Advertisement

ޒަކިއްޔާގެ ވާޗުއަލް އޮޓޮޕްސީ އޭނާގެ އާއިލާއިން ބަލައިނުގަތް

17 އޭޕްރީލް 2025 - 13:50 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ޒަކިއްޔާގެ ވާޗުއަލް އޮޓޮޕްސީ އޭނާގެ އާއިލާއިން ބަލައިނުގަތް

17 އޭޕްރީލް 2025 - 13:50 0

ނ. ހޮޅުދޫ ގެއެއްގެ ތެރެއިން ސެޕްޓެމްބަރު 10، 2024 ގައި މަރުވެފައި އޮއްވައި ފެނުނު އެ ރަށު ނިއުލައިފް، ޒަކިއްޔާ މޫސާ، 50 ގެ ވާޗުއަލް އޮޓޮޕްސީ ބަލައިނުގަންނަން އޭނާގެ އާއިލާއިން ނިންމައިފި އެވެ.

ޒަކިއްޔާގެ އާއިލާއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އަންގާރަ ދުވަހު ފުލުހުންގެ ބައެއް އިސްވެރިންނާ އެކު ބޭއްވި ބައްދަލުވުމުގައި ފޮޓޯ ހިމެނޭ ޒަކިއްޔާގެ ވާޗުއަލް އޮޓޮޕްސީގެ ސަފުހާތައް މަތިމަތިން ބަލާލުމުގެ ފުރުސަތު ލިބުނުއިރު، އެ ރިޕޯޓުގައި ސޮއިކުރި ބައެއް ވެސް ސާފުކޮށް ނުދޭ ކަމަށެވެ.

"އާއިލާގެ ފަރާތުން މިދެންނެވުނު ސަބަބުތަކަށްޓަކައި އެ ވާޗުއަލް އޮޓޮޕްސީ ބަލައިނުގަންނަން. އޭގެ ބަދަލުގައި އެއީ ސައްހަ ރިޕޯޓެއްނަމަ އެ ރިޕޯޓު ބަލައި ދިރާސާ ކުރުމަށް ފަންނީ ބޭފުޅުންނާ އެކު ފުރުސަތު ދޭން ނުޖެހޭ ސަބަބެއް އޮތް ކަމަށް ނުދެކެން،" އާއިލާއިން ބުންޏެވެ.

އިނގިރޭސި ބަހުން އޮތް ޒަކިއްޔާގެ ވާޗުއަލް އޮޓޮޕްސީގެ މައުލޫމާތު ފުލުހުން އޭނާގެ އާއިލާއާ ހިއްސާކުރީ ދިވެއްސަށް ތަރުޖަމާ ކޮށްފައި އޮތް ލިޔުމަކުންނެވެ. އެ ލިޔުމުގައި މަތީގައިވާ ސުރުހީގައި ވާޗުއަލް އޮޓޮޕްސީ ރިޕޯޓް ބަޔާން ކުރުމުގެ ބަދަލުގައި އޮތީ އެކްސްޕާޓް އޮޕީނިއަންކަން ފުލުހުންގެ ފަރާތުން އެނގުނު ކަމަށް އާއިލާއިން ބުންޏެވެ.

"އޭގައި ހިމެނޭ ހަތަރު ގަނޑު ފޮޓޯއަކީ ސީނުން ނަގާފައިވާ ފޮޓޯތަކެއް ކަމަށްވެފައި، މަރުހޫމާގެ މުޅި ހަށިގަނޑުގެ ތުރީޑީ ސްކޭނެއް ހަދާފައިވާކަން އެނގެން ނެތްއިރު އަދި އެ ޑޮކިއުމެންޓުގައި އޮތީ އާންމު އުސޫލުން ރިޕޯޓެއް އޮންނަ ފޯމެެޓަށް ކަމަށް ނުވާއިރު، އަދި އޭގައި ސުވާލާއި ޖަވާބުތަކެއް ހުރުމުން ބޮޑަށް ގަބޫލު ކުރެވެނީ އެއީ ރިޕޯޓެއް ނޫންކަން،" ޒަކިއްޔާގެ އާއިލާއިން ބުންޏެވެ.

ޒަކިއްޔާގެ އާއިލާއިން އިތުރަށް ބުނީ ވާޗުއަލް އޮޓޮޕްސީ ކަމަށް ބުނާ ލިޔުމުގައި ހުރި ރަޔުޔުއަކީ ގާނޫނީ ގޮތުން ބޭނުން ކުރެވޭފަދަ ރައުޔެއް ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.

