Advertisement

ގައުމީ ވޮލީބޯލް ލީގު: ދެ ވަނަ މެޗުން ވެސް ޕޮލިހަށް މޮޅެއް، ޖީޖީ އަށް ފުރަތަމަ މޮޅު

22 އޭޕްރީލް 2025 - 06:53 0


ގައުމީ ވޮލީބޯލް ލީގު: ދެ ވަނަ މެޗުން ވެސް ޕޮލިހަށް މޮޅެއް، ޖީޖީ އަށް ފުރަތަމަ މޮޅު

22 އޭޕްރީލް 2025 - 06:53 0

މިހާރު ކުރިއަށްދާ ގައުމީ ވޮލީބޯލް ލީގުގައި ޕޮލިސް ކްލަބުން ކުޅުނު ދެ ވަނަ މެޗު ވެސް ސީދާ ތިން ސެޓުން ކާމިޔާބުކުރިއިރު، ގުޑް ގޭމްސް ސްޕޯޓްސް އެކަޑަމީ ފުރަތަމަ މޮޅު ހޯދައިފި އެވެ.

ގައުމީ ވޮލީބޯޅަ ލީގުގެ ފުރަތަމަ މެޗުގައި ޕޮލިހުން ނުކުތީ ފްލެކްސާ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. އެ މެޗު ޕޮލިހުން ކާމިޔާބުކުރީ 3-1 ސެޓުންނެވެ. ދެ ވަނަ މެޗުގައި އިއްޔެ ހަވީރު ޕޮލިހުން ނުކުތީ ސިޓީ ފްރެންޑްސް ކްލަބާ ދެކޮޅަށެވެ. މި މެޗު ޕޮލިހުން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ.

މި މެޗުގެ ސެޓުތައް ދިޔައީ 26-24، 25-20 އަދި 25-15 އިންނެވެ.

މި މެޗަށްވެސް ޕޮލިހުން ނުކުތީ އެ ޓީމުގެ އެންމެ އިތުބާރު ކުޅުންތެރިޔާ އަދި ކެޕްޓަން ހައްވާ ރާޝިދާ (ހައްވަ) ނުލަ އެވެ. ހައްވަ އަށް އަނިޔާވީ އެސޯސިއޭޝަން ކަޕުގެ ފުރަތަމަ ސެމީގައި ކްލަބް ވެމްކޯ އަތުން ޕޮލިސް މޮޅުވި މެޗުގަ އެވެ.

ޖީޖީ އާއި ހުރާ ކޮމިއުނިޓީ ކްލަބް ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް


މި މެޗުގެ އެންމެ ވާދަވެރިކޮށް ފެނުނީ ފުރަތަމަ ސެޓެވެ. މި ސެޓު ނިންމަން ސިޓީ ފްރެންޑްސް އަށް ފުރުސަތު ލިބުނު ނަމަވެސް ސެޓުގެ ފަހުކޮޅު ހެދުނު ގޯސްތަކުގެ ފައިދާ ޕޮލިހުން ނަގައި މި ސެޓު 26-24 އިން ކާމިޔާބުކުރި އެވެ.

ޖެހިގެން އައި ދެ ސެޓުގައި ވެސް ސިޓީ ފްރެންޑްސް ފެނިގެންދިޔައީ އާދައިގެ ގޮތަކަށެވެ.

މީގެ އިތުރުން ރޭ ހުރާ ކޮމިއުނިޓީ ކްލަބްގެ މައްޗަށް ޖީޖީ އިން ކުރިހޯދީ 3-2 ސެޓުންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ، 21-25، 25-17، 25-17، 20-25 އަދި 11-15 އިންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ސެޓުގައި ޖީޖީގެ ބިދޭސީ ދެ ކުޅުންތެރިންގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔަ އެވެ. އޭގެ ފައިދާ ނަގާ މި ސެޓު ޖީޖީ އިން ވަނީ 25-21 އިން ކާމިޔާބުކޮށްފަ އެވެ. އެކަމަކު، ޖެހިގެން އައި ދެ ސެޓުގައި އެ ޓީމަށް ރަނގަޅު ރިސީވްތަކެއް ނުދެވި، 25-17 އަދި 25-17 އިން ދެ ސެޓު ގެއްލުނެވެ.

ހަތަރު ވަނަ ސެޓާއި ފަސް ވަނަ ސެޓުގައި ޖީޖީ އިން ވަނީ ފޯމުގައި ކުޅެފަ އެވެ. މި ދެ ސެޓު އެ ޓީމުން ކާމިޔާބުކުރީ 25-20 އަދި 15-11 އިންނެވެ.