Advertisement

ފަނޑިޔާރުންގެ ސަސްޕެންޝަން ވަގުތުން އުވާލައި، ޖުޑިޝަރީގެ މިނިވަންކަމަށް އިހުތިރާމް ކުރަން އެމްޑީޕީއިން ގޮވާލައިފި

16 އޭޕްރީލް 2025 - 10:53 0

އެމްޑީޕީއިން ބޭއްވި އެއްވުމެއްގައި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވާހަކަ ދައްކަވަނީ: އެ ޕާޓީއިން ގޮވާލީ ޖުޑިޝަރީގެ ދިފާއުގައި ހުރިހާ ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކާއި އަމިއްލަ ފަރާތްތަކުން ވެސް ތެދުވުމަށް -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ފަނޑިޔާރުންގެ ސަސްޕެންޝަން ވަގުތުން އުވާލައި، ޖުޑިޝަރީގެ މިނިވަންކަމަށް އިހުތިރާމް ކުރަން އެމްޑީޕީއިން ގޮވާލައިފި

16 އޭޕްރީލް 2025 - 10:53 0

ސުޕްރީމް ކޯޓު ޕެރެލައިޒްކޮށްފައި އޮތުން ނިމުމަކަށް ގެނެސް، އެ ކޯޓުގެ ފަނޑިޔާރުންގެ ސަސްޕެންޝަން އުވާލައި ޖުޑިޝަރީގެ މިނިވަންކަމަށް އިހުތިރާމް ކުރުމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އިން ގޮވާލައިފި އެވެ.

އެމްޑީޕީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސުޕްރީމް ކޯޓުގެ މަސައްކަތްތައް ހުއްޓުވައިގެން އުޅެނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަގާމުން ވަކި ކުރުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ދިން ގާނޫނުއަސާސީގެ އިސްލާހު ބާތިލް ކުރަން ހުށަހެޅި މައްސަލައަށް ނުފޫޒު ފޯރުވަން ކަމަށެވެ.

"މިއީ ހަމައެކަނި ސުޕްރީމް ކޯޓުގެ ސިޔާސީ ކޮންޓްރޯލް ހޯދުމަށް ސަރުކާރުން ރާވައިގެން ކޮށްފައިވާ ކަމެއް ކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއިން ދެކެން. އަދި މިއީ އަދުލު އިންސާފުގެ ނިޒާމަށް އަމާޒުކޮށްފައިވާ ސީދާ ހަމަލާއެއް،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

ސިޔާސީ ޕާޓީތަކަށް މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ މައްސަލައިގެ ޝަރީއަތަށް ހުރަސްއެޅޭ ގޮތަށް ސަސްޕެންޑު ކުރީ ފަނޑިޔާރު އަޒްމިރާލްދާ ޒާހިރާއި ހުސްނުއްސޫދު އާއި މަހާޒް އަލީ ޒާހިރެވެ. އޭގެ ތެރެއިން ފަނޑިޔާރު ސުއޫދު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އޭގެ ފަހުން ޖުޑީޝަލް ސާވިސް ކޮމިޝަނުން ގެންދަނީ މަހާޒް އާއި އަޒްމިރާލްދާގެ މައްސަލަތަކެއް ތަހުގީގު ކުރަމުންނެވެ.

އެމްޑީޕީގެ ބަޔާނުގައި ބުނީ ފަނޑިޔާރުންގެ މައްސަލަތައް ތަހުގީގު ކުރަމުންދަނީ އިންސާފުވެރިކޮށް ނޫން ކަމަށެވެ.

