16 އޭޕްރީލް 2025 - 11:32 0
16 އޭޕްރީލް 2025 - 11:32 0
މިއުނިކް (އޭޕްރީލް 16) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ދެ ވަނަ ލެގުގައި މިރޭ ރަށުންބޭރުގައި އިންޓަ މިލާން ކައިރިން ނަތީޖާ އަނބުރާލުމަށްޓަކައި، ބަޔާން މިއުނިކުން ޓީމަށް ދިމާވެފައި އޮތް ހާލަތުގެ ޝަކުވާ މަދުކޮށް ރަނގަޅަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ބަޔާންގެ ކޯޗު ކޮމްޕެނީ ބުނެފި އެވެ.
މިދިޔަ ހަފްތާގައި ބަޔާން ދަނޑުގައި ކުޅުނު މެޗުން އިންޓަ ވަނީ 2-1 އިން މޮޅުވެފަ އެވެ. އެހެންކަމުން، އިންޓަ ދަނޑުގައި މިރޭ ކުޅޭ މެޗުން ބަޔާނަަށް އޮތީ މޮޅުވެގެން ނަތީޖާއެއް ނެރުން މަޖުބޫރުވެފަ އެވެ.
ދެ ވަނަ ލެގުގެ މެޗުގެ ކުރިން ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެމުން ކޮމްޕެނީ ބުނީ، ފުރަތަމަ ލެގުގައި ވެސް ކަންތައްތައް ހިނގައިދިޔަ ގޮތުން ޔަގީންވާ ކަމަކީ މި ކަހަލަ ވަރުގަަދަ މެޗެއްގައި ނަތީޖާއެއް ނުކުންނަން ހިނގަން ޖެހެނީ ވަރަށް މަދު ކަންތައްތަކެއް ކަމަށެވެ.
"މިއީ ވެސް އެ ކަހަލަ ހާއްސަ ރެޔަކަށް ވެދާނެ. ވަރަށް ކުޑަކުޑަ ގޯހަކުން، ނޫނީ ވިސްނާނުލައި ކުރެވޭ ކަމަކުން އަތުން ވަރަށް ބޮޑު އެއްޗެއް ގެއްލިދާނެ. އަހަރެމެންނަށް އޮތް ހާލަތުގެ ޝަކުވާ ނުކޮށް، ޓީމެއްގެ ގޮތުގައި މަސައްކަތްކޮށްގެން ބޭނުންވާ ކަންކަން ހާސިލްކުރެވިދާނެ،" ކޮމްޕެނީ ބުންޏެވެ.
ބަޔާނުން މި މެޗުގައި ކުޅެން ޖެހޭނީ، ޖަމާލް މުސިއާލާ، މެނުއަލް ނޯޔާ، އަލްފަންސޯ ޑޭވިސް، ޑަޔޫޓް އުޕަމެކާނޯ އަދި ހިރޯކީ އީޓޯ ނުލަ އެވެ.
މި ވަގުތަށް ބަލާއިރު، އިންޓަ އަކީ އިޓަލީގެ އެންމެ ވަރުގަދަ ޓީމު ކަމަށާއި އެކަން ދަނެގެން ބަޔާނުން އަމިއްލަ އަށް ޗެލެންޖުތަކެއް ނަގައިގެން ޓާގެޓަށް ވާސިލްވާން މަސައްކަތްކޮށްފިނަމަ، ފުރުސަތު އެބައޮތް ކަމަށް ކޮމްޕެނީ ވެސް ވަނީ ބުނެފަ އެވެ.
"އިޓަލީގެ އެންމެ މޮޅު ޓީމާއި ޖަރުމަނުގެ އެންމެ މޮޅު ޓީމު މި ވާދަކުރަނީ. ދެ ޓީމުގެ ވެސް އެބަހުރި މި މުބާރާތް ކާމިޔާބުކުރުމުގެ ޓާގެޓް، އެހެންވީމަ، މިއީ ފޯރިގަދަ މާހައުލެއްގައި ކުޅޭނެ ވަރުގަދަ މެޗަކަށްވާނެ،" ކޮމްޕެނީ ބުންޏެވެ.
އިންޓަ އާއި ބަޔާން ތެރެއިން މޮޅުވާ ޓީމެއް ސެމީ ފައިނަލުގައި ކުޅެން ޖެހޭނީ ބާސެލޯނާއާ އެވެ. ބާސެލޯނާ އިން ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި އެ ކުޅެނީ ހަތް އަހަރު ތެރޭ ފުރަތަމަ ފަހަރެވެ.
Comment