Advertisement

އެމެރިކާގެ އަސްކަރީ މަތިންދާބޯޓެއް ރާއްޖޭގައި ދެ ދުވަސް ހޭދަކޮށްފި

21 އޭޕްރީލް 2025 - 12:34 0

އަހުމަދު އާއިދު

އަހުމަދު އާއިދު

މި މަހު ކުރީކޮޅު ރާއްޖެއަށް އައި އެމެރިކާ އަސްކަރިއްޔާގެ ބޯޓު : މި ބޯޓު މިހާރު އޮތީ އިޓަލީގައި ---


އެމެރިކާގެ އަސްކަރީ މަތިންދާބޯޓެއް ރާއްޖޭގައި ދެ ދުވަސް ހޭދަކޮށްފި

21 އޭޕްރީލް 2025 - 12:34 0

އެމެރިކާ އަސްކަރިއްޔާގެ މަތިންދާބޯޓެއް ރާއްޖެ އައިސް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ދެ ދުވަސް ހޭދަކޮށްފި އެވެ.

މި މަހުގެ 9، ގައި ރާއްޖެ އައީ އެމެރިކާ އަސްކަރިއްޔާގެ Beechcraft UC-12F Huron މަރުކާގެ މަތިންދާ ބޯޓެކެވެ. އެ ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރީ އަވައްޓެރި ސްރީލަންކާގެ ވެރިރަށް ކޮލަމްބޯ އިންނެވެ.

އެ ބޯޓު ވެލާނާ އެއާޕޯޓުން ފުރީ އޭޕްރީލް 11، ގަ އެވެ. ރާއްޖެއިން ފުރައިގެން ބޯޓު ދިޔައީ ސީޝެލްސްގެ މަހެ އައިލެންޑަށެވެ.

އޭގެފަހުން އެ ބޯޓު ދަތުރުކުރި ގައުމުތަކުގެ ތެރޭގައި ކެންޔާ، އިތިއޯޕިއާ، ޔަމަން، ބަހްރެއިން، ސައިޕްރަސް، އަދި އިޓަލީ ހިމެނެ އެވެ. އެންމެ ފަހުން ގޮސްފައިވަނީ އިޓަލީގެ މިލާން އަށެވެ.

މީގެތެރެއިން ގިނަ ގައުމުތަކުގައި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުރެ އެވެ. ދެން ހުރި ގައުމުތަކަކީ އެމެރިކާގެ އަސްކަރީ މިތުރުން ނުވަ އެ ގައުމުން އަސްކަރީ ހަރަކާތްތައް ހިންގަމުންދާ ގައުމުތަކެވެ. މިފަދަ ލިސްޓެއްގައި ރާއްޖެ އޮންނަން ޖެހޭ ސަބަބެއް ސާފެއް ނޫނެވެ.

ސައިޒުން ކުޑަ މި ބޯޓު އާންމުކޮށް ބޭނުންކުރަނީ ފަސިންޖަރުންނާއި ކާގޯ އުފުލުމަށް އަދި މެޑިކަލް އެވެކުއޭޝަން ތަކަށެވެ. އެމެރިކާ އަސްކަރިއްޔާގެ މެރިން ކޯ އަދި ނޭވީގެ އިސް އޮފިޝަލުން އުފުލުމަށް ވެސް މި ބޯޓު ބޭނުންކުރެ އެވެ.

ނަމަވެސް، މި ބޯޓު ރާއްޖެ އައި ސަބަބެއް އަދި ރާއްޖޭގައި ދެ ދުވަސް ހޭދަކުރި ބޭނުމެއް ރާއްޖޭގައި ހުންނަ އެމެރިކާގެ އެމްބަސީ އަދި ދިވެހި ސަރުކާރުން ވެސް ސާފުކޮށްދީފައެއް ނުވެ އެވެ.

ސަބަބެއް ހާމަނުކޮށް އެމެރިކާގެ އަސްކަރީ ބޯޓެއް ރާއްޖެ އައިސްފައި މިވަނީ ދިވެހި އަސްކަރިއްޔާއިން ބޮޑެތި އިންވެސްޓްމަންޓުތަކެއް ކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.

އެމެރިކާ އާއި އިރާނުގެ ނުތަނަވަސްކަމުގެ ތެރެއިން ރާއްޖޭގެ ދެކުނުން އޮންނަ ޑިއެގޯ ގާސީއާއަށް އެ ގައުމުގެ އެންމެ ޒަމާނީ ބޮންއަޅާ ބޯޓުތައް ވަނީ ގެންގޮސްފަ އެވެ. މި މަހުގެ ކުރީކޮޅު އެމެރިކާއިން ޑިއެގޯ ގާސިއާއަށް ފޮނުވި ބީ-2 ބޮންއަޅާ ބޯޓުތައް އަދިވެސް އެ ރަށުގައި އެބަހުއްޓެވެ.