Advertisement

ޔުމްނު ވެއްޓުނު ހާދިސާ ރައީސް ސިޔާސީ ކުރެއްވުން ކުށްވެރިކޮށް ފައްޔާޒު ގޮވާލެއްވީ ތެދު މައުލޫމާތު ހާމަކުރެއްވުމަށް

24 އޭޕްރީލް 2025 - 23:40 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

އެމްޑީޕީގެ ޗެއާޕާސަން، ފައްޔާޒް އިސްމާއިލް. ޔުމްނު ވެއްޓުނު ހާދިސާގެ ޒިންމާ އެމްޑީޕީން ނަގަން ޖެހޭނެ މިރޭ ރައީސް ވިދާޅުވި


ޔުމްނު ވެއްޓުނު ހާދިސާ ރައީސް ސިޔާސީ ކުރެއްވުން ކުށްވެރިކޮށް ފައްޔާޒު ގޮވާލެއްވީ ތެދު މައުލޫމާތު ހާމަކުރެއްވުމަށް

24 އޭޕްރީލް 2025 - 23:40 0

މިދިޔަ ހުކުރު ދުވަހުގެ ފަތިހު ހައްވާ ޔުމްނު ރަޝީދު 21، އުސް އިމާރާތެއްގެ މަތިން ވެއްޓުނު ހާދިސާ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑަށް ސިޔާސީ ކުރެއްވުމުން އެކަން ރައްޔިތުން ބަލައިނުގަންނާނެ ކަމަށް އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން، ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

އެކްސްގައި ފައްޔާޒް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިފަދަ ހާލަތެއްގައި އެކި މީހުންނަށް ތުހުމަތު އަމާޒު ކުރުމުގެ ބަދަލުގައި މުހިންމީ މުޅި ހާދިސާގެ ތެދު މައުލޫމާތު ހާމަ ކުރެއްވުން ކަމަށެވެ.

"ގައުމެއްގެ ރައީސުލްޖުމްހޫރިއްޔާގެ ބަސްމަގު، ޒުވާނުންނާއި މުޅި ގައުމުގެ ކަންބޮޑުވުމަށް ފަރުވާލެއް ނުބަހައްޓައި ޒިންމާއިން ރެކުމަށް ތިޔަ ކުރައްވާ މަސައްކަތް މި ގައުމުގެ ރައްޔިތުން ބަލައެއް ނުގަންނާނެ،" ފައްޔާޒް ވިދާޅުވި އެވެ.

މި މޭރުމުން ފައްޔާޒް ޕޯސްޓެއް ކުރެއްވީ މިދިޔަ ހުކުރު ދުވަހުގެ ރޭ ހ. ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާއިން ޔުމްނު ވެއްޓުނު ހާދިސާގެ ޒިންމާ ނަގަން ޖެހޭނީ އިދިކޮޅު އެމްޑީޕީން ކަމަށް ރައީސް ވިދާޅުވުމުންނެވެ.

ހުޅުމާލޭ ސިންތެޓިކް ޓްރެކުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މިހާރު ހިނގައިގެން އުޅޭ ހިތާމަވެރި ހާދިސާގެ ޒިންމާ ނަގަން ޖެހޭނީ މީގެ އަހަރުތަކެއް ކުރިން ބިރަކާ ނުލައި މަޖާ ކުރުން ޕްރޮމޯޓު ކުރި މީހުން ކަމަށެވެ.

"މިހާރު މި ހިނގައިގެން އުޅޭ ހިތާމަވެރި، ވަރަށް ހިތާމަވެރި ހާދިސާއަށް ވިސްނާލާއިރުގައި ވެސް، މިކަމުގެ އެންމެ ބޮޑު ޒިންމާއެއް ނަގަން ޖެހޭނީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، އަދި އިންސާފަށް ލޯބިކުރައްވާ ކޮންމެ މީހެއް ވެސް ގަބޫލުކުރައްވާނެ ގޮތުގައި، ބިރަކާ ނުލައި މަޖާ ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ޕްރޮމޯޓް ކުރި މީހުން މީގެ އަހަރުތަކެއް ކުރިން،" ރައީސް ވިދާޅުވި އެވެ.

"މަޖާކުރުން: ބިރަކާ ނުލާ ފޫހިފިލުވުން" އެއީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ހުށަހެޅި ސިޔާސަތެކެވެ. އެއީ އެ ޕާޓީން ހުށަހެޅި ކުޅިވަރާ މުނިފޫހިފިލުވުމުގެ ސިޔާސަތެވެ.

އެ ސިޔާސަތު ލޯންޗު ކުރުމަށް ޖުލައި 6، 2013 ގައި ރާޅުގަނޑު ސަރަހައްދުގައި އޭރުގެ ރިޔާސީ ކެންޑިޑޭޓު ކުރީގެ ރައީސް މުހައްމަދު ނަޝީދުއާއެކު ހާއްސަ އިވެންޓެއް ވެސް އެމްޑީޕީން ބޭއްވި އެވެ.