Advertisement

ބަދަލެއް ދިނުމަށްފަހު ރަށްރަށުގެ އިހުތިސާސުގައި ހިމެނޭ ވަސީލަތްތައް ސަރުކާރަށް ނެގޭނެ ގަވާއިދެއް ހަދައިފި

22 އޭޕްރީލް 2025 - 19:19 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް ޑރ، މުހައްމަދު މުއިއްޒު : މި ގަވާއިދު ގެޒެޓުކުރީ އެލްޖީއޭއިން --- ފޮޓޯ: ރައީސް އޮފީސް


ބަދަލެއް ދިނުމަށްފަހު ރަށްރަށުގެ އިހުތިސާސުގައި ހިމެނޭ ވަސީލަތްތައް ސަރުކާރަށް ނެގޭނެ ގަވާއިދެއް ހަދައިފި

22 އޭޕްރީލް 2025 - 19:19 1

ބަދަލެއް ދިނުމަށްފަހު، ރަށްރަށުގެ ކައުންސިލްތަކުގެ އިހުތިސާސުން ސަރުކާރަށް ބޭނުންވާ ސަރަހައްދުތައް ނެގުމުގެ ބާރުދީ ލޯކަލް ގަވަމަންޓު އޮތޯރިޓީން ގަވާއިދެއް ގެޒެޓުކޮށްފި އެވެ.

މިއަދު ގެޒެޓުކުރި މި ގަވާއިދުގައި ބުނެފައިވާ ގޮތުން މީގެ ފަހުން ކައުންސިލްތަކުގެ އިހުތިސާސުގައި ހިމެނޭ ވަސީލަތެއް، ބިނާއެއް، ނުވަތަ ނުއުފުލޭ މުދަލެއް ގައުމީ އިދާރާއެއްގެ ބޭނުމަށް ނެގޭނީ ކައުންސިލާއި އެ އިދާރާއެކު ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.

މިފަދަ ތަނެއް ސަރުކާރުން ނަގާނަމަ އެތަނަކަށް ދޭން ޖެހޭ ބަދަލު ކަނޑައަޅާނީ އެ ތަނެއް ނުވަތަ ވަސީލަތެއްގެ އަގު އޮޑިޓާ ޖެނެރަލް ނުވަތަ އެފަދަ ތަނެއް އަގުކުރުމުގެ ހުއްދަ ލިބިފައިވާ މިނިވަން އޮޑިޓަރެއް މެދުވެރިކޮށެވެ.

މިގޮތުން ބަދަލުގެ ގޮތުގައި ކަނޑައެޅޭނީ:

  1. ވަސީލަތް، ބިނާ، ނުވަތަ ނުއުފުލޭ މުދަލުގެ އަގު
  2. ވަސީލަތް، ބިނާ، ނުވަތަ ނުއުފުލޭ މުދަލަށް ކައުންސިލުން ކޮށްފައިވާ އިންވެސްޓުމަންޓުގެ އަގު
  3. ވަސީލަތް، ބިނާ، ނުވަތަ ނުއުފުލޭ މުދާ ގައުމީ އިދާރާއަށް ނެގުމުން، އޭގެ ބަދަލުގައި އެފަދަ ވަސީލަތެއް، ނުވަތަ ބިނާއެއް ނުވަތަ ނުއުފުލޭ މުދަލެއް ހެދުމަށް ނުވަތަ ހޯދުމަށް ދާނެ ހަރަދު

ނަމަވެސް، ކައުންސިލަކުން ދެމުންދިޔަ ހިދުމަތެއް ގައުމީ އިދާރާއިން ދިނުމަށް ތަނެއް އަތުލާނަމަ ބަދަލެއް ދޭން ނުޖެހޭނެ ކަމަށް ވެސް ގަވާއިދުގައި ބުނެފައިވެ އެވެ.

މި ގަވާއިދުގައިވާ ގޮތުން، ރަށުގެ ވަސީލަތް ނަގަން ބޭނުންވާ ގައުމީ އިދާރާއާއެކު ބަދަލަކަށް އެއްބަސް ނުވެވިއްޖެނަމަ އެ މަޝްވަރާގެ ތެރެއަށް އެލްޖީއޭ އަދި ފިނޭންސް މިނިސްޓްރީން ވަންނަންޖެެހެ އެވެ. އެ ހިސާބުން ގޮތް ނިންމާނީ ފިނޭންސުންނެވެ. އެވަރުން ވެސް އެއްބަސްވުމަކަށް ނާދެވިއްޖެނަމަ ގޮތެއް ނިންމުމަށް ކޯޓަށް ދިއުމުގެ ފުރުސަތު ކައުންސިލްތަކަށް ލިބެ އެވެ.

ގައުމީ އިދާރާއަކުން ބޭނުންވާ ތަނަކީ އިންވެސްޓްމަންޓެއް ނުކޮށް އޮތް ތަނެއް ނަމަ. އެތަން 15 ދުވަހުގެ ތެރޭގައި އިދާރާއާ ހަވާލުކުރަން ވެސް މި ގާނޫނުން ލާޒިމު ކުރެ އެވެ.

މިފަދަ ގަވާއިދެއް މިއަދު ސަރުކާރުން ގެޒެޓުކުރިއިރު، މި ފަހުން ޓޫރިޒަމުގެ ބޭނުމަށް ކައުންސިލްތަކުގެ އިހުތިސާސުން އެކި ތަންތަން ބަދަލަކާ ނުލައި ސަރުކާރުން ވަނީ ނަގައިފަ އެވެ. މިފަދަ ތަންތަނަށް ބަދަލުދިނުން ތިން މަސްދުވަހުގެ ތެރޭގައި ނިންމަން ވާނެ ކަމަށް ގަވާއިދުގައި ބުނެފައިވެ އެވެ.