Advertisement

ދިވެހިން މިނިވަންކަންމަތީ ދެމިތިބުމަށް އިރުއޮއްސުމެއް ނެތް: ރައީސް

21 އޭޕްރީލް 2025 - 12:40 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ރައީސް ޑރ. މުހައްމަދު މުއިއްޒު: ދިވެހި ސިފައިންގެ ހިތްތަކުގައި މިނިވަންކަމުގެ ވިންދު ޖަހަމުންދާ ހިނދަކު، ދިވެހިން މިނިވަންކަންމަތީ ދެމިތިބުމަށް އިރު އޮއްސުމެއް ނެތް ކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް


ދިވެހިން މިނިވަންކަންމަތީ ދެމިތިބުމަށް އިރުއޮއްސުމެއް ނެތް: ރައީސް

21 އޭޕްރީލް 2025 - 12:40 0

ދިވެހި ސިފައިންގެ ހިތްތަކުގައި މިނިވަންކަމުގެ ވިންދު ޖަހަމުންދާ ހިނދަކު، ދިވެހިން މިނިވަންކަންމަތީ ދެމިތިބުމަށް އިރު އޮއްސުމެއް ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ސިފައިންގެ 133 ވަނަ އަހަރީ ދުވަހާ ގުޅިގެން ރައީސް ދެއްވި ހިތާބުގައި ވިދާޅުވީ ދުނިޔެއަށް އަންނަމުންދާ ބަދަލުތަކުގައި ދިވެހި ދައުލަތާއި ދީބަށް ލޮޅުމެއް އެރިޔަ ނުދީ، މަސަލަސްކަމާއި ކަރާމާތް ދެމެހެއްޓުމުގެ އެންމެ މަތިވެރި ގައުމީ ޒިންމާ އުފުލާނީ ސިފައިން ކަމަށެވެ.

"ދިވެހި ސިފައިންގެ މުލައްދަނޑިތަކުގައި ގައުމީ ލޭ ދައުރުވާހައި ހިނދަކު، ދިވެހި އަސްކަރީންގެ ހިތްތަކުގައި މިނިވަންކަމުގެ ވިންދު ޖަހަމުންދާހާ ހިނދަކު، އިރާދަކުރެއްވިއްޔާ ދިވެހީންގެ މިނިވަންކަމަކަށް، ދެމިތިބުމަކަށް، އިރުއޮއްސުމެއް ނެތް،" ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ، ކޮންމެ ކަންބޮޑުވުމަކުން ރައްޔިތުން ދަފަރާކުރުމަށް، އެއްގަމާއި ކަނޑާއި ވައިގެތެރޭގައި ވެސް 24 ގަޑިއިރު ހުއްޓުމެއް ނެތި ހަރަކާތްތެރިވަމުން ދަނީ ދިވެހި ސިފައިން ކަމަށެވެ.

އަމިއްލަ ނަފްސާއި އާއިލާތަކަށްވުރެ އަބަދުވެސް ދިވެހި ގައުމާއި ރައްޔިތުންގެ މަސްލަހަތު އިސްކޮށް، ގައުމަށް ދިމާވާ ކޮންމެ ބޮޑުކަމަކާއި ކޮންމެ އުނދަގޫ ވަގުތަކު ދިވެހިންނަށްޓަކައި ދަލާއި ލޭ އޮހޮރުވައި ރޭގަނޑާއި ދުވާލު ވަރުބަލިކަމެއް ނެތި ބުރަ އުފުލުމުގައި އިސްނެގީ ސިފައިންކަން ރައީސް ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ރައީސް މުއިއްޒު ވިދާޅުވީ ޖަޒީރާ ރަށްތަކެއްގެ ގޮތުގައި އޮތް މި ގައުމު، އެއް ވެރިކަމެއްގެ އަމުރުމައުރޫފުގެ ދަށުގައި، މުސްތަގިއްލު ވަޒަނެއްގެ ގޮތުގައި ދެމިއޮތީ، ގައުމުގެ މިނިވަންކަމާއި އެއްބައިވަންތަކަން ހިފަހައްޓައިދިނުމަށް ކެނޑިނޭޅި ސިފައިންވީ ގުރުބާނީގެ ސަބަބުން ކަމަށެވެ.

"ކޮންމެ ނަމެއް ކޮންމެ ޒަމާނަކު ކިޔާފައިވީ ނަމަވެސް، މި ގުރުބާނީގެ ފަހަތުގައި އެންމެ މުހިންމު ދައުރެއް އަބަދުވެސް އަދާކުރީ، ގައުމު ދިފާއުކޮށް، އަމާންކަމާއި ރައްކައުތެރިކަން ކަށަވަރުކޮށްދިނުމަށް ރުކުރުވާލާފައިވާ ލަޝްކަރު. މިއަދު އަޅުގަނޑުމެން މި ނަންކުރާ ދިވެހި ގައުމީ ދިފާއީ ބާރު،" ރައީސް ވިދާޅުވި އެވެ.