Advertisement

ޕޮލިސް ބަލިކޮށް ވެމްކޯ އިން ފަސް ވަނަ ފަހަރަށް އެސޯސިއޭޝަން ކަޕް ކާމިޔާބުކޮށްފި

18 އޭޕްރީލް 2025 - 03:04 0

އަތޫފް އާތިފް

އަތޫފް އާތިފް


ޕޮލިސް ބަލިކޮށް ވެމްކޯ އިން ފަސް ވަނަ ފަހަރަށް އެސޯސިއޭޝަން ކަޕް ކާމިޔާބުކޮށްފި

18 އޭޕްރީލް 2025 - 03:04 0

ފައިނަލުގައި ސީދާ ތިން ސެޓުން ޕޮލިސް ކްލަބް ބަލިކޮށް ކްލަބް ވެމްކޯ އިން ފަސް ވަނަ ފަހަރަށް ވޮލީބޯލް އެސޯސިއޭޝަން ކަޕް ކާމިޔާބުކޮށްފި އެވެ.

ފުރަތަމަ ސެމީ ފައިނަލުގައި ޕޮލިސް އަތުން ބަލިވުމުގެ ބަދަލުހިފައި، ފައިނަލް މެޗުގެ ސެޓުތައް ވެމްކޯ އިން ގެންދިޔައީ، 25-20، 25-19 އަދި 25-19 އިންނެވެ.

މި މެޗުގެ ފުރަތަމަ ސެޓު ފަށައިގެން ހަމަހަމަ ކުޅުމެއް ދެ ޓީމުގެ ފަރާތުން ފެނުނު ނަމަވެސް ސެޓުގެ ވަކި ހިސާބަކުން ވެމްކޯގެ ޕަޓިއްޔާ ޖުޖަންޔާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އެވެ. މީގެ އިތުރުން ނަރީމާ އިދުރީސް (ނަންނި) އާއި ޖޫޒާން ޒަރީރް (ޖޫޒް)ގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިގެންދިޔަ އެވެ. އެއާއެކު މި ސެޓު 25-20 އިން ކާމިޔާބުކުރީ ވެމްކޯ އެވެ.

މެޗުގެ ދެ ވަނަ ސެޓުގައި ޕޮލިސް ޓީމުގެ ފަރާތުން ފެނިގެންދިޔައީ ދަށް ކުޅުމެކެވެ. މި ސެޓުގައި ވެމްކޯގެ އައިޝަތު މާޖިދާ (މާޖި) އާއި ޖޫޒްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، ޕޮލިސް ކްލަބްގެ ރިސީވްތައް މި ސެޓުގައި ދަށެވެ. އޭގެ ފައިދާ ނަގާ މި ސެޓު ވެމްކޯ އިން ކާމިޔާބުކުރީ 25-19 އިންނެވެ.


ތިންވަނަ ސެޓު ފަށައިގެން ޕޮލިހުން ލީޑުކޮށްގެން ކުޅުނު ނަމަވެސް ސެޓުގެ ވަކި ހިސާބަކުން ވެމްކޯ އިން ވަނީ ގޭމުގެ ތެރެއަށްވަދެ އެ ޓީމުގެ ފޯމު ދަމަހައްޓައި މި ސެޓު ވެސް 25-19 އިން ކާމިޔާބުކޮށްފަ އެވެ.

މި މުބާރާތުގެ ސެމީ ފައިނަލުގައި ޕޮލިހުން ވަނީ 3-2 ސެޓުން ވެމްކޯ ބަލިކޮށްފަ އެވެ. އެއާއެކު ވެމްކޯ އިން ފައިނަލަށް އައީ ތިންވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށްގެންނެވެ.

މި ފަހަރުގެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ވެމްކޯގެ މާޖި އެވެ. މީގެ އިތުރުން މި ފަހަރުގެ މުބާރާތުގެ ބެސްތް އައުޓް ސައިޑް އެޓޭކަރަކީ މާޖި އާއި އައިމިނަތު އަރީޝާ (އަރީ) އެވެ. ބެސްޓް އޮޕަސިޓް ޕްލޭޔަރުގެ މަގާމު ޕޮލިހުގެ ހައްވާ ރަޝީދާ (ހައްވަ) ހޮވުނުއިރު، ބެސްޓް މިޑިލް ބްލޮކަރުންނަކީ ވެމްކޯގެ ނަންނި އާއި ޕޮލިހުގެ މަރިޔަމް އަޒުމާ އެވެ.

އެންމެ މޮޅު ސެޓަރަކަަށް ވެމްކޯގެ ޖޫޒް ހޮވުނުއިރު، އެންމެ މޮޅު ކޯޗަކީ ވެމްކޯގެ އަހުމަދު އަދީލް ބޭބެ އެވެ. މީގެ އިތުރުން އެންމެ އުންމީދީ ކުޅުންތެރިޔަކީ ހުރާގެ އައިޝަތު ދީމާ ނަދީމް އެވެ. އޭނާގެ އުމުރަކީ 14 އަހަރެވެ.

ޒުވާނުންގެ މަރުކަޒުގައި މިރޭ ކުޅުނު މެޗު ޝަރަފުވެރިކޮށްދެއްވީ ކުޅިވަރާ ބެހޭ ވަޒީރު އަބްދުالله ރާފިއު (ރާއްޕެ) އެވެ.