަމަށެވެ. މިކަން އިތުރަށް ދިރާސާކުރަން ޖެހޭކަމަށް އެ ފަރާތްތަކުން ‏‏ބުނެފައިވެއެވެ.‏

‏ނަމަވެސް، ފިރިހެނުންނާއި އަންހެނުންގެ ހަށިގަނޑުގައި ހުންނަ ތަފާތު ހޯމޯނުތަކާ މިކަމާ ގުޅުން ހުރެދާނެކަމަށް އެ ‏‏ފަރާތްތަކުން ލަފާކުރެއެވެ. އަދި އެއް ފަހަރާ ކާ މިންވަރުގައި ފިރިހެނުން އާންމުކޮށް އަންހެނުންނަށްވުރެ ގިނައިން ‏‏ކާތީ، އޭގެ ސަބަބުން ނޭދެވޭ އަސަރު ކުރުމުގެ ފުރުސަތު އިތުރުވެދާނެކަމަށްވެސް ބެލެވެއެވެ.‏

‏ގިނައިން ކުކުޅު ކެއުމުން ކެންސަރު ޖެހުމުގެ ފުރުސަތު އޮތްކަމަށް މި ދިރާސާއިން ދެއްކިޔަސް ހުރިހާ ބާވަތެއްގެ ‏‏ކެންސަރު ޖެހުމުގެ ފުރުސަތު އޮތްކަމަކަށް ދިރާސާއިން ދައްކާފައެއް ނުވެއެވެ. ނަމަވެސް، ހަޖަމީ ނިޒާމާ ގުޅުންހުރި ‏‏11 ބާވަތެއްގެ ކެންސަރުން ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު އިތުރުވާކަމަށް ދައްކައެވެ. މީގެ ތެރޭގައި މަޑު، ‏‏ގޮހޮރު، ބައިލް ޑަކްޓް، އެނަސް، ގޯލްބްލެޑަރ، ލިވަރ، ޕެންކްރިއަސް، ރެކްޓަމް، ކުޑަ ގޮހޮރު އަދި ބަނޑުގެ ‏‏ޓިޝޫގެ ކެންސަރު ހިމެނެއެވެ.‏

‏ދިރާސާގެ ލިޔުންތެރިން އިޢުތިރާފުވާ ގޮތުގައި މި ދިރާސާގައި ބައެއް ލިމިޓޭޝަންތައް އެބަހުއްޓެވެ. އޭގެ ތެރޭގައި ‏‏ކުކުޅު ކައްކާ އަދި ކާ ގޮތުގެ މަޢުލޫމާތު ދިރާސާގައި ހިމެނިފައި ނުވުން ހިމެނެއެވެ.

‏މި ހޯދުންތަކުން ދޭހަވަނީ ކުކުޅު ކެއުމުގައި ވަކި މިންވަރެއް ގެންގުޅުމުގެ މުހިންމުކަމެވެ. ނަމަވެސް، މި ދިރާސާގެ ނަތީޖާ އިތުރަށް ކަށަވަރުކުރުމަށް ‏‏އިތުރު ދިރާސާތައް ކުރަން ޖެހޭކަމަށް ސައިންޓިސްޓުން ފާހަގަކޮށްފައިވެއެވެ. އެހެންކަމުން، ކެންސަރު ޖެހުމުގެ ‏‏ރިސްކު ކުޑަކުރުމަށްޓަކައި، އެކަށީގެންވާ މިންވަރަކަށް ކުކުޅު ކެއުމަށް ސަމާލުކަން ދިނުމާއެކު، އެހެނިހެން ‏‏ކާނާވެސް ހަމަހަމަ ގޮތެއްގައި ކެއުމަށް އާންމުންނަށް ލަފާދެވެއެވެ. އަދި ސިއްހީ ދުޅަހެޔޮކަން ދެމެހެއްޓުމަށް ‏‏ޑޮކްޓަރުންގެ ލަފާ ހޯދުމަކީވެސް މުހިންމު ކަމެކެވެ.‏