Advertisement

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުގައި މާދަމާ އިހުތިޖާޖުކުރަނީ

18 އޭޕްރީލް 2025 - 20:32 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުގައި މާދަމާ އިހުތިޖާޖުކުރަނީ

18 އޭޕްރީލް 2025 - 20:32 0

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުން އިހުމާލުވެފައިވާ ކަމަށް ބުނަމުންދާ ދަނޑިވަޅެއްގައި، އެ މީހުންގެ ހައްގުގައި މާދަމާ ހަވީރު އާޓިފިޝަލް ބީޗުގައި އިހުތިޖާޖު ކުރަން ރާވައިފި އެވެ.

ހަމަހިމޭން އިހުތިޖާޖެއްގެ ގޮތުގައި އެ އިހުތިޖާޖު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ ހަވީރު 4:30 އިން އިރުއޮއްސި 06:00 ޖެހުމާ ހަމައަށެވެ.

އެ އިހުތިޖާޖު ރާވާފައި މިވަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ދައުލަތުން ފޯރުކޮށްދިނުމަށް ގާނޫނުތަކުން ލާޒިމު ކުރާ ހާއްސަ ރައްކާތެރިކަމާއި މާލީ އެހީތެރިކަމުގެ އިތުރުން ބޭސްފަރުވާ ފޯރުކޮށްދިނުމުގައި ސަރުކާރުން އިހުމާލުވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ވެސް ހުށަހަޅާފައިވާ ދަނޑިވަޅެއްގަ އެވެ.

ޖުމްލަ 46 ބެލެނިވެރިން ސޮއިކޮށް މަޖިލީހަށް ހުށަހަޅާފައިވާ އެ ޕެޓިޝަންގައި އެދިފައި ވަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ދައުލަތުން ފޯރުކޮށްދޭން ޖެހޭ މާލީ އެހީތެރިކަމާއި ހާއްސަ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ނުކުޅެދިފައިވާ ސަބަބު ތަހުގީގު ކޮށްދިނުމަށެވެ.

ޕެޓިޝަނުގައި ބުނެފައި ވަނީ އެ މައްސަލަތަކަށް ހައްލު ނުލިބުމުގެ ސަބަބުން ފަރުވާ ދޭންޖެހޭ ބައެއް ކުދިންގެ ހާލަތު އިހުނަށްވުރެ ގޯސްވެ، ރިގްރެޝަނަށް ގޮސް އެ ކުދިންގެ އާންމު ހާލަތު ގޯސްވެ، ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އިއާދަ ނުކުރެވޭވަރުގެ ގެއްލުން ލިބެމުންދާ ކަމަށެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަމުންދާ އިހުމާލުތައް ސަރުކާރުގެ ސަމާލު ކަމަށް ގެނައުމަށް ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު، މުހައްމަދު އިބްރާހިމް މިދިޔަ އަންގާރަ ދުވަހު މަޖިލީހަށް މައްސަލައެއް ވެސް ހުށަހެޅި އެވެ. ނަމަވެސް ސަރުކާރު ހިންގާ ޕީއެންސީގެ ސުޕަ މެޖޯރިޓީ ބޭނުންކޮށްގެން އެ މައްސަލަ ވަނީ ބޭރުކޮށްލައިފަ އެވެ.