Advertisement

ޖޫން މަހު ސާފް ޗެމްޕިއަންޝިޕް ކުރިއަށްދިއުމާ މެދު ސުވާލު އުފެދިއްޖެ

23 އޭޕްރީލް 2025 - 08:55 0


ޖޫން މަހު ސާފް ޗެމްޕިއަންޝިޕް ކުރިއަށްދިއުމާ މެދު ސުވާލު އުފެދިއްޖެ

23 އޭޕްރީލް 2025 - 08:55 0

އަންނަ ޖޫން މަހު ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް މިހާރު އޮތް ގޮތަށް ކުރިއަށްދިއުމާ މެދު ސުވާލު އުފެދިއްޖެ އެވެ.

ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް)ގެ ރައީސް ކާޒީ ސަލާހުއްދީނާ ހަވާލާދީ ބަންގްލަދޭޝްގެ "ޑެއިލީ އޮބްސާވާ" ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މުބާރާތާ ގުޅޭގޮތުން އަދި ފައިނަލް ގޮތެއް ނުނިމެ އެވެ.

ލަންކާ އިން މިދިޔަ މަހު އިއުލާނުކުރި ގޮތުގައި، މި އަހަރުގެ ސާފް ޗެމްޕިއަންސްޝިޕް، ޖޫން 22 އިން ޖުލައި 5 އަށް އޮންނައިރު، އެ މުބާރާތުގައި ސާކްގެ ހަތް ގައުމު ވެސް ވާދަކުރާނެ އެވެ.

އެކަމަކު، ކާޒީ ވިދާޅުވީ، މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕާ ގުޅޭ މުހިންމު ކަންތައްތަކެއް ހުރީ ނިމިފައިނޫން ކަމަށެވެ. އެ ގޮތުން، މުބާރާތުގެ މާކެޓިން ކަންކަމުގައި އުޅޭ ސްޕޯޓްސްފައިވްއާ އެކި ގޮތްގޮތުން އަންނަނީ މަޝްވަރާ ކުރަމުންނެވެ.

"ސާފް ޗެމްޕިއަންޝިޕް ބާއްވާނެ ވެނިއުއަކާ މެދު އަދިވެސް ކަންކަން ފައިނަލެއް ނުވޭ. މާކެޓިން ޕާޓްނަރުން އަންނަނީ ތަފާތު އެކި ކަންކަން ރިވިއުކުރަމުން. ފައިނަލް ގޮތެއް ނިންމޭނީ ދެން އޮންނަ ސާފްގެ ކޮންގްރެސްގައި،" ކާޒީ ވިދާޅުވި އެވެ.

ސާފްގެ ކޮންގްރެސް ތާވަލުކޮށްފައި އޮތީ އަންނަ މަހުގެ 24 ވަނަ ދުވަހު ނޭޕާލުގެ ކަތުމަންޑޫގައި ކުރިއަށްދާ ގޮތަށެވެ. އެހެންކަމުން، އެ ކޮންގްރެސްގައި، ސާފް ޗެމްޕިއަންޝިޕާ މެދު ފައިނަލް ގޮތެއް ނިންމާނަމަ، އަންނަ ޖޫން މަހު މުބާރާތް ނުފެށޭނެ އެވެ. އެއީ، އާންމު އުސޫލުން މުބާރާތް ފެށުމާ ގުޅޭ މުހިންމު ކަމެއް ނިންމާއިރު، މުބާރާތް ފަށަން ކަނޑައަޅާ ތާރީހާ މެދު ދެ މަސް ދުވަހުގެ މުއްދަތެއް ދޭން ޖެހޭތީވެ އެވެ.

ލަންކާގައި ސާފް ޗެމްޕިއަންޝިޕް ބާއްވަން މަސައްކަތް މި ކުރަނީ 17 އަހަރަށް ފަހު އެވެ. އެންމެ ފަހުން ލަންކާގައި ސާފް ޗެމްޕިއަންޝިޕް ކުޅުނީ 2008 ވަނަ އަހަރު އެވެ. އެ އަހަރު ބޭއްވި މުބާރާތުގައި ލަންކާގެ ކޯ-ހޮސްޓަކީ ރާއްޖެ އެވެ.

ސާފް ޗެމްޕިއަންޝިޕް، މި ފަހަރު ހޯމް އެންޑް އަވޭ ފޯމެޓަށް ބޭއްވޭތޯ މަސައްކަތް ކުރި އެވެ. އެކަމަކު، އަދި އެ ކަަމަށް ގައުމުތަކުން ފުރިހަމަ އަށް ތައްޔާރުވެފައިނުވުމާއި، ހޯމް އެންޑް އަވޭ ފޯމެޓަށް ބޭއްވުމަށްޓަކައި ހިނގާނެ ހަރަދުތަކަށް އެކަށޭނެ ހާލަތެއް ގައުމުތަކުގެ ފެޑެރޭޝަނުގައި ނެތުމާ އެކު، ނިންމީ ސާފް ޗެމްޕިއަންޝިޕް މީގެ ކުރިން 14 ފަހަރު ބޭއްވި ގޮތަށް ސެންޓްރަލައިޒް އުސޫލުން ކުރިއަށްދިއުމަށެވެ.