Advertisement

އެއްވެސް މައްސަލައެއްގައި މިދިޔަ އަހަރު ޖޫރިމަނާ ނުކުރަނީ އިދިކޮޅު އެމްޑީޕީ އެކަނި

22 އޭޕްރީލް 2025 - 10:37 0

އެމްޑީޕީއިން ބޭއްވި އެއްވުމެއްގެ ތެރެއިން: އެންމެ ބޮޑު އަދަދަކުން ޖޫރިމަނާކޮށްފައި ވަނީ އަދާލަތު ޕާޓީ -- ފޮޓޯ: އަދަދު ފައިލް


އެއްވެސް މައްސަލައެއްގައި މިދިޔަ އަހަރު ޖޫރިމަނާ ނުކުރަނީ އިދިކޮޅު އެމްޑީޕީ އެކަނި

22 އޭޕްރީލް 2025 - 10:37 0

އެއްވެސް މައްސަލައެއްގައި މިދިޔަ އަހަރު ޖޫރިމަނާ ނުކުރާ ހަމައެކަނި ސިޔާސީ ޕާޓީއަކީ އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީކަން އިލެކްޝަންސްގެ ހިސާބުތަކުން އެނގިއްޖެ އެވެ.

ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރުމަށްފަހު އިލެކްޝަންސް އިން އާންމު ހިސާބުތަކުން ފެންނަ ގޮތުގައި މި އަހަރުގެ ބަޖެޓުން ފައިސާ ދޫކުރި ފާސް ޕާޓީގެ ތެރެއިން ހަތަރު ޕާޓީއެއް އޮތީ ޖޫރިމަނާކޮށްފަ އެވެ.

ޖޫރިމަނާކޮޮށްފައި ވަނީ އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީ އާއި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް އާއި ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް އެވެ.

ޖޫރިމަނާ ކުރި ޕާޓީތަކުގެ ތެރެއިން އެންމެ ބޮޑު އަދަދަކުން ޖޫރިމަނާކޮށްފައި ވަނީ އަދާލަތު ޕާޓީ އެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ޕާޓީ 35،000ރ. އިން ޖޫރިމަނާކޮށްފަ އެވެ. ދެން އެންމެ ބޮޑު އަދަދެއްގެ ޖޫރިމަނާއެއް ދައްކަންޖެހެނީ ޖުމްހޫރީ ޕާޓީ އެވެ. ޖޫރިމަނާގެ ގޮތުގައި އެ ޕާޓީއިން 15،000ރ. ދައްކަންޖެހެ އެވެ.

އެމްޑީއޭ އަދި ޕީއެންސީ ކުރެ ކޮންމެ ޕާޓީއެއް ޖޫރިމަނާކޮށްފައި ވަނީ 10،000ރ. އިންނެވެ. އިލެކްޝަންސް ކޮމިޝަނުން ޕާޓީތަކަށް ފައިސާ ދޫކުރާނީ ޖޫރިމަނާއަށް ދައްކަންޖެހޭ ފައިސާ އުނި ކުރުމަށްފަހެވެ.

މި އަހަރުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް 27.9 މިލިއަން ރުފިޔާ ދޫކުރި އެވެ. ފައިސާ ދޫކުރަނީ އެ ޕާޓީއެއްގައި މެންބަރުން ތިބި އަދަދު ބެލުމަށްފަހެވެ. އެންމެ ގިނައިން ފައިސާ ދޫކުރީ ޕީއެންސީއަށެވެ. އެ ޕާޓީއަށް ފައިސާ ދޫކުރީ ހުށަހަޅާފައި ހުރި ވަގު ފޯމުތައް ވެސް ހިމަނައިގެންނެވެ.

ވަގު ފޯމުތައް ހިމަނައިގެން ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރި ނަމަވެސް ވަގު ގޯމުތަކުގެ މައްސަލަ ބަލަމުންދާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ކުރިން ބުނެފަ އެވެ. އެ މައްސަލަ ފުލުހުން ވެސް ދަނީ ބަލަމުންނެވެ.

ޕީއެންސީއަށް 13.3 މިލިއަން ރުފިޔާ ދޭނެ އެވެ. އެމްޑީޕީއަށް ލިބެނީ 8.4 މިލިއަން ރުފިޔާ އެވެ. ޖުމްހޫރީ ޕާޓީއަށް ދެ މިލިއަން ރުފިޔާ ލިބޭއިރު އެމްޑީއޭ އަދި އަދާލަތު ޕާޓީއަށް ލިބެނީ 1.7 މިލިއަން ރުފިޔާ އެވެ.