"މި ދެ ފަނޑިޔާރުންގެ މައްޗަށް ދޮގު ތުހުމަތުތަކެއްކޮށް، ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް އޮތް ޖުޑީޝަލް ސާވިސް ކޮމިޝަނުން، ހާއްސަ ކޮމިޓީއެއް ހަދައިގެން މައްސަލަ ބަލާއިރު އެ މައްސަލައިގައި އިޖުރާއީ އިންސާފުވެރިކަމެއް ވެސް ނެތްކަން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއިން ވަރަށް ކަންބޮޑުވުމާއެކު ފާހަގަކުރަން،" އެ ބަޔާނުގައިވެ އެވެ.

ފަނޑިޔާރުންނަށް ދިފާއުވުމުގެ ހައްގު ނުދިނުމާއި ފަނޑިޔާރުން ހުށަހަޅާ ހެކިން ބަލައިނުގަތުމުގެ މައްސަލަ އެމްޑީޕީއިން ހާއްސަކޮށް ފާހަގަކޮށްފައިވެ އެވެ.

"ފަނޑިޔާރުންނަށް ދިފާއުވުމުގެ ހައްގު ނުދޭކަމާއި، ފަނޑިޔާރުން ހުށަހަޅާ ހެކިން ބަލައިނުގަންނަކަމާއި، ވަކީލުންގެ ފުރުސަތު ވެސް ނުދޭކަން ހިތާމަޔާއެކު ފާހަގަކުރަން. މިއީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީ އާއި ބައިނަލްއަގުވާމީ މިންގަނޑުތަކުން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތަކާ ވެސް ހިލާފަށް، އެ ފަނޑިޔާރުންނަށް ސީދާ ގޮތުން ކުރާ އަނިޔާއެއް،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވަނީ ސަރުކާރުން ޖުޑިޝަރީއަށް ނުފޫޒު ފޯރުވާތީ ރާއްޖޭގެ ޑިމޮކްރަސީއަށް އިއާދަ ނުކުރެވޭނެ ގެއްލުންތަކެއްވަމުންދާ ކަމަށެވެ.

"ބާރުތައް ވަކިވެފައި އޮތުމުގެ އުސޫލާ މުޅިން ހިލާފަށް ސަރުކާރުން ހިންގަމުންދާ މި އަމަލުތަކަކީ، ރާއްޖޭގެ ޑިމޮކްރަސީއަށް އިއާދަނުކުރެވޭ ގެއްލުންތަކެއް ލިބިގެންދާނެ ކަންކަން،" އެމްޑީޕީއިން ބުންޏެވެ.

އެމްޑީޕީއިން ގޮވާލީ ސަރުކާރާއި ޖުޑީޝަލް ސާވިސް ކޮމިޝަނުން ފަނޑިޔާރުންގެ މައްސަލަތައް ކުރިއަށްގެންދާ ގޮތް ރައްޔިތުންގެ މަޖިލީހުން ގާތުން ބެލުމަށެވެ. އަދި ޖުޑިޝަރީގެ ދިފާއުގައި ހުރިހާ ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކާއި އާންމުން ވެސް ތެދުވުމަށް އެމްޑީޕީން ގޮވާލި އެވެ.

"ރާއްޖޭގައި ޑިމޮކްރަސީ ދެމެހެއްޓުމާއި ޝަރުއީ ދާއިރާގެ މިނިވަންކަން ކަށަވަރުކުރުމަކީ ހަމައެކަނި ވަކި ޕާޓީއެއްގެ ޒިންމާއެއް ނޫން. މިއީ ހުރިހާ ދިވެހި ރައްޔިތުންގެ ޒިންމާއެއް. އެހެންކަމުން، ޝަރުއީ ދާއިރާގެ މިނިވަންކަން ހިމާޔަތްކުރުމަށް ކުރެވޭ މަސައްކަތުގެ މި މުހިންމު ދަނޑިވަޅުގައި އެންމެހައި ރައްޔިތުންނާއި، ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކާއި، އަދި ބައިނަލްއަގުވާމީ ޖަމާއަތްތައް ވެސް ބައިވެރިވުމަށް ގޮވާލަން،" އެ ބަޔާނުގައިވެ އެވެ.