24 އޭޕްރީލް 2025 - 19:20 0
ލީވާން އަލީ ނާސިރު
24 އޭޕްރީލް 2025 - 19:20 0
މިދިޔަ ހުކުރު ދުވަހުގެ ފަތިހު ހައްވާ ޔުމްނު ރަޝީދު 21، ވެއްޓުނު ހާދިސާއާ ގުޅިގެން އޭނާއާ އެކު އުޅުނު ރައުދު އަަހުމަދު ޒިލާލް 21، ހައްޔަރުކޮށްފި އެވެ.
ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ މައްސަލައިގައި ރިވިއު ޓީމުން ކުރާ މަސައްކަތަށް ރައުދުގެ ފަރާތުން އެއްބާރުލުން ނުލިބޭ ކަމަށެވެ.
"އަޅުގަނޑުމެން ރެއާ ހަމައަށް އަޅުގަނޑުމެން މިކުރި މަސައްކަތުން ފާހަގަކުރެވެނީ ރިވިއު ޓީމުން ކުރި މަސައްކަތުން ފާހަގަކުރެވެނީ ކޮރޮބޮރޭޝަންގެ މައްސަލަ އެބައުޅޭ ރައުދުގެ ފަރާތުން ވެސް. އެހެންވީމަ ރައުދު އަލުން ހައްޔަރު ކުރުމަށްޓަކައި ކޯޓު އަމަރަކަށް އަޅުގަނޑުމެން ވާނީ އެދިފައި،" އޭނާ ވިދާޅުވި އެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އޭނާ ހައްޔަރުކުރީ މިއަދު އިރުއޮއްސި 6:20 ހާއިރު ކަމަށެވެ.
މިއީ ރައުދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ ދެވަނަ ފަހަރެވެ. މީގެ ކުރިން ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެނެސް ސުވާލުކޮށް، ޔޫރިން ނެގިއިރު ޕޮޒިޓިވްވީމަ ވެސް ދޫކޮށްލި އެވެ.
ޔުމްނު އާއި އޭނާއާއެކު އުޅުނު ރައުދު، އެހެން ޒުވާނުންތަކާކާއެކު މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ރޭ ފުރަތަމަ ދިޔައީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އާއި އޭނާގެ އާއިލާ މީހުން ދިރިއުޅޭ ގެއަށެވެ. ފެންޓެނޯއީ ގެއަށް އެ މީހުން ވަނީ ފަތިސްވާން ކައިރިވެފައި ވަނިކޮށެވެ.
ހ. ފެންޓެނޯއީ ގެއިން ޔުމްނު ވެއްޓި، ޖެހިގެން ހުރި ގުދަނުގެ ފުރާޅުމަތީގައި އޮއްވައި ފެނުނީ ހުކުރު ދުވަހު ހެނދުނު އެވެ.
މި މައްސަލައިގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކޮށް އަޑުއުފުލަމުންނެވެ. އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވީ އެއްވެސް މީހަކު ހައްޔަރު ނުކޮށް މައުލޫމާތު ސިއްރު ކުރުމާ ގުޅިގެންނެވެ.
Comment