Advertisement

މި ސަރަހައްދުގައި ދެ ވަނަ އަށް އެންމެ ވަރުގަދަ ލީގަކީ ރާއްޖޭގެ ވޮލީ ލީގު: ކާއްްޓޭ

2 ޖުލައި 2025 - 07:40 1

އަތޫފް އާތިފް

އަތޫފް އާތިފް


މި ސަރަހައްދުގައި ދެ ވަނަ އަށް އެންމެ ވަރުގަދަ ލީގަކީ ރާއްޖޭގެ ވޮލީ ލީގު: ކާއްްޓޭ

2 ޖުލައި 2025 - 07:40 1

އިންޑިއާ ނުލައި، މި ސަރަހައްދުގައި އެންމެ ވަރުގަދަ ވޮލީބޯލް ލީގެއް ކުޅެނީ ރާއްޖޭގައި ކަމަށް ތަޖުރިބާކާރު ވޮލީބޯލް ކޯޗު އަދި ކްލަބް އެޗްޑީސީގެ ކޯޗު މުހައްމަދު ސާޖިދު (ބޮޑު ކާއްޓޭ) ބުނެފި އެވެ.

ފިރިހެން ވޮލީ ސީޒަން ކުރިއަށްދާއިރު، މި ފަހަރުގެ ވޮލީބޯޅަ ސީޒަނަށް ކްލަބްތަކުން ވަނީ ބޮޑު ހަރަދެއް ކޮށްގެން ގިނަ ބިދޭސީ ކުޅުންތެރިންތަކެއް ޓީމަށް ގެނަސްފަ އެވެ. މި ފަހަރުގެ ވޮލީ ސީޒަނުގައި ކޮންމެ ޓީމަކަށްވެސް ބިދޭސީ ދެ ކުޅުންތެރިން ޓީމު ލިސްޓުގައި ޖެހުމުގެ ފުރުސަތު ވަނީ ދީފަ އެވެ. އޭގެ ބޭނުން ހިފައި ކްލަބުތަކުން ވަނީ ސަރަހައްދުގެ ނަން މަޝްހޫރު ގިނަ ކުޅުންތެރިން ތަކެއް ގެނެސްފަ އެވެ. މީގެ އިތުރުން ޔޫރަޕްގެ ގައުމުތަކުންނާއި އީރާން އަދި ބްރެޒިލް ކުޅުންތެރިން ވެސް ވަނީ ޓީމުތަކަށް ގެނަސްފަ އެވެ.

އެކަން ފާހަގަކޮށް ކާއްޓޭ ބުނީ ކުރިއަށް އޮތް ވޮލީބޯލް ލީގު ވެގެންދާނީ މި ސަރަހައްދުގައި ދެ ވަނަ އަށް އެންމެ ވަރުގަދަ ލީގަށް ކަމަށެވެ.

"މި ސަރަހައްދުގައި އިންޑިއާ ލީގު ނެގުމަށް ފަހު، މިހާރު މި ވަގުތު އެންމެ ވަރުގަދަ ލީގު އޮތީ ރާއްޖޭގައި ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އެއީ ސްރީލަންކާ އަށް ބެލިޔަސް ބަންގްލަދޭޝް އަށް ބެލިޔަސް، ނޭޕާލަށް ބެލިޔަސް މި ފެންވަރުގެ ކުޅުންތެރިން ނުކުޅޭނެ އެ ގައުމުތަކުގައި. ދެން މިހާރު ލީގުގައި ކުޅޭ ގަދަ ފަސް ޓީމަކީ ވެސް ފެންވަރުގެ ގޮތުން އަދި ހާއްސަކޮށް ބޭރު ކުޅުންތެރިންނަކީ ހަމަ ކޮންމެ ޓީމަކުވެސް ސްޓާރުން މިތިބީ. އެހެންވީމަ މިއީ މި ސަރަހައްދުން އިންޑިއާ ނަގައިފައި އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެންމެ ވަރުގަދަ ލީގު" ވޮލީ އެސޯސިއޭޝަނުގެ ސީނިއާ ނައިބު ރައީސެއްގެ މަގާމުގައި ވެސް ހުރި ކާއްޓޭ ބުންޏެވެ.

ކާއްޓޭ ބުނީ އެޗްޑީސީ އިން ކޮންމެ މުބާރާތަކަށް ވެސް ނުކުންނަނީ ޗެމްޕިއަންކަން ހޯދުމަށް ކަމަށެވެ. އަދި އެޗްޑީސީން މި ސީޒަނުގެ ޓާގެޓަކީ މިދިޔަ ސީޒަނުގައި ކާމިޔާބުކުރި ދެ ތަށީ (ވީއޭއެމް ކަޕާއި ލީގު) ގެ އިތުރުން ގައުމީ މުބާރާތް ކާމިޔާބުކުރުން ކަމަށެވެ.

ކާއްޓޭ ބުނީ މުބާރާތައް ނުކުތީ ވަކި ޓީމެއް ބަލި ޓީމެއް ކަމަށް ބަލައިގެން ނޫން ކަމަށެވެ. އަދި މި ފަހަރުގެ ސީޒަން އޮތް ގޮތުން ކައިރިކައިރީގައި މެޗު ކުޅެން ޖެހުމުން ރިކަވަރީ އަށް ގޮންޖެހުންތަކެއް ހުރި ކަމަށް ކާއްޓޭ ބުންޏެވެ. އެކަމަކު އެކަމާ ޝަކުވާ ކުރުމެއް އެޗްޑީސީގެ ނެތް ކަމަށް ކާއްޓޭ ބުންޏެވެ.

ވީއޭއެމްގެ ކަޕް ފައިނަލުގައި އެޗްޑީސީން މިރޭ ނުކުންނާނީ ސިފައިންނާ ދެކޮޅަށެވެ.