އެގޮތުން ފުލުހުންގެ މައުލޫމާތުން އެނގޭ ގޮތުގައި އެ ލިޔުން ތައްޔާރުކުރީ ޑިޕްލޮމެޓިކް ޗެނަލުން ކަމަށްވާއިރު، ޑިޕްލޮމެޓިކް އިމްތިޔާޒުގެ ދިފާއު ފުލުހުން ނަގާތީ، ތަހުގީގަށް ނުވަތަ ޝަރީއަތަށް ވަކި ކަމެއް ނިންމުމަށް އެ ލިޔުމަށް ރިޔާޔަތް ނުކުރެވޭނެ ކަމަށް އާއިލާއިން ބުންޏެވެ.

ޒަކިއްޔާގެ އާއިލާއިން ވަނީ އޭނާގެ ނަފްސާނީ ބަލީގެ ބާވަތަކީ ކޮބައިކަން އަދި ނަފްސާނީ ބަލީގެ ގޮތުގައި ޒަކިއްޔާ ޑައިގްނޯސް ކުރެވިފައިވާ ބައްޔެއް ވެސް ފުލުހުން މިހާތަނަށް ސާފުކޮށްދީފައި ނުވާ ކަމަށެވެ.

ޒަކިއްޔާގެ އާއިލާއިން އިތުރަށް އެދުނީ މައްސަލައިގެ ތަހުގީގު ނިންމާލުމަށް ނުވަތަ އަމިއްލަ މަރެއް ކަމަށް ބަޔާންކޮށް ތަހުގީގު ނިންމާލުން މަޑުޖައްސާލުމަށެވެ. އެ ގޮތަށް އާއިލާއިން އެދުނީ ދައުލަތުގެ އެހެން މުއައްސަސާތަކުން އެ މައްސަލަަ ބަލަމުންދާތީ އެފަދަ ނިންމުމެއް ނިންމުން އިންސާފުވެރި ނުވާނެތީ އެވެ.

މީގެ އިތުރުން ޒަކިއްޔާ އަމިއްލައަށް މަރުވި ކަމަށް ބެލި ނަމަވެސް، އަމިއްލައަށް މަރުވާން ޖެހޭ ސަބަބެއް ދެނެގަތުމަކީ ތަހުގީގުން ކުރަން ޖެހޭ ކަމެއް ކަމަށް ވެސް އާއިލާއިން ބުންޏެވެ.

ޒަކިއްޔާގެ މަރުގެ މައްސަލައިގައި ޝައްކު ކުރެވޭ ކަންތައްތައް ހުރި ނަމަވެސް އޭނާގެ އޮޓޮޕްސީއެއް ނުހަދަ އެވެ. އެކަމާ ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހުސާން ހޮޅުދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވިއރު ވިދާޅުވީ ޒަކިއްޔާގެ އޮޓޮޕްސީ ނަހަދަން ނިންމި ނިންމުމަކީ ގޯސް ނިންމުމެއް ކަމަށެވެ.

ޒަކިއްޔާގެ މަރަށް އިންސާފު ނުލިބޭ ކަމަށް ބުނެ ހޮޅުދޫ ރައްޔިތުން އެ ރަށުގައި އެކި ފަހަރު މަތިން އިހުތިޖާޖުތަކެއް ކުރިއަށް ގެންގޮސްފައިވެ އެވެ.

ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނުއިރު ޒަކިއްޔާގެ ކަރުގައި ވަރަށް ފުން ފަސް ޒަހަމާއި ތިލަ އެއް ޒަހަމު ފެންނަން ހުރި ކަމަށް މި ތަހުގީގާ ގުޅިގެން ޑިސެމްބަރު 3، 2024 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ބުނެފައިވެ އެވެ. އެއީ 10، 9، 7، 5، އަދި ދެ ސެންޓިމީޓަރުގެ ޒަހަމްތަކެކެވެ.

ފުލުހުން ބުނެފައި ވަނީ ޒަކިއްޔާގެ ކަރުގައި ފުން ޒަހަމުތަކެއް ހުރި ނަމަވެސް، މީހަކު އޭނާ ގަސްދުގައި މަރައިލި ކަމަށް ބެލޭނެ އެއްވެސް ހެއްކެއް ތަހުގީގަށް ލިބިފައި ނުވާ ކަމަށެވެ.