23 އޭޕްރީލް 2025 - 16:40 0
މުހައްމަދު ޝަހްޒާން
ޓޫރިޒަމް މިނިސްޓަރު، ތޯރިގު އިބްރާހިމް ރައީސް އޮފީހުގައި ނޫސްވެެރިންނާ ބައްދަލު ކުރައްވަނީ: އިންޑިއާގެ އިތުރުން ރާއްޖެއަށް މުހިންމު އެހެން މާކެޓުތަކުގައި ވެސް ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް
23 އޭޕްރީލް 2025 - 16:40 0
އިންޑިއާގެ ފިލްމީ ފަންނާނުން ބޭނުން ކޮށްގެން އެ ގައުމުގެ މާކެޓަށް ރާއްޖެ ޕްރޮމޯޓު ކުރުމުގެ މަސައްކަތްތަކެއް ކުރަން ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު، ތޯރިގު އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ތޯރިގު ވިދާޅުވީ އިންޑިއާ މާކެޓަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ވަރަށް މުހިންމު މާކެޓެއް ކަމަށާއި އިންޑިއާ މާކެޓު ވަރަށް ބޮޑަށް ކުރިއަރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން އިންޑިއާ މާކެޓަށް ހާއްސަކޮށް ޕްރޮމޯޝަންތަކެއް ހިންގަމުންދާ ކަމަށް ތޯރިގު ވިދާޅުވި އެވެ.
"އޭގެ ތެރޭގައި ބޮންބޭ އާއި ދެއްލީ އާއި އަދި ސައުތު އިންޑިއާގައި ވެސް މިހާރު މާކެޓު ކުރަމުން މިދަނީ، އަދި އިރާދަކުރެއްވިއްޔާ މާލަސްތަކެއް ނުވެ ފެނިވަޑައިގަންނަވާނެ ތި ބޭފުޅުންނަށް އިންޑިއަން ފިލްމު އިންޑަސްޓްރީގައި އެންމެ ޓޮޕްގައި އުޅުއްވާ ބައެއްކަހަލަ ފިލްމް ސްޓާސްއާ އެއްކޮށް ވެސް ރާއްޖެ މާކެޓު ކުރުމުގެ މަސައްކަތްތަކެއް ކުރެވިގެންދާނެ،" ތޯރިގު ވިދާޅުވި އެވެ.
އޭގެ އިތުރުން އިންޑިއާއިން ރާއްޖެއަށް ދަތުރު ކުރާ އެއާލައިންތަކާއި އިންޑިއާގެ ޓޮޕް އެޕްލިކޭޝަންއާއެކު ވެސް ރާއްޖެ އިޝްތިހާރު ކުރުމުގެ ޕްރޮމޯޝަންތަކެއް ހިންގުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އިންޑިއާގެ އިތުރުން ޗައިނާ އާއި ބައެއް އެހެން ގައުމުތަކުގެ މާކެޓުތަކަށް ވެސް ރާއްޖެ ޕްރޮމޯޓު ކުރުމުގެ މަސައްކަތްތަކެއް ކުރުމަށް ރާވާފައިވާކަމަށް ތޯރިގު ވިދާޅުވި އެވެ. އެގޮތުން ރާއްޖެއަށް އާންމުކޮށް ފަތުރުވެރިން ޒިޔާރަތްކޮށް އުޅޭ ބައެއް ގައުމުތަކުގައި އެކްސްޕޯތައް ބާއްވަން ނިންމާފައިވާކަން އޭނާ ފާހަގަ ކުރެއްވި އެވެ.
އިންޑިއާއަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެެރިން ޒިޔާރަތް ކުރި އެއް ގައުމެވެ. އެހެންނަމަވެސް މި ސަރުކާރު ވެރިކަމަށް އައިފަހުން ސަރުކާރުގެ ނައިބު ވަޒީރުންތަކެއް އިންޑިއާގެ ބޮޑުވަޒީރަށް ކުޑައިމީސް ބަސްތަކެއް ރައްދުކޮށް ފުރައްސާރަ ކުރުމާ ގުޅިގެން ދެ ގައުމުގެ ގުޅުން ގޯސްވެ އެ ގައުމުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ދަށްވީ އެވެ.
Comment