23 އޭޕްރީލް 2025 - 12:15 1
މުހައްމަދު ޝަހްޒާން
ހޯމް މިނިސްޓަރު އަލީ އިހުސާން މަޖިލިސް މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
23 އޭޕްރީލް 2025 - 12:15 1
މި ސަރުކާރުން އެއްވެސް މީހަކު ފްރޭމް ނުކުރާނެ ކަމަށާއި މިހާރު ހައްޔަރު ކޮށްފައި ހުރި އިމިގްރޭޝަނުގެ ކުރީގެ ކޮންޓްރޯލަރު ޝަމްއާން ވަހީދު އާ ގާނޫނު އަރައި ހަމަކުރި ނަމަވެސް އޭނާއަށް ފޯރުކޮށްދޭން ޖެހޭ ހުރިހާ ރައްކާތެރިކަމެއް ފޯރުކޮށްދޭނެ ކަމަށް ހޯމް މިނިސްޓަރު، އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުވެ މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އިހުސާން ވިދާޅުވީ މި ސަރުކާރުން އެއްވެސް މީހަކު ފްރޭމް ނުކުރާނެ ކަމުގެ ޔަގީންކަން ޝަމްއާންގެ އާއިލާއަށް އަރުވާ ކަމަށެވެ.
"އަޅުގަނޑަށް ކަށަވަރުކޮށް ޔަގީން ކޮށްދޭން ކެެރޭނެ ކަމަކީ މި ސަރުކާރުން މީހަކު ފްރޭމް ނުކުރާނެކަން. މިހާރު މި ބެލެމުންދާ މައްސަލައިގައި ވެސް އެ އައިލާއަށް ވެސް އަޅުގަނޑު ޔަގީންކަން އަރުވަން އެއްވެސް ފަރާތެއް ފްރޭމެއް ނުކުރާނެ. ގާނޫނުގެ ތެރެއިން ލިބިދޭން ޖެހޭ ހުރިހާ ރައްކާތެރިކަމެއް އެ ފަރާތަށް ލިބޭނެ ހަމަ އެއާއެކު ގާނޫނީ ގޮތުން ގާނޫނު އެމީހަކާ އަރައި ހަމަކުރަންޖެހޭ ހުރިހާ ދިމާލަކުން އަރާ ހަމަ ކުރާނެ،" އިހުސާން ވިދާޅުވި އެވެ.
އިހުސާން ވިދާޅުވީ ކޮންމެ މީހެއްގެ މައްޗަށް ވެސް ޖިނާއީ ތުހުމަތެއް ކުރެވޭ ހިސާބުން އެ މައްސަލައެއް ފުލުހުން ތަހުގީގު ކުރާނެ ކަމަށެވެ. އަދި އެ މައްސަލައެއް ތަހުގީގު ކުރާނީ ފުލުހުންނަށް ލިބިފައި ހުރި ހުރިހާ ބާރަކާއި އިހުތިޔާރެއް ބޭނުން ކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަދުގެ ސަރުކާރަކީ ގާނޫނު ތަންފީޒު ކުރުމުގައި އެއްވެސް މީހަކު ވަކި ގޮތަކަށް ތަފާތު ކުރާނެ ސަރުކާރެއް ނޫން. އެމީހާއަކީ ވެރިއެއްތޯ ގެރިއެއްތޯ އަޅުގަނޑުމެނެއް ނުބަލަން. އެމީހާއަކީ ކޮން ހައިސިއްޔަތެއްގައި ހުރި މީހެއްތޯ ކޮން މަގާމެއްގައި ހުރި މީހެއްތޯ އަޅުގަނޑުމެން ނުބަލަން، ގާނޫނު ދަންނަ އެއްޗެއް ނޫން މީހާ ހުރި މަގާމަކީ، އެހެންވީމާ ގާނޫނު ތަންފީޒު ކުރަމުންދާއިރު އެމީހާ ހުރި މަގާމެއް އަޅުގަނޑުމެން ނުބަލާނެ،" އިހުސާން ވިދާޅުވި އެވެ.
އިހުސާން އެހެން ވިދާޅުވީ ޝަމްއާން ހައްޔަރު ކޮށްފައި ހުރީ ޖިނާއީ ތުހުމަތެއް އޭނާގެ ބޮލުގައި އަޅުވައި ފްރޭމް ކޮށްގެން ކަމަށް ޝަމްއާންގެ އަންހެނުން، ހިދުފާ ފާއިޒް ވިދާޅުވި ވާހަކައަށް ރަައްދު ދެއްވަ އެވެ.
ޝަމްއާން ހައްޔަރު ކޮށްފައި ވަނީ "ނުހައްގުން، ފްރޭމް ކޮށްގެން،" ކަމަށް ހިދުފާ ވިދާޅުވީ ސޯޝަލްމީޑިއާގައި އެނާ ކުރެއްވި ޕޯސްޓެއްގަ އެވެ. އޭގެ އިތުރަށް އެ މައްސަލައާ ގުޅޭ އިތުރު ވާހަކައެއް ޝަމްއާންގެ އަނބިކަނބަލުން ދައްކަވާފައެއް ނުވެ އެވެ. ޝަމްއާން ހައްޔަރު ކުރީ ފްރޭމްކޮށްގެން ކަމަށް ވިދާޅުވި ނަމަވެސް އޭގެ ތަފުސީލެއް އޭނާ ނުދެއްވަ އެވެ.
ފުލުހުން ޝަމްއާން ހައްޔަރު ކުރީ މާޗް 22، ގަ އެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރަނީ ބިދޭސީއަކު ހައްޔަރު ކުރުމަށްފަހު އޭނާގެ އަތުން ފައިސާ އަތުލި ކަމަށެވެ. އެ މައްސަލައިގައި އޭނާއާއެކު އިތުރު ބަޔަކު ވެސް ހައްޔަރު ކުރި އެވެ.
އޭގެ ފަހުން އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އެ މައްސަލައިގެ އަޑުއެހުމެއް މިދިޔަ ހޯމަ ދުވަހު ހައި ކޯޓުގައި ކުރިއަށް ގެންދިޔަ އެވެ. ޝަމްއާނުގެ ފަރާތުން ވަކީލު ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވީ އޭނާއާމެދު އަމަލުކޮށްފައި ވަނީ އެހެން މީހުންނާމެދު އަމަލުކޮށްފައިވާ ގޮތަށް ނޫން ކަމަށެވެ.
Comment