17 އޭޕްރީލް 2025 - 16:54 0
ލީވާން އަލީ ނާސިރު
ފުވައްމުލަކުގައި މަރުވި ޒުވާނާ: އޭނާ މަރުވީ ކުއްލި ގޮތަކަށް -- ފޮޓޯ؛ ފޭސްބުކް
17 އޭޕްރީލް 2025 - 16:54 0
ފުވައްމުލައް ސިޓީގެ ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރަމުންދިޔަ ޒުވާނަކު ކުއްލި ގޮތަކަށް މިއަދު މަރުވެއްޖެ އެވެ.
ފުލުހުން ބުނީ ފުވައްމުލައް ހޮސްޕިޓަލަށް ހަބަރު ހުސްވެގެން ގެންދިޔަ ރ. އަލިފުށި، އަބްދުﷲ ރިޝްދާން، 27 މަރުވެފައިވާ މައްސަލަ މެންދުރު 12:11 ހާއިރު ލިބިފައިވާ ކަމަށެވެ.
"ފުވައްމުލައް ހޮސްޕިޓަލަށް ގެންދިޔަ މީހަކު އެ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ މައްސަލަ މިއަދު 12:11 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވޭ،" އެ އިދާރާއިން ބުންޏެވެ.
ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުން އެ މީހާ ހަބަރު ހުސްވެގެން ވެއްޓުނީ ކޮންސްޓްރަކްޝަން ސައިޓު ތެރެއަށް ކަމަށްވާއިރު، އެމީހާގެ މޫނު މައްޗަށް އަނިޔާވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ރިޝްދާން މަސައްކަތް ކުރި ކޮންސްޓްރަކްޝަން ސައިޓުގައި ހުރި މީހަކު އަދަދު އަށް ބުނީ އޭނާ ހަބަރު ހުސްވެގެން ވެއްޓުނީ ކަރަންޓު މަސައްކަތެއް ކުރަން ހުއްޓާ ކަމަށެވެ. ނަމަވެސް ކަރަންޓުގައި ޖެހިގެން ވެއްޓުނުކަން ބުނަން ނޭގޭ ކަމަށެވެ.
"ޓަސްލާފައި އޭނަ އަޑެއް ލައްވާފައި، އަޅުގަނޑު ހުރީ ބަލަހައްޓައިގެން، ހުއްޓާ ފަހަތަށް އޭނާ ވެއްޓިގެންދިޔައީ. ސީދާ ކަރަންޓުގައި ޖެހިގެނޭ ވެއްޓުނީ އަޅުގަނޑަށް ބުނާކަށް ނޭގޭ،" އޭނާ ބުންޏެވެ.
އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުން ކަމަށް އެ އިދާރާއިން ބުންޏެވެ.
Comment