Advertisement

އެމްޑީޕީން މޭ ޑޭގައި މަސައްކަތްތެރިންގެ ހައްގުގައި ރެލީއެއް ބާއްވަނީ

25 އޭޕްރީލް 2025 - 20:51 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: އެ ނޫސްވެރިންގެ ބައްދަލުވުމުގައި މޭޑޭގައި ރެލީއެއް ބާއްވާނެކަން ވަނީ އިއުލާންކޮށްފައި -- ފޮޓޯ: އެމްޑީޕީ


އެމްޑީޕީން މޭ ޑޭގައި މަސައްކަތްތެރިންގެ ހައްގުގައި ރެލީއެއް ބާއްވަނީ

25 އޭޕްރީލް 2025 - 20:51 0

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މެއި 1، މޭ ޑޭގައި މަސައްކަތްތެރިންގެ ހައްގުގައި މަގުމައްޗަށް ނިކުންނަން ނިންމާފައިވާކަން ހާމަކޮށްފި އެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލިފުށި ދާއިރާގެ ރައީސް މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) ވިދާޅުވީ އެމްޑީޕީން މޭޑޭގައި މަސައްކަތްތެރިންގެ ހައްގުގައި އަޑު އުފުލުމަށް އެ ރޭ 20:30 ގައި އާޓިފިޝަލް ބީޗުން ރެލީ ފަށާނެ ކަމަށެވެ.

"އަޅުގަނޑުމެން އެމްޑީޕީގެ ފަރާތުން ކޮންމެ ފަހަރަކު ވެސް މަސައްކަތް ކުރަން މަސައްކަތްތެރިންގެ ހައްގުގައި، ހައްގުތައް ކަށަވަރު ކުރުމަށް އެ އިރެއްގައި އުނިވެފައި އޮންނަ ހައްގުތައް ކަށަވަރުކޮށްދިނުމަށް އިހުތިޖާޖުކޮށް އެ އަޑު އުފުލުމުގެ މަސައްކަތް އަބަދުވެސް ކުރަމުން ގެންދަން،" އޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ އަމަލުތަކާ ގުޅިގެން މަސައްކަތްތެރިންގެ އާމްދަނީއަށް އަސަރުކޮށްފައިވާކަން ފާހަގަކުރައްވާ މުހައްމަދު ރަޝީދު ހުސެއިން ވިދާޅުވީ އެމްޑީޕީން ބާއްވާ ރެލީގައި ސަރުކާރަށް އެކި ޑިމާންޑްތައް ވެސް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވީ މަސައްކަތްތެރިންގެ ހައްގުގައި އެމްޑީޕީން 19 ވަނަ މަޖިލީހުގައި ފާސްކޮށްފައިވާ ދެ ގާނޫނަކާ ގުޅިގެން ހަދަންޖެހޭ ގަވާއިދުތައް މި ސަރުކާރުން މިހާތަނަށް ހަދާފައި ނުވާ ކަމަށެވެ.

"މި ގަވާއިދުތައް ނެހެދުމުގެ ސަބަބުން ގާނޫނުތައް ތަންފީޒު ކުރުމަށް ވަރަށް ބޮޑެތި ދަތިތަކެއް ހުރި ކަމަށް އަޅުގަނޑުމެންނަށް މަސައްކަތްތެރިންގެ ފަރާތުން މައުލޫމާތު ލިބޭތީ އެ ކަންބޮޑުވުން ވެސް މި ފުރުސަތުގައި ފާހަގަކޮށްލަން،" އޭނާ ވިދާޅުވި އެވެ.

މަސައްކަތްތެރިންގެ ހައްގުގައި އެމްޑީޕީން ކުރިއަށް ގެންދަން ރާވާފައިވާ ރެލީގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވާން އެ ޕާޓީން ވަނީ އެދިފަ އެވެ.

އެމްޑީޕީން މީގެ ކުރިން ވެސް މޭޑޭގައި ބޮޑެތި ރެލީތައް މާލޭގައި ކުރިއަށް ގެންގޮސްފައިވެ އެވެ.