16 އޭޕްރީލް 2025 - 10:58 0
16 އޭޕްރީލް 2025 - 10:58 0
މެޑްރިޑް (އޭޕްރީލް 16) - ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑްގެ ކާމިޔާބީތަކުގެ ވާހަކަތަކުން އާސެނަލް ޕްރެޝަރަށް ވެއްޓުމުގެ ބަދަލުގައި ވިސްނުން ހުރީ ދަނޑުމަތީގައި ރަނގަޅު ކުޅުމެއް ދައްކައިގެން އެ ދެކެވޭ ވާހަަކަތަކަށް ޖަވާބު ދިނުމަށް ކަމަށް އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.
މިދިޔަ ހަފްތާގައި އާސެނަލް ދަނޑުގައި ކުޅުނު، ޗެމްޕިއަންއަންސް ލީގުގެ ކުއާޓާ ފައިނަލް ފުރަތަމަ ލެގުގެ މެޗުން އެ ޓީމު ވަނީ 3-0 އިން މޮޅުވެފަ އެެވެ. މިރޭ ރެއާލް ދަނޑުގައި ކުޅޭ ދެ ވަނަ ލެގުގައި އެ ޓީމަށް ނަތީޖާ އަނބުރާލެވިދާނެ ކަމަށް މީގެ ކުރިން ނެރެފައިވާ ނަތީޖާތަކުން ފެންނަން އެބަހުރިކަމަށް ބުނެ، މީޑިއާގައި ގިނަ ވާހަކަތަކެއް އަންނަނީ ދެކެވެމުންނެވެ. އަދި ރެއާލްގެ ކުޅުންތެރިން ވެސް އަންނަނީ އެ ކަމަށް ބާރުއަޅައި ޝުއޫރު ފާޅުކުރަމުންނެވެ.
"އެ ދެކެވޭ ވާހަަކަތައް އަހަރެމެންނަށް ނުއެއްހުުއްޓުވޭނެ. ޔަގީންކަމެއް އެއީ އެ މީހުން (ރެއާލް)ގެ އެ އެބައޮތް ބޮޑު ތާރީހެއް. ދެން، މި ކަހަލަ ހާލަތްތަކުގައި އެ ޓީމުން ނަތީޖާ ނެރެފައި ވެސް އެބަހުރި. އެކަމަކު، އަހަރެމެން އަތްމަތީގައި މި އޮތީ ދަނޑުމަތީގައި މަސައްކަތް ކުރުން. އެ ވާހަކަތަކާ ހުރިހާ ކަމަކަށް ނުވިސްނައި، އަހަރެމެން ޖަވާބުދޭންވީ ދަނޑުމަތީގައި، އެއީ އަހަރެން ބޭނުންވާ ވިސްނުން،" އާޓެޓާ ބުންޏެވެ.
ފުރަތަމަ ލެގުން މޮޅުވެފައި އޮތަސް މާ ބޮޑު އިތުރު ވިސްނުންތަކެއް މި މެޗަށް ނުގެންނަ ކަމަށާއި ބޭނުންވަނީ ރެއާލް ދަނޑުގައި ކުޅޭ މެޗުން ވެސް މޮޅުވާން ކަމަށް އާޓެޓާ ވަނީ ބުނެފަ އެވެ. އާސެނަލުން ވެސް މަސައްކަތް ކުރަމުން އަންނަނީ އެހެން ގިނަ ކްލަބްތަކެކޭ އެއްގޮތަށް ޔޫރަޕް ފުޓްބޯޅައިގައި އެ ޓީމުގެ ކާމިޔާބީތައް ވެސް ވަރުގަދަކުރަން ކަމަށް އާޓެޓާގެ ވާހަކައިގައި ފާހަގަކުރި އެވެ.
"ސެމީ ފައިނަލުގެ ޖާގައެއް ބޭނުން. އޭރުން ކުރިއެރުމަކަށް ވާނީ. ސެމީ އަށް ދެވިއްޖެނަމަ، އެ ވެގެންދާނީ މި ކްލަބްގެ ތާރީހުގައި އެކަން ކުރެވޭނެ ތިން ވަނަ ފަހަރަށް،" އާޓެޓާ ބުންޏެވެ.
މެޗުގައި ޑިފެންސަށް ހާއްސަ ސަމާލުކަމެއް ދީގެން ކުޅެން ވިސްނަންތޯ ނޫސްވެރިއަކު އެހުމުން އާޓެޓާ ބުނީ، އެ ޓީމު ކޮޅަށް އެއް މެޗެއްގައި ތިން ގޯލު ނުވަންނަތާ 497 ދުވަސްވެފައިވާ ކަމަށެވެ. އެއީ، ވެސް ވަކިން ޑިފެންސަށް ހާއްސަވެގެން އެ ސިސްޓަަމަކަށް ކުޅެގެން އާދެވުނު ހިސާބެއް ނޫން ކަމަށާއި އެހެންކަމުން މެޗަށް ގެންގުޅޭ ވިސްނުންތައް މާ ބޮޑަށް މި މެޗަށް ވެސް ބަދަލެއް ނުވާނެ ކަމަށެވެ.
މީގެ ކުރިން ޔޫރަޕް މުބާރާތެއްގެ ނޮކައުޓް ބުރެއްގައި ރެއާލް ފުރަތަމަ ލެގުގައި ތިން ގޯލު ނޫނީ އެ އަށް ވުރެ ބޮޑު ފަރަގަކުން ފަސް ފަަހަރު ބަލިވި އެވެ. އެ ޓީމަށް ނަތީޖާ އަނބުރާލެވުނީ އެންމެ ފަހަރަކު އެވެ. އެއީ، 1975/1976 ސީޒަނުގައި ޑާބީ ކައުންޓީ އަތުންނެވެ.
Comment