Advertisement

ރައްފު އާއި ޝިޒްޓޯ އަށް ބައިނަލްއަގުވާމީ މުބާރާތަކުން ބޮޑު ފުރުސަތެއް

20 އޭޕްރީލް 2025 - 07:29 0


ރައްފު އާއި ޝިޒްޓޯ އަށް ބައިނަލްއަގުވާމީ މުބާރާތަކުން ބޮޑު ފުރުސަތެއް

20 އޭޕްރީލް 2025 - 07:29 0

އޭޝިއަން ހޭންބޯލް ފެޑެރޭޝަން (އޭއެޗްއެފް)ގެ ރެފްރީސް ބެޖު ހާސިލްކޮށްފައިވާ ރާއްޖޭގެ ކުޅަދާނަ ދެ ރެފްރީން ކަމަށްވާ ރަފާހާ އިބްރާހިމް (ރައްފު) އާއި ޝިޒުނާ ރަޝީދު (ޝިޒްޓޯ) އަށް އިންޓަނޭޝަނަލް ހޭންޑްބޯލް ފެޑެރޭޝަން (އައިއެޗްއެފް) ޓްރޮފީ ވިމެންސް ޒޯން ތިނެއް ސެންޓަރަލް އޭޝިއާ މުބާރާތުގައި ރެފްރީކަން ކުރުމުގެ ފުރުސަތު ލިބިއްޖެ އެވެ.

އެ ގޮތުން، މި މަހު 22-26 އަށް ޕާކިސްތާނުގެ ފައިސަލްއާބާދުގައި އޮންނަ މި މުބާރާތުގައި ރެފްރީކަން ކުރުމުގެ ފުރުސަތު މި ދެ ރެފްރީންނަށް ލިބުމަކީ ރާއްޖޭގެ ހޭންޑްބޯޅަ އަށް ލިބިގެންދިޔަ ކާމިޔާބެކެވެ. މިއީ، މި ލެވަލްގެ މުބާރާތަކުން ރައްފު އާއި ޝިޒްޓޯ އަށް ލިބިގެންދިޔަ ބޮޑު ފުރުސަތެކެވެ.

އައިއެޗްއެފް ޓްރޮފީ ވިމެންސް ޒޯން ތިނެއް ސެންޓަރަލް އޭޝިއާ މުބާރާތް ރޭވިފައިވާ ގޮތަށް ބަލާއިރު، ދެ އުމުރުފުރައަކަށް (17 އަހަރާއި 19 އަހަރު) ކުރިއަށްގެންދާނެ އެވެ.

އެ ގޮތުން، މި މުބާރާތުގައި ޖުމްލަ އެކު، 10 ގައުމަކުން ވާދަކުރެ އެވެ. އެއީ، 17 އަހަރުން ދަށުގައި ކަޒަކްސްތާން، ޕާކިސްތާން، ތުރުކުމެނިސްތާން، އުޒްބެކިސްތާން އަދި ތަޖަކިސްތާން އެވެ. އަދި 19 އަހަރުން ދަށުގައި ކެޓަގަރީގައި، ޕާކިސްތާން، ތުރުކުމެނިސްތާން، އުޒްބެކިސްތާން، ތަޖަކިސްތާން އަދި މޮންގޯލިއާ ފެނިގެންދާނެ އެވެ.

ޝިޒްޓޯ އާއި ރައްފު، މީގެ އެއް އަހަރު ކުރިން، އޭއެޗްއެފް ބެޖު ހޯދިއިރު، މި ދެ ރެފްރީން ވެފައިވަނީ ދެކުނު އޭޝިއާގައި ވެސް އޭއެޗްއެފް ބެޖު ހާސިލްކުރި ފުރަތަމަ ދެ ރެފްރީންނަށެވެ. ބައިނަލްއަގުވާމީ ފުރުސަތުތައް ލިބެމުންދާ މިންވަރަކަށް ޝިޒްޓޯ އާއި ރައްފު އަށް ރެފްރީ ކެރިއަރު އެހެން ހަރުފަތަކަށް ކުރިއަށްގެންދަން ދޮރުހުޅުވިގެންދާނެ އެވެ.

ރައްފު، ރެފްރީސް ކޯސް ހެދީ 2017 ވަނަ އަހަރު އެވެ. ޝިޒްޓޯ ވަނީ އޭގެ ތިން އަހަރު ކުރިން ރެފްރީސް ކޯސް ހަދައިފަ އެވެ. މި ދެ ރެފްރީން އަންނަނީ ކުޅުމުގެ ކެރިއަރާއި ކޯޗިން ކެރިއަރު އެކުއެކީގައި ކުރިއަށް ގެންގޮސްފަ އެވެ. ދެ ރެފްރީންގެ އަޒުމަކީވެސް އޭއެޗްއެފްގެ ބެޖުގެ ކާމިޔާބަށް ފަހު ދުނިޔޭގެ ހޭންޑްބޯޅަ ފެޑެރޭޝަންގެ ބެޖު ހޯދުމެވެ.