16 އޭޕްރީލް 2025 - 10:34 0
އަތޫފް އާތިފް
16 އޭޕްރީލް 2025 - 10:34 0
ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ފައިނަލަށް ގޮސް މުބާރާތުގެ ޗެމްޕިއަންކަން ހޯދޭނެ ކަމަށާއި، އެކަމަކު އެންމެ ފަހުގެ ޗެމްޕިއަނުންނަށް ވުމަކީ ކްލަބް ވެމްކޯ އަށް ޕްރެޝަރެއް ކަމަށް ވެމްކޯގެ ކޯޗު، އަހުމަދު އަދީލް (ބޭބެ) ބުނެފި އެވެ.
ފުރަތަމަ ސެމީގައި ޕޮލިސް ކްލަބް އަތުން 3-2 ސެޓުން ވެމްކޯ ބަލިވިއިރު، އެ ޓީމަށް ފައިނަލަށް ދިޔުމުގެ ފުރުސަތު އޮތީ މިރޭ ކުޅޭ ތިންވަނަ ސެމީ ފައިނަލް މެޗު ކާމިޔާބުކޮށްގެންނެވެ. ވެމްކޯ އިން ތިންވަނަ ސެމީގައި ވާދަކުރާނީ ހުރާ ކޮމިއުނިޓީ ކްލަބާ ދެކޮޅަށެވެ.
ޕޮލިސް ކްލަބް އަތުން ބަލިވި މެޗަށް ފަހު ވާހަކަ ދައްކަމުން ބޭބެ ކޯޗު ބުނީ، މެޗުން ބަލިވީ ފުރަތަމަ ސެޓު ދަށްކޮށް ފެށުމުގެ ސަބަބުން ކަމަށެވެ. އެކަމަކު މަޑުމަޑުން ގޭމުގެ ތެރެއަށްވަދެ ރަނގަޅަށް ކުޅެވުނު ކަމަށް ބޭބެ ވަނީ ބުނެފަ އެވެ.
ބޭބެ ބުނީ ތިންވަނަ ސެމީގައި ކުޅޭ ހުރާ އަކީ ވެސް ބަލި ޓީމެއް ނޫން ކަމަށާއި، އެ ޓީމުގައި ތިބި ބިދޭސީ ކުޅުންތެރިންނަކީ ފެންވަރު ރަނގަޅު ކުޅުންތެރިންތަކެއް ކަމަށެވެ. އަދި އެ މެޗަށް ވެމްކޯ އިން ނުކުންނާނީ ޓެކްޓިކަލް ގޭމެއް ކުޅެން ކަމަށެވެ.
"އަޅުގަނޑުމެން ހުރިހާ މުބާރާތެއް މިދިޔަ އަހަރު ކާމިޔާބުކޮށްފަ އައީމަ، ޓީމުތަކުން މި ނުކުންނަނީ ދޭތިން އެކައްޗެއްގެ ގޮތުގައި ދެކިގެން. އެ މީހުން އަޅުގަނޑުމެން އަށް ދޭ ފައިޓް ވަރަށް ބޮޑު އެނގޭތޯ. އެހެންވީމަ ކޮންމެ ގޮތެއްވީމަ އެ ޕްރެޝަރު އިނދޭ. މިއަދު ވެސް އެ ޕްރެޝަރު ދިމާވި." ބޭބެ ކޯޗު ބުންޏެވެ.
ވެމްކޯ އަކީ މިދިޔަ ތިން އަހަރުގެ ވެސް އެސޯސިއޭޝަން ކަޕުގެ ޗެމްޕިއަން ޓީމެވެ.
Comment