Advertisement

ރެޝްފޯޑް އެނބުރި ޔުނައިޓެޑަށް ނުދާނެ

24 އޭޕްރީލް 2025 - 10:08 0


ރެޝްފޯޑް އެނބުރި ޔުނައިޓެޑަށް ނުދާނެ

24 އޭޕްރީލް 2025 - 10:08 0

މެންޗެސްޓާ (އޭޕްރީލް 24) - އެސްޓަން ވިލާ އަށް ކުޅެމުން އަންނަ އިނގިރޭސި ފޯވާޑް މާކަސް ރެޝްފޯޑް އެނބުރި މެންޗެސްޓާ ޔުނައިޓެޑަށް ދިޔުން އެއީ ވުމަށްވުރެ ނުވުން ގާތް ކަމެއް ކަމަށް ބުނެފި އެވެ.

މިދިޔަ ޖެނުއަރީ މަހުގެ ޓްރާންސްފާގައި، ލޯނު އެއްބަސްވުމެއްގެ ދަށުން ރެޝްފޯޑް އެސްޓަން ވިލާ އަށް ބަދަލުވީ ކޯޗު ރުބެން އަމްރޮމްއާ ޖެހުނު މައްސަލައަކާ ގުޅިގެންނެވެ. ޔުނައިޓެޑާ އެކު ރެޝްފޯޑް ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2028 ވަނަ އަހަރުގެ ސީޒަނުގެ ނިޔަލަށެވެ.

ޔުނައިޓެޑުން ލޯނު އެއްބަސްވުމެއްގެ ދަށުން ރެޝްފޯޑް ވިލާ އަށް ދޫކޮށްލީ މި ސީޒަނުގެ ނިޔަލަށެވެ.

ވިލާ އަށް ބަދަލުވެ، ރެޝްފޯޑް މޮޅު ކުޅުމެއް ދައްކަމުން އަންނައިރު، އެ ޓީމުން ރެޝްފޯޑްގެ ކޮންޓްރެކްޓް ދާއިމީ ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ދާދި ފަހުން މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ރެޝްފޯޑް ވަނީ އެނބުރި ޔުނައިޓެޑަށް ދިޔުން އެއީ ވުމަށް ވުރެ ނުވުން ގާތްކަމެއް ކަމަށް ބުނެފަ އެވެ.

ރެޝްފޯޑް ބުނީ އެސްޓަން ވިލާއާ އެކު އޭނާ ހުރީ ހިތްހަމަ ޖެހިގެން ކަމަށާއި، ކުރިމަގާ މެދު ވިސްނަން ބޭނުންވަނީ މި ސީޒަނަށްފަހުގައި ކަމަށެވެ.

ރެޝްފޯޑްގެ އިތުރުން އެސްޓަން ވިލާ އިން އަންނަނީ ސްޕެއިންގެ މާކޯ އަސެންސިއޯ ކޮންޓްރެކްޓް އާކުރަން މަސައްކަތް ކުރަމުންނެވެ.