23 އޭޕްރީލް 2025 - 11:03 0
މުހައްމަދު ޝަހްޒާން
ހޯމް މިނިސްޓަރު، އަލީ އިހުސާން މަޖިލީހުގެ މެންބަރުންނަށް ޖަވާބުދާރީ ވަނީ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
23 އޭޕްރީލް 2025 - 11:03 0
ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އާއިލާގެ އިތުރުން ވެސް ބައެއް އެހެން މީހުންނަށް ސޯޝަލްމީޑިއާގައި މަރުގެ އިންޒާރުދޭ މައްސަލަތައް ވަރަށް ގިނަވެފައިވާ ކަމަށާއި އެފަދަ މައްސަލަތައް ހައްލު ކުރަން ސޯޝަލް މީޑިއާ ކުންފުނިތަކާއެކު މަސައްކަތް ކުރަމުންދާ ކަމަށް ހޯމް މިނިސްޓަރު، އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު، މީކާއިލް އަހުމަދު ނަސީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވުމަށް މަޖިލީހަށް މިއަދު ވަޑައިގެން ވާހަކަ ދައްކަވަމުން އިހުސާން ވިދާޅުވީ ފޭކު އެކައުންޓެއް ހަދައިގެން މީހަކަށް މަރުގެ އިންޒާރު ދިނުން ފަދަ ކަމެއް ކުރަން ނަގަނީ ވަރަށް ކުޑަ ވަގުތުކޮޅެއް ކަމަށެވެ. އެހެންކަމުން އެކަން އެއްކޮށް ހައްލު ކުރުމަކީ އެހައި ފަސޭހަ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"ފޭކު އެކައުންތުތައް ހަދައިގެން މީހުންނަށް މަރުގެ އިންޒާރު ދިނުން މިއީ އާންމު ކަމަކަށް މަޑުމަޑުން އެބަވޭ، އަޅުގަނޑުމެން ކަމާގުޅޭ އިދާރާތަކާ ގުޅިގެން މިކަން ހައްލު ކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުން އެބަދަން، އަދި މިފަދަ ސޯޝަލްމީޑިއާ މެނޭޖު ކުރައްވާ ނުވަތަ އޯނަޝިޕް އޮންނަ ކުންފުނިތަކާ ގުޅިގެން ވެސް އަޅުގަނޑުމެން މި ދަނީ ކުރަމުން،" އިހުސާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ ރައީސްއަކީ ދައުލަތުގެ ހުރިހާ މުއައްސަސާއަކުން ވެސް އެންމެ އިސްކަމެއް ދީގެން ބަލާނެ ބޭފުޅާ ކަމަށެވެ. އެހެންކަމުން އެމަނިކުފާނަށް ކުރިމަތިވާ ކޮންމެ ނުރައްކަލަކުން ސަލާމަތް ކުރުމަށް ފުލުހުންނާއި ސިފައިން ގުޅިގެން ވެސް މަސައްކަތް ކުރައްވާ ކަމަށް އިހުސާން ވިދާޅުވި އެވެ.
"އަޅުގަނޑު ޔަގީންކަން އަރުވާ ކަމަކީ މިފަދަ މައްސަލައެއްގައި އަޅުގަނޑުމެން ބަލަމުން ގޮސް އެއީ ކާކުކަން އެނގޭ ދުވަހަކީ އެމީހަކާ ދޭތެރޭ ގާނޫނީ ގޮތުން އަޅަންޖެހޭ އެންމެ ހަރުކަށި ފިޔަވަޅު އަޅުގަނޑުމެން އަޅާނެ ދުވަސް. ދިވެހި ކޮންމެ ރައްޔިތަކަށް ވެސް މަރުގެ އިންޒާރެއް ދީފި ކަމަށް ވެއްޖެއްޔާމުން އަޅުގަނޑުމެން ސީރިއަސްކޮށް އެ މައްސަލަ ބަލަން. އަދި އެ ރައްޔިތަކަށް ސެކިއުރިޓީ އެސެސްމެންޓެއް ހަދާފައި ވަގުތުން ވަގުތަށް ދޭންޖެހޭ ސަލާމަތާއި ރައްކާތެރިކަން ވެސް ފޯރުކޮށްދެމުން އަޅުގަނޑުމެން އެބަދަން،" އިހުސާން ވިދާޅުވި އެވެ.
މީހުންނަށް މަރުގެ އިންޒާރު ދިނުމަކީ ސަމާސާއަށް ނުވަތަ މަޖަލަކަށް ކޮށްލާ ވަރަށް ވުރެ ސީރިއަސް ކަމެއްކަން ފާހަގަ ކުރައްވައި އެފަދަ ކަންކަން އެއްވެސް މީހަކު ނުކުރުމަށް އިހުސާން ގޮވައިލެއްވި އެވެ.
Comment