Advertisement

ގައުމީ ހިދުމަތުގެ ޕްރޮގްރާމަށް ކުރިމަަތިލާން ވަރަށް އަވަހަށް ހުޅުވާލާނެ: ރައީސް

23 އޭޕްރީލް 2025 - 12:24 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ރައީސް ޑރ. މުހައްމަދު މުއިއްޒު: ގައުމީ ހިދުމަތުގެ ޕްރޮގްރާމަށް ކުރިމަަތިލާން ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް


ގައުމީ ހިދުމަތުގެ ޕްރޮގްރާމަށް ކުރިމަަތިލާން ވަރަށް އަވަހަށް ހުޅުވާލާނެ: ރައީސް

23 އޭޕްރީލް 2025 - 12:24 0

ކިޔެވުމުގެ ފެންވަރު ދަށް ވުމުގެ ސަބަބުން މަތީ ތައުލީމުގެ ފުރުސަތުތަކާއި ވަޒީފާތަކުން ބާކީވެފައި ތިބި ފުރާވަރު އުމުރުފުރައިގެ ޒުވާނުން ސިފައިންނާއި ފުލުހުންގެ ގޮތުގައި ތަމްރީނުކުރަން ކަމަށް ބުނެ ސަރުކާރުން ފަށާ "ގައުމީ ހިދުމަތުގެ ޕްރޮގްރާމް" އަށް ކުރިމަތިލާން ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ސިފައިންގެ 133 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ ގައުމީ ހިދުމަތުގެ ޕްރޮގްރާމުގެ ތެރެއިން މައިގަނޑު ގޮތެއްގައި ތަމްރީންވެގެން އަންނަ ޒުވާނުންނަށް އިހުތިޔާރު ކުރުމުގެ ފުރުސަތު ލިބެނީ ސިފައިންނާ ގުޅުމަށް ކަމަށެވެ.

"އަޅުގަނޑު އިއުލާންކުރި ފަދައިން ނޭޝަނަލް ސާވިސްގެ މަސައްކަތް އިރާދަކުރެއްވިއްޔާ އެ ހިދުމަތަށް ކުރިމަތިލުމަށް ހުޅުވާލުން ދާދި އަވަހަށް އޮންނާނެ. އެ ހިދުމަތުގެ ތެރެއިން މައިގަނޑު ގޮތެއްގައި ތަމްރީނުވެގެން އަންނަ ޒުވާނުން އިހުތިޔާރު ކުރަން ބޭނުންނަމަ އިހުތިޔާރު ކުރުމުގެ ފުރުސަތު މިދެވެނީ ސިފައިންނާ ގުޅުމަށް،" ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއް އިތުރަށް ވިދާޅުވީ ގައުމީ ހިދުމަތުގެ ޕްރޮގްރާމަކީ ސިފައިންގެ ކެޕޭސިޓީ އިތުރުކޮށް، އެ ޕްރޮގްރާމާ ގުޅޭ ޒުވާނުން އަހުލާގު ރަނގަޅު ބަޔަކަށް ހެދޭނެ ކަމަށެވެ.

ގައުމީ ހިދުމަތުގެ ޕްރޮގްރާމު ވިލަރެސްކުރުމަށް ރައީސް އޮފީހުގައި ހާއްސަ ޑިޕާޓްމަންޓެއް އުފައްދައި މުވައްޒަފުން ހޯދުމަށް މިދިޔަ ފެބްރުއަރީ މަހު އިއުލާންކުރި އެވެ.

މި ޕްރޮގްރާމް ފައްޓަވަން ނިންމާފައިވާ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރެއްވީ މިދިޔަ އަހަރުގެ ނަސްރުގެ ދުވަސް ފާހަގަކުރަން ބޭއްވި ޖަލްސާގަ އެވެ. އެމަނިކުފާނު ތަސައްވުރުކުރައްވާ ހިސާބަށް ސިފައިން ގެންދަން، ސިފައިންގެއަށް ބޭނުންވާ ވަރަށް ސިފައިން ނެތް ކަމަށް އެ ދުވަހު ރައީސް ވިދާޅުވި އެވެ.

އެ ކަމަށް އެމަނިކުފާނު ހުށަހަޅުއްވާ ހައްލަކީ، ސާނަވީ ސްކޫލް ނިންމާ ކުދިންގެ ތެރެއިން ފާސްތައް ނުލިބުމާ ގުޅިގެން އިތުރަށް ކިޔެވޭގެ ގޮތެއް ނެތް ކުދިން ސިފައިންގެ އާއި ފުލުހަށް ރެކްރޫޓު ކުރުން ކަމަށް ރައީސް ވިދާޅުވި އެވެ.

"އޯލެވަލް ނިމި އޭލެވަލްއަށް ނުދެވި ތިބޭ ކޮންމެ އަހަރަކު ވެސް ހިސާބުތަކުން އެބަ ދައްކާ 2000 އާއި 3000 އާ ދޭތެރޭގެ އަދަދެއްގެ ކުދިން އެބަ އުޅޭ. އޯލެވަލްއިން އެކަށީގެންވާ ވަރަކަށް ފާސް ނުވެ، އޭލަވަލްއަށް ނުދެވި. ވަޒީފާއެއް ވެސް ނުލިބޭ. އަދި ހަމަ އެހާ އެކީގައި އޭލެވަލް ނިންމާފައި ޑިގްރީއަށް ނުފެށޭ ގާތްގަނޑަކަަށް ކޮންމެ އަހަރަކު ވެސް 500 އެއްހާ ކުދިން، 500 އާއި 1000 އާ ދޭތެރޭގައި، މަދުވެގެން 500 ކުދިން، މި ވޭތުވެ ދިޔަ ތިން ހަތަރު އަހަރުގެ ހިސާބުތަކުން ދައްކާ،" އެމަނިކުފާނު އެ ދުވަހު ވިދާޅުވި އެވެ.

މިހާރު އޮންނަ ގޮތުން 16 އަހަރުގެ ކުދިންނަށް ސިފައިންނާއި ފުލުހަށް ނުވަދެވޭ ގޮތަށް އޮތް އޮތުން ބަދަލުކުރަން ހުށަހެޅުމަށް ވެސް ސަރުކާރުން އޮތީ ނިންމާފަ އެވެ. ނަސްރުގެ ދުވަހު ރައީސް ދެއްކެވި ވާހަކަތަކުން ދޭހަވީ އިތުރަށް ކިޔެވޭނެ ގޮތެއް ނެތް، އަދި ވަޒީފާއެއް ނުލިބޭ 16 އަހަރުން މަތީގެ ހުރިހާ ޒުވާނުން މި ޕްރޮގްރާމުގައި ބައިވެރިވާން މަޖުބޫރު ކަމަށެވެ.