19 އޭޕްރީލް 2025 - 16:03 0
ލީވާން އަލީ ނާސިރު
މާލޭގައި ހުންނަ ސްޓެލްކޯގެ އިންޖީނުގޭގައި ހުންނަ ދުންހޮޅިތައް: ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވަނީ ހޫނުވާތީ ކަމަށް ސްޓެލްކޯއިން ބުނޭ --- ފޮޓޯ: އާއިމް ޒަމީރު/އަދަދު
19 އޭޕްރީލް 2025 - 16:03 0
މާލެ ސަރަހައްދުގައި މިދިޔަ ބުރާސްފަތި ދުވަހު 114 މެގަވޮޓްގެ ކަރަންޓު ބޭނުން ކޮށްފައިވާއިރު، އެއީ މި އަހަރު ތެރޭގައި އެންމެ ގިނައިން ކަރަންޓު ބޭނުންކުރި ދުވަސް ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.
ސްޓެލްކޯގެ އެމްޑީ ހުސައިން ފަހުމީ އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދު މެންދުރު 1:00 ޖެހުމާ ހަމައަށް މާލޭގެ ކަރަންޓު ލޯޑު ހުރީ 111 މެގަވޮޓްގައި ކަމަށެވެ.
"މި އަހަރުގެ މިހާތަނަށް މާލެ ސަރަހައްދުގައި އެންމެ ގިނައިން ކަރަންޓު ބޭނުންކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު. އެ ދުވަހުގެ 15:00 ގައި 114 މެގަވޮޓްގެ ކަރަންޓު ބޭނުންކޮށްފައިވޭ. އަދި މިއަދުގެ 13:00 ގައި މާލޭގެ ލޯޑް ހުރީ 111 މެގަވޮޓްގައި،" އޭނާ ވިދާޅުވި އެވެ.
މި ދުވަސްވަރަކީ ރާއްޖެއަށް ހޫނު ދުވަސްވަރަކަށްވުމާ އެކު، އިހުސާސް ކުރެވޭ ހޫނުމިން މަތިވަމުންދާކަން ފާހަގަވެފައިވާ ކަމަށް ފަހުމީ ވިދާޅުވި އެވެ.
ފަހުމީ ވިދާޅުވީ އެންމެން ވެސް ކަރަންޓު ބޭނުން ކުރުމުގައި ސަމާލުވެ، ހާއްސަކޮށް އޭސީފަދަ ތަކެތި ބޭނުންކުރާއިރު އޭގެ ފިނިމިން 25 ޑިގްރީއަށް ވުރެ ދަށް ނުކުރުމަށާއި ކޮންމެހެން ބޭނުންވާ މިންވަރަށް ކަރަންޓު ބޭނުންކުރަން އިލްތިމާސްކުރާ ކަމަށެވެ.
"އެހެންކަމުން އަޅުގަނޑުމެން އެންމެން މިކަމަށް ސަމާލުވެ، ފަރުދީގޮތުން ކަރަންޓު އިގްތިސާދު ކުރުމަށް ކުރެވެންހުރި މަސައްކަތްތައް ކޮށްދިނުމަކީ މުޖުތަމައުއާއި އަމިއްލަ ލާބަ އާއި މަންފާއަށް ކުރެވޭ ވަރަށް މުހިންމު ކަމެއް،" އޭނާ ވިދާޅުވި އެވެ.
ރާއްޖެއަށް ހޫނު މޫސުމާ ދިމާކޮށް ކަރަންޓު ބޭނުންކުރާ މިންވަރު އަބަދު ވެސް އިތުރުވެ އެވެ. އަދި ހޫނުމިން މައްޗަށް ދާ ދުވަސްތަކުގައި ކަރަންޓު ބިލަށް އަރާވަރު ވެސް އިތުރުވެ އެވެ.
Comment