Advertisement

ވަކާލާތު ކުރައްވަނީ ޕްރިފަރެންޝަލް ވޯޓިން ނިޒާމެއް ގެންނަން ކަމަށް ރައީސް ވިދާޅުވެއްޖެ

21 އޭޕްރީލް 2025 - 12:25 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް ޑރ. މުހައްމަދު މުއިއްޒު : ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލާ ފުރަތަމަ ބުރުން ރައީސަކު ހޮވޭ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރުމަށް މި އަހަރު ފެންނަ ނުފެންނަ ވޯޓެއް ނަގާނެ --- ފޮޓޯ: ރައީސް އޮފީސް


ވަކާލާތު ކުރައްވަނީ ޕްރިފަރެންޝަލް ވޯޓިން ނިޒާމެއް ގެންނަން ކަމަށް ރައީސް ވިދާޅުވެއްޖެ

21 އޭޕްރީލް 2025 - 12:25 0

އެމަނިކުފާނު ވަކާލާތު ކުރައްވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލުމަށްފަހު ޕްރިފެރެންޝަލް ވޯޓިން ނިޒާމެއް ރާއްޖެއަށް ގެންނަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލައި ފުރަތަމަ ބުރުން ރައީސަކު ހޮވޭ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރުމަށް ކުރާ މަސައްކަތުގައި ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ މަޖިލިސް މެންބަރުންގެ ތާއީދަށް ރައީސް ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެދިވަޑައިގެންފަ އެވެ.

އެކަމާ ގުޅިގެން، އެމަނިކުފާނުގެ ވަޓްސްއެޕް ޗެނަލަށް ފޮނުއްވި މެސެޖެއްގައި ރައީސް ވިދާޅުވީ، ވަކާލާތު ކުރައްވަމުން ގެންދަވަނީ ޕްރިފަރެންޝަލް ސިސްޓަމަކަށް ކަމަށެވެ. އިތުރު އެއްވެސް ތަފުސީލެއް ނުދެއްވަ އެވެ.

ޕްރިފެރެންޝަލް ސިސްޓަމުގައި ރައްޔިތުން ވޯޓުލާނީ އެއްބުރެވެ. ނަމަވެސް ވޯޓުލާއިރު އެއް ކެންޑިޑޭޓަކަށް ހެޔޮ ފާހަގަ ޖެހުމުގައި ބަދަލުގައި، ކެންޑިޑޭޓުން ތަރުތީބުކުރުމުގެ ފުރުސަތު ލިބޭނެ އެވެ.

ވޯޓު ގުނާ ފުރަތަމަ ބުރު ކެންޑިޑޭޓަށް ލިބޭނީ އެއް ނަމްބަރުގައި ރޭންކު ކޮށްފައިވާ ވޯޓުތަކެވެ.

އެގޮތަށް ގުނައިގެން ކެންޑިޑޭޓަކަށް 50 ޕަސެންޓު ނުލިބިއްޖެ ނަމަ ފުލަށް ދިޔަ ކެންޑިޑޭޓުން އުނިކޮށް، އެ މީހުންނަށް ލިބުނު ވޯޓުގެ ދެވަނައަށް އިން ކެންޑިޑޭޓަކަށް ވޯޓު ބަދަލުކުރާނެ އެވެ. ކެންޑިޑޭޓަކަށް މެޖޯރިޓީ ލިބެންދެން މިހެން ކެންޑިޑޭޓުން އުނިކޮށް، އަލުން ގުނާނެ އެވެ.

ވޯޓުލާ ނިޒާމު ބަދަލު ކުރަން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތާއީދަށް ރައީސް ވަނީ ބުރާސްފަތި ދުވަހު އެދިވަޑައިގެންފަ އެވެ. މުލީއާގޭގައި ބޭއްވި ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ ވޯޓުލާ ނިޒާމް ބަދަލު ކުރުމުގެ މަސައްކަތް މި އަހަރު ތެރޭގައި ނިންމަވަން ބޭނުންވެވަޑައިގަންނަވާ ކަމަށެވެ.

މީގެ އިތުރުން، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަަށް ވެސް މި އަހަރު ފެންނަ ނުފެންނަ ވޯޓެއް ނަގަން މަސައްކަތް ކުރާ ކަމަށް ރައީސް ވިދާޅުވި ކަމަށް މެންބަރުން މައުލޫމާތު ދިނެވެ.

ރާއްޖޭގެ ސިޔާސީ ލީޑަރުންގެ ތެރެއިން ރައީސްގެ އެއްބުރުން ވެރިޔަކު ހޮވުމުގެ ސިޔާސަތަށް މިހާތަނަށް ތާއީދުކުރައްވާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކަންޏެވެ.

އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕްރިފެރެންޝަލް ވޯޓާއެކު ނަމަ ރިޔާސީ އިންތިހާބުގެ އެއްބުރުން ވޯޓުލައި ސަރުކާރެއް އެކުލަވައިލުން ރަނގަޅު ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ނަމަވެސް، އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވަނީ މިކަމާ ދެކޮޅު ހައްދަވާފަ އެވެ. އޭނާ ވިދާޅުވީ، ރިޔާސީ އިންތިހާބުން އަގުލަބިއްޔަތު ލިބިގެން، ރައްޔިތުންގެ ސާފު މެންޑޭޓަކާއެކު މިހާރު ރައީސުލްޖުމްހޫރިއްޔާ ހޮވަންޖެހޭ ގޮތަށް ނިޒާމު އޮއްވައި އެކަން ބަދަލު ކުރަން ސަރުކާރުން މަސައްކަތް ކުރަނީ އެއްވެސް އިހުލާސްތެރިކަމެއް ނެތި ކަމަށް ކަމަށެވެ.

ގިނަ ޕާޓީތަކަށް ވާދަކުރެވޭ ގޮތަށް ރާއްޖޭގައި ރިޔާސީ އިންތިހާބު ބާއްވަން ފެށި ފަހުން ފުރަތަމަ ބުރުގައި 50 އިން މަތިން ވޯޓު ހޯދައިގެން އިންތިހާބު ކާމިޔާބުކޮށްފައި ވަނީ 2018 ވަނަ އަހަރު، އޭރު އެމްޑީޕީން ވާދަ ކުރެއްވި ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހެވެ.

އެފަހަރު އެއްބުރުން އިންތިހާބު ކާމިޔާބުކުރަން އެންމެ ބޮޑު ބާރަކަށް ވެގެން ދިޔަ މައިގަނޑު ސަބަބަކީ އެމަނިކުފާނާ އިދިކޮޅު ހުރިހާ ސިޔާސީ ލީޑަރުން ޖަލަށް ލާފައި ތިބުމުން، ރިޔާސީ އިންތިހާބުގެ ކުރިން އިދިކޮޅު ހުރިހާ ޕާޓީތަކެއް ކޯލިޝަން ހެދުމެވެ.