16 އޭޕްރީލް 2025 - 11:06 5
އަހުމަދު އާއިދު
ރަޝިޔާގެ ބޮޑުވަޒީރު ލެޑިމިއަ ޕުޓިން : ކުރުސީ އެކައުންޓު ހިންގާ ބަޔަކު ހޯދިއްޖެ ކަމަށް ރަޝިޔާއިން ވަނީ ބުނެފަ ---
16 އޭޕްރީލް 2025 - 11:06 5
ކާކުކަން ނޭނގޭ ގޮތަށް އެކްސްގައި ހިންގާ "ހަސަން ކުރުސީ" އެކައުންޓު ހިންގާ މީހާ އެނގޭ ކަމަށް ރަޝިޔާއިން ބުނެފި އެވެ.
ރާއްޖެ އަދި ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަ ރަޝިޔާގެ އެމްބެސެޑަރު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، ކުރުސީ އެކައުންޓު ހިންގާ މީހަކީ ކާކުކަން ރަޝިޔާ އަދި ރަޝިޔާގެ ވެރިންނަށް ވަރަށް ސާފު ކަމަށެވެ.
"މި އެކައުންޓު ހިންގަނީ މިވަގުތު ޔޫރަޕުގެ ގައުމެއްގައި ހުރި ރާއްޖޭގެ ކުރީގެ ސިޔާސީ މީހެއްކަން ރަޝިޔާގެ ލީޑަޝިޕަށް އެނގޭ،" އެ ޕޯސްޓުގައި ރަޝިޔާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ލިވަން ޖަރުކަ ވިދާޅުވެފައިވެ އެވެ.
ރަޝިޔާއިން މިފަދަ ޕޯސްޓެއް ކޮށްފައި މިވަނީ ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް ކޮމްޕިއުޓަރު ޗިޕު އެތެރެކުރާ ކަމަށް ބުނެ، ކުރުސީ އެކައުންޓުން އިއްޔެ ކުރި ޕޯސްޓަކާ ގުޅިގެންނެވެ.
އެ ތުހުމަތުތައް ރަޝިޔާއިން ވަނީ ދޮގުކޮށްފަ އެވެ. ރަޝިޔާއިން މިކަން ސިފަކުރީ އެ ގައުމާ އެމެރިކާ އަދި ރާއްޖެ އާއެކު އޮތް ގުޅުމަށް ބުރޫއަރުވަން ކުރާ މަސައްކަތެއްގެ ގޮތުގަ އެވެ.
އެކި ފަރާތްތަކަށް ފާޑުކިޔައި ކޮރަޕްޝަންގެ ތުހުމަތު ކުރަމުންދާ، ކުރުސީ އެކައުންޓު ހިންގަނީ ކާކުކަން ހޯދުމަށް ދިވެހި ފުލުހުންގެ އެދުމުގެ މަތިން ކްރިމިނަލް ކޯޓުން ވެސް މީގެ ކުރިން އަމުރެއް ނެރެފައިވެ އެވެ. ނަމަވެސް މިހާތަނަށް އެ އެކައުންޓު ހިންގާ މީހަކު ހޯދިފައެއް ނުވެ އެވެ.
އޭގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން ސިންގަޕޫރުގެ ޝޮޕިން މޯލެއްގެ ތެރޭގައި އުޅުއްވަނިކޮށް މީހަކު ނެގި ފޮޓޯއެއް ކުރުސީ އެކައުންޓަށް ދިން މައްސަލާގައި ދިވެއްސެއްގެ ފޯނު ވެސް ފުލުހުން ހިފެހެއްޓި އެވެ.
Comment