Advertisement

ތިން ހާހަށް ވުރެ ގިނަ މީހުން ބާކީކޮށް ނެރުނު ފްލެޓް ލިސްޓަށް 8،000 އަށްވުރެ ގިނަ ޝަކުވާ

16 އޭޕްރީލް 2025 - 16:57 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޭ ފްލެޓްތައް: 3،119 މީހުން ބާކީކޮށް މިނިސްޓްރީން ނެރުނު ފްލެޓް ލިސްޓަށް 8،000 އަށްވުރެ ގިނަ ޝަކުވާ ވަނީ ހުށަހަޅާފައި -- ފޮޓޯ: އަދަދު ފައިލް


ތިން ހާހަށް ވުރެ ގިނަ މީހުން ބާކީކޮށް ނެރުނު ފްލެޓް ލިސްޓަށް 8،000 އަށްވުރެ ގިނަ ޝަކުވާ

16 އޭޕްރީލް 2025 - 16:57 0

މިދިޔަ ސަރުކާރުން ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭނެ ކަމަށް އިއުލާނުކުރި ލިސްޓުގައި ހިމެނުނު މީހުންގެ ތެރެއިން 3،119 ބާކީކޮށް މި ސަރުކާރުން ނެރުނު ފްލެޓް ލިސްޓަށް 8،602 ޝަކުވާ ހުށަހަޅައިފި އެވެ.

ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއާ ހަވާލާދީ ދައުލަތުގެ މީޑިއާ ޕީއެސްއެމް އިން ބުނީ ޕޯޓަލް މެދުވެރިކޮށް ހުށަހެޅީ 5،226 ޝަކުވާ އެވެ. ބާކީ 2،840 ޝަކުވާ އީމެއިލް މެދުވެރިކޮށް ހުށަހަޅާފައިވާއިރު، ސިޓީ މެދުވެރިކޮށް 526 ޝަކުވާ ހުށަހެޅި ކަމަށް އެ މީޑިއާއިން ބުންޏެވެ.

ފްލެޓް ލިސްޓު ފެބްރުއަރީ 27، ގައި އިއުލާން ކުރުމަށްފަހު، އެއް މަސް ދުވަސް ތެރޭގައި ޝަކުވާ ހުށަހަޅަން ހުޅުވާލީ މާޗު 1، ގަ އެވެ. ނަމަވެސް ފަހުން އޭޕްރީލް 15، ގެ ނިޔަލަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރުކުރި އެވެ.

ފްލެޓު ނުލިބޭނެ ކަމަށް ކަނޑައެޅި 3119 މީހުންނަކީ ފްލެޓު ލިބޭ ވަރަށް ޝަރުތު ހަމަނުވާ ކަމަށް މި ސަރުކާރުން ކަނޑައެޅި 2695 މީހުންނާއި އިވެލުއޭޝަން ނިމުނުއިރު ފްލެޓު ލިބޭ ވަރަށް ޕޮއިންޓު ނުލިބުނު 424 މީހުންނެވެ.

މިދިޔަ ސަރުކާރުން ފްލެޓު އިއުލާނުކުރި ލިސްޓުގައި ޝަރުތު ހަމަވާ ކަމަށް ކަނޑައެޅި 4,939 މީހުންގެ ތެރެއިން އިވެލުއޭޝަން ނިމުނުއިރު:

  • ތިން ކޮޓަރީގެ ފްލެޓު ލިބޭނެ ކަމަށް މިދިޔަ ސަރުކާރުން ކަނޑައެޅި 3,721 މީހުންގެ ތެރެއިން ވެރިފިކޭޝަނަށް ފަހު 75 ޕޮއިންޓަށް ވުރެ މަތިން ޕޮއިންޓު ލިބިގެން ފްލެޓު ލިބެނީ 1,423 މީހުންނަށް
  • ދެ ކޮޓަރީގެ ފްލެޓު ލިބޭނެ ކަމަށް މިދިޔަ ސަރުކާރުން ކަނޑައެޅި 1,218 މީހުންގެ ތެރެއިން ޝަރުތު ހަމަވެ 73 ޕޮއިންޓަށް ވުރެ މަތިން ލިބިފައި ވަނީ 397 މީހުންނަށް

ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތަލިބު ކުރިން ވިދާޅުވީ ފްލެޓްތައް ދިނުމަށް ކަނޑައަޅާނީ ލިބޭ ޝަކުވާއަށް ބަލައި މިނިސްޓްރީގެ ނިންމުމަށް ޗެލެންޖު ކުރަން ބޭނުންވާ އެންމެންނަށް އެ ފުރުސަތު ވެސް ދިނުމަށްފަހު ކަމަށެވެ.

ފްލެޓު ލިބޭނެ ކަމަށް މިދިޔަ ސަރުކާރުން ކަނޑައެޅި ލިސްޓަރު ދެބައިކުޅަ އެއްބަޔަށްވުރެ ވެސް ގިނަ މީހުން އުނިކޮށް އާ ލިސްޓެއް މި ސަރުކާރުން ހެދުމުން އެކަމާ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށް ދަނީ އަޑުއުފުލަމުންނެވެ.