Advertisement

ވަޒީރުން މަޖިލީހަށް ހާޒިރުކުރަން އެޖެންޑާ ނުކުރާތީ އާއި ސަބަބެއް ނެތި ޖަލްސާ ނުބާއްވާ މައްސަލައިގައި ގަރާރެއް

21 އޭޕްރީލް 2025 - 18:39 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު، މީކާއިލް އަހުމަދު ނަސީމް؛ އޭނާ ގަރާރު ހުށަހެޅުއްވީ މިއަދުގެ ޖަލްސާ ވެސް ކެންސަލް ކޮށްފައި ވަނިކޮށް -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


ވަޒީރުން މަޖިލީހަށް ހާޒިރުކުރަން އެޖެންޑާ ނުކުރާތީ އާއި ސަބަބެއް ނެތި ޖަލްސާ ނުބާއްވާ މައްސަލައިގައި ގަރާރެއް

21 އޭޕްރީލް 2025 - 18:39 0

މަޖިލީހުގެ ގަވާއިދުގައި ވާގޮތުގެ މަތިން ދައުލަތުގެ ވަޒީރުންނާ ސުވާލު ކުރުމަށް އެދި ހުށަހަޅާތާ އެތައް ދުވަހެއް ފާއިތުވެގެންދާއިރު ވެސް ވަޒީރުންނާ ސުވާލު ކުރުމަށް އެޖެންޑާ ނުކުރާތީ އާއި ސަބަބެއް ބަޔާން ކުރުމެއް ނެތި މަޖިލީހުގެ ޖަލްސާތައް ނުބާއްވާ މައްސަލައިގައި ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު، މީކައިލް އަހުމަދު ނަސީމް މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފި އެވެ.

މީކާއިލް ހުށަހެޅުއްވި ގަރާރުގައި ބުނެފައި ވަނީ ވެރިކަން ހިންގުމުގެ ބާރުން ކުރާ ކަންތައްތައް ހިނގާނުހިނގާ ގޮތް ބެލުމާއި ވެރިކަން ހިންގާ ބާރު ޖަވަބުދާރީ ކުރުވުމުގެ އެންމެހައި ކަންކަމަކީ ގާނޫނުއަސާސީން ރައްޔިތުންގެ މަޖިލީހަށް މަތިކޮށްފައިވާ ދުސްތޫރީ ވާޖިބެއް ކަމަށެވެ.

ނަމަވެސް ދައުލަތުގެ ވަޒީރުންނާ ސުވާލު ކުރުމަށް މަޖިލީހުގެ ރައީސް މެދުވެރިކޮށް މެންބަރުން ފޮނުވާފައިވާ ނޯޓިހުގެ މުއްދަތު ހަމަވިތާ އެތައް ދުވަހެއް ފާއިތުވެގެންދިޔައިރު ވެސް އެ ވަޒީރުން މަޖިލީހަށް ހާޒިރުވެ ޖަވާބު ދީފައި ނުވާ ކަމަށާއި ވަޒީރުންނާ ސުވާލު ކުރުން މަޖިލީހުގެ އެޖެންޑާގައި ނުހިމަނައި މަޖިލީހުގެ ރައީސް ލަސް ކުރަމުންދާ ކަމަށް މީކާއިލް ހުށަހެޅުއްވި ގަރާރުގައި ބުނެފައިވެ އެވެ.

އެއްވެސް މަގުބޫލު ސަބަބެއް ނެތި، ސަބަބު ބަޔާން ކުރުމެއް ވެސް ނެތި މަޖިލީހުގެ ޖަލްސާތައް މަޖިލީހުގެ ރައީސް ނުބާއްވާކަން ވެސް އެ ގަރާރުގައި ފާހަގަކޮށްފައިވެ އެވެ.

އެ ކަންކަމަކީ މަޖިލީހުގެ ގަވާއިދާ ހިލާފަށް މަޖިލީހުގެ ރައީސް ކުރައްވަމުން ގެންދަވާ ކަމެއް ކަމަށް ވާތީ މީކާއިލްގެ ގަރާރުގައި ގޮވާލާފައި ވަނީ މަޖިލީހުގެ މެންބަރުން އެކަމާ މެދު ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށެވެ.

ވަޒީރުން މަޖިލީހަށް ހާޒިރު ކުރުމަށް މަޖިލީހުގެ އެޖެންޑާގައި ނުހިމަނާ މައްސަލަ އާއި މަޖިލީހުގެ ޖަލްސާތައް ނުބާއްވާ މައްސަލައިގައި ގަރާރެއް ހުށަހަޅާފައިވާއިރު، ވަޒީރުންނާ ސުވާލު ކުރުމަށް އެމްޑީޕީގެ އިތުރުން އަމިއްލަ ބައެއް މެންބަރުން ހުށަހަޅުއްވާފައިވާ ސުވާލުތަކުގެ މުއްދަތު ވެސް ހަމަވިތާ އެތައް ދުވަހެއް ފާއިތުވެގެން މިހާރު ވަނީ ގޮސްފަ އެވެ.

މިއަދު ބާއްވަން އޮތް ޖަލްސާ ނުބާއްވަން ނިންމީ ވެސް ވަގު ފޯމު ފުރައިގެން ޕީއެންސީއަށް މެންބަރުން ވެއްދި މައްސަލައިގައި ޖެނުއަރީ މަހު މީކާއިލް ފޮނުވި ސުވާލަކަށް ޖަވާބު ދިނުމަށް ހޯމް މިނިސްޓަރު، އަލީ އިހުސާން މަޖިލީހަށް ހާޒިރު ކުރަން އެޖެންޑާގައި ހިމެނުމަށްފަހު އެވެ.

މަޖިލީހުގެ ޖަލްސާތައް ގަވާއިދުން ނުބާއްވާ މައްސަލައިގައި މަޖިލިސް މެންބަރުންގެ އިތުރުން އާންމުން ވެސް ކަންބޮޑުވުން ފާޅު ކުރަމުންދާއިރު، މަޖިލީހުގެ ގަވާއިދުގައި ބުނެފައި އޮންނަނީ މަޖިލީހުގެ ޖަލްސާތައް ހަފުތާއަކު ތިން ދުވަހު ބާއްވަން ޖެހޭނެ ކަމަށެވެ. ނަމަވެސް މި ދައުރުގެ ތެރޭގައި ހަފުތާއެއްގެ ތެރޭގައި ތިން ޖަލްސާ ބޭއްވީ މިދިޔަ ހަފުތާގައި އެކަންޏެވެ.