15 އޭޕްރީލް 2025 - 20:06 0
މުހައްމަދު ޝަހްޒާން
ވައްކަމުގެ ތުހުމަތު ކުރެވޭ މީހެއްގެ ބޮލަށް ދަވާދު ފާޓާއެއް އޮއްސައިލަނީ؛ އެޗްއާރުސީއެމުން އިލްތިމާސް ކުރީ ވަގު ހިފޭ ހާލަތުގައި ވެސް ގާނޫނީ އިމުގެ ތެރެއިން ކަންކަން ކުރަން -- ފޮޓޯ: ސޯޝަލްމީޑިއާ
15 އޭޕްރީލް 2025 - 20:06 0
އެއްވެސް މީހެއްގެ އިންސާނީ ހައްގާއި ކާރާމާތަށް އަރައިނުގަތުމަށާއި ޖިނާއީ ނުވަތަ އެ ނޫން ވެސް މައްސަލަތަކުގައި ސުލްހަމަސަލަސްކަން އިސްކޮށް ގާނޫނީ އިމުގެ ތެެރެއިން ކަންކަމަށް ހައްލު ހޯދުމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ގޮވާލައިފި އެވެ.
އެ ކޮމިޝަނުން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ ވައްކަމެއް ކުރިކަމަށް ތުހުމަތު ކުރެވޭ މީހަކު އަތުޖެހޭ ފަދަ ހާލަތްތަކުގައި ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ކަމާބެހޭ ފަރާތްތަކަށް އެ މައްސަލަ ހުށަހެޅުމަށް އެދޭ ކަމަށެވެ. އަދި އެގޮތަށް ހުށަހެޅޭ މައްސަލަތައް ވީހާ ވެސް އަވަހަކަށް ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ތަންފީޒީ އިދާރާތަކަށް އެޗްއާރުސީއެމުން ގޮވާލައިފައިވެ އެވެ.
"އެއްވެސް ފަރުދެއް އަނެކާގެ އިންސާނީ ހައްގާއި އިންސާނީ ކަރާމާތަށް އަރައިނުގަތުމަށާއި ޖިނާއީ ނުވަތަ މަދަނީ ނުވަތަ އެނޫން ވެސް މައްސަލަތަކުގައި ސުލްހަމަސަލަސްކަން އިސްކުރުމަށާއި ގާނޫނީ އިމުގެ ތެރެއިން ހައްލު ހޯދުމަށް އެންމެހާ ފަރާތްތަކަށް މި ކޮމިޝަނުން އިލްތިމާސް ކުރަމެވެ،" އެޗްއާރުސީއެމްގެ ޕޯސްޓުގައި ބުންޏެވެ.
އެޗްއާރުސީއެމުން ވަނީ ވައްކަމުގެ ތުހުމަތު ކުރެވޭ މީހެއްގެ ގަޔަށް ދަވާދު އަޅައި ޖިސްމާނީ ގެއްލުންދޭ މަންޒަރު ފެންނަ ވީޑިއޯ އަކީ ލާއިންސާނީ ނާތަހުޒީބު ވީޑިއޯއެއް ކަމަށް ބުނެފަ އެވެ. އަދި އެފަދަ ވީޑިއޯތައް އާންމު ނުކުރުމަށް އެ ކޮމިޝަނުން އިލްތިމާސް ކޮށްފައިވެ އެވެ.
"އެފަދަ އަމަލުތަކަށް ހިތްވަރު ލިބޭ ޒާތުގެ ކަންކަން ނުކުރުމަށާއި އަދި އެފަދަ ދަށު ދަރަޖައިގެ އަމަލުތައް ނުހިންގުމަށް މި ކޮމިޝަނުން އިލްތިމާސް ކުރަމެވެ،" އެޗްއާރުސީއެމްގެ ބަޔާނުގައި ބުންޏެވެ.
އެޗްއާރުސީއެމުން މިފަދަ ޕޯސްޓެއް ކޮށްފައި މިވަނީ ކުށްކުރާ ކަމަށް ތުހުމަތު ކުރެވޭ މީހުން ހިފަހައްޓައި، ފުލުހުންނާ ހަވާލު ކުރުމުގެ ބަދަލުގައި ނުވަތަ ހަވާލު ކުރުމުގެ ކުރިން އެމީހަކަށް ލާއިންސާނީ އަދަބު ދިނުން ގިނަވެފައިވާ ދުވަސްވަރެއްގަ އެވެ.
Comment