16 އޭޕްރީލް 2025 - 10:27 1
މުހައްމަދު ޝަހްޒާން
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އާދަމް ނަސީރު ވާހަކަދައްކަވަނީ: އޭނާ ވިދާޅުވީ ގައުމު ކިޔަނީ ދިވެހި ރައްޔިތުންނަށް ކަމަށާއި ގައުމު ބިނާ ކުރުމަކީ ދިވެހިންގެ އަސްލުތަކާ އެއްގޮތަށް ދިވެހިންގެ ވިސްނުން ބަދަލު ކުރުން ކަމަށް -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
16 އޭޕްރީލް 2025 - 10:27 1
ގައުމު ބިނާ ކުރުމަށް ގައުމިއްޔަތާއި ދިވެހި ބަހުގެ މިނިސްޓްރީން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހައިތަނަށް 3000 އެއްހައި މީހުންނަށް ގައުމިއްޔަތުގެ އަސްލުތައް އުނގަންނައިދީފައިވާ ކަމަށް ހެރިޓޭޖު މިނިސްޓަރު، އާދަމް ނަސީރު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް މިއަދު މިނިސްޓަރު އާދަމް ނަސީރު މަޖިލީހަށް ވަޑައިގަތުމުން ހިތަދޫ މެދު ދާއިރާގެ މަޖިލިސް މެންބަރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އާދަމް ނަސީރު ވިދާޅުވީ ދިވެހި ގައުމު ކިޔަނީ ދިވެހީންނަށް ކަމަށެވެ.
ގައުމު ބިނާ ކުރުމަކި ދިވެހިންގެ ވިސްނުން ދިވެހިންގެ އަސްލުތަކާ އެއްގޮތަށް ދިވެހިންގެ ސަލާމަތަށްޓަކައި ބަދަލު ކުރުމަށް ކަމަށް އާދަމް ނަސީރު ވިދާޅުވި އެވެ. އެކަމަކީ ދިވެހިންގެ ދައުލަތް ދަމަހައްޓައި ދިވެހީން، ދިވެހީންގެ ގޮތުގައި ދެމި ތިބުމަށް މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"[ގައުމު ބިނާ ކުރުމަށް] އެކަމަށްޓަކައި އަޅުގަނޑުމެން މި ދަނީ ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުން، މިހާތަނަށް 3000 އަށްވުރެ ގިނަ ފަރާތްތަކަށް އަޅުގަނޑުމެން ވާނީ ދިވެހި ގައުމިއްޔަތުގެ އިލްމީ އަސްލުވަންތަކަމާ ބެހޭ އިލްމީ ހުށަހެޅުންތައް ފޯރުކޮށްދީފައި އަދި އޭގެ އިތުރަށް އަޅުގަނޑުމެންގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި އިސްވަރުގެ މަސައްކަތްތަކާއި ސެމިނާރުތަކުން ވާނީ އިތުރު ހޭލުންތެރިކަން ގެނެސްދީފައި،" އާދަމް ނަސީރު ވިދާޅުވި އެވެ.
އަޒާން ސުވާލު ކުރެއްވީ، ދިވެހި ދައުލަތުން ހެރިޓޭޖު މިނިސްޓްރީއަށް ކުރާ ހަރަދާ އެއްވަރުގެ މަސައްކަތެއް އެ މިނިސްޓްރީން ކުރަމުން ގެންދޭތޯ އެވެ.
އާދަމް ނަސީރު ވިދާޅުވީ މި ފަހަރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭނުގައި ހިމަނައިގެން އޭގެ އިތުރުން ވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އާދަމް ނަސީރު ވިދާޅުވި އެވެ.
ދިވެހިންގެ ސިކުނޑި ބިނާ ކުރުމުގެ މަސައްކަތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވާ އަހަންމިއްޔަތުކަން ފާހަގަ ކުރައްވައި އާދަމް ނަސީރު ވިދާޅުވީ ރައީސްގެ ފުރަތަމަ ތަގުރީރުގައި ވެސް ވަރަށް ބޮޑަށް އެކަމަށް އަލިއަޅުއްވައިލެއްވި ކަމަށެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment