Advertisement

ޔުނައިޓެޑުން އަނެއްކާ ވެސް އޮނާނާ އަށް އިތުބާރު ކުރަން ނިންމައިފި

17 އޭޕްރީލް 2025 - 13:39 0


ޔުނައިޓެޑުން އަނެއްކާ ވެސް އޮނާނާ އަށް އިތުބާރު ކުރަން ނިންމައިފި

17 އޭޕްރީލް 2025 - 13:39 0

މެންޗެސްޓާ (އޭޕްރީލް 17) - ޔުއެފާ ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލް ދެ ވަނަ ލެގުގައި، ލިޔޯނާ ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑްގެ ގޯލު ބެލެހެއްޓުމަށް، ފާޑުކިޔުން ބޮޑުވެފައިވާ ގޯލްކީޕަރު، އަންދްރޭ އޮނާނާ ބޭނުންކުރާނެ ކަމަށް އެ ޓީމުގެ ކޯޗު ރުބެން އަމޮރިމް ބުނެފި އެވެ.

ލިޔޯން ދަނޑުގައި މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ކުޅުނު މެޗުން 2-2 އިން ޔުނައިޓެޑް އެއްވަރުވިއިރު، އެ މެޗުގައި ލިޔޯނުން ޖެހި ދެ ގޯލުގައި ވެސް އޮނާނާ، 29، ވަނީ ގޯސް ހަދައިފަ އެވެ. އެ މެޗުގެ ކުރިން، އޮނާނާ ވަނީ ލިޔޯނަކީ ޔުނައިޓެޑަށް ވުރެ ދަށް ޓީމެއް ކަމަށް ބުނެފަ އެވެ. އެ ވާހަަކަތަކަށް ރައްދުދީ ޔުނައިޓެޑަށް ކުރިން ކުޅުނު، މިހާރު ލިޔޯނުގައި ހުރި ސާބިއާގެ މިޑްފީލްޑަރު، ނަމާންޏާ މަޓިޗް ވަނީ، އޮނާނާ އަކީ ޔުނައިޓެޑް ތާރީހުގައި ވެސް އެ ކްލަބަށް ކުޅުނު އެންމެ ފެންވަރު ދަށް ކީޕަރު ކަމަށް ބުނެފަ އެވެ.

އޮނާނާގެ ފަރާތުން ޔުނައިޓެޑާ ގުޅުނު ފަހުން މި ހިނގާ ދެ ވަނަ ސީޒަނަށް ބަލާއިރު ގިނަ މެޗުތަކެއްގައި ގޯސް ވަނީ ހަދައިފަ އެވެ. އޭގެ ސަބަބުން ނަތީޖާ އަށް އަސަރުކޮށް، ޔުނައިޓެޑް ބަލިވި މެޗުތަކުގެ އަދަދު ވެސް ގިނަ އެވެ. އެހެންވެ، ލިޔޯން މެޗަށް ފަހު، ޔުނައިޓެޑުން ވަނީ އިނގިރޭސި ޕްރިމިއާ ލީގުގައި ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް އާދިއްތަ ދުވަހު ކުޅުނު މެޗުގައި އޮނާނާ ސްކޮޑުން ބާކީކޮށް ދެ ވަނަ ކީޕަރު، އަލްޓޭ ބަޔިންދީރު ހިމަނައިގެން ކުޅެފަ އެެވެ. އެ މެޗުން ޔުނައިޓެޑް ބަލިވީ 4-1 އިންނެވެ.

ލިޔޯނާ ދެކޮޅަށް އަމިއްލަ ދަނޑުގައި ޔުނައިޓެޑުން ކުޅޭ މެޗަށް އޮނާނާ ފުރަތަމަ އެގާރަ އަށް ގެންނަން ނިންމާފައިވާ ކަމަށް އަމޮރިމް ވަނީ ބުނެފަ އެވެ.

"ކުޅުންތެރިން ނަފްސާނީ ގޮތުން ވެސް ތައްޔާރުކުރުމަކީ ޓީމަކުން ކުރަން ޖެހޭނެ ކަމެއް. އަހަންނަށް މި ހަފްތާ ބަންދުގައި ފެނުނީ، އޮނާނާ މަޑުކޮށްފައި، އަލްޓޭ ކުޅެން ޖެހޭ ކަމަށް. ހަމަ އެ ގޮތަށް އަހަންނަށް މިހާރު ނިންމިފައި މި އޮތީ މާދަމާރޭ (މިރޭ) ކުޅޭނީ އޮނާނާ ކަމަށް،" އަމޮރިމް ބުންޏެވެ.

އަމޮރިމް ބުނީ، އޭނާ ޓީމަށް ނަގާ ކުޅުންތެރިއަކު ކުޅެން އަރުވާނެ ސަބަބެއް އެ ކުޅުންތެރިއަކާ އެކު ވާހަަކަ ދައްކާ ކަމަށެވެ. އެ ގޮތުން، މެޗުތަކުގައި ބޭނުންކުރަނީ ފުރިހަމަ އަށް އިތުބާރު ކުރެވޭ ކުޅުންތެރިން ކަމަށާއި އެ ގޮތުން ބަލާއިރު، އޮނާނާއާ މެދު ވެސް ޔަގީންކަން އެބައޮތް ކަމަށް އަމޮރިމް ވަނީ ބުނެފަ އެވެ.

ބާރަ އަހަރު ޔުނައިޓެޑަށް ކުޅުނު ސްޕެއިނުގެ ގޯލްކީޕަރު، ޑޭވިޑް ޑެހެއާ ދޫކޮށްލުމަށްފަހު، މީގެ އެއް އަހަރު ކުރިން، ޔުނައިޓެޑުން އޮނާނާގެ ސޮއި ހޯދީ އިންޓަ މިލާނަށް 60 މިލިއަން ޑޮލަރު ދައްކާ ގޮތަށެެވެ.