ހަ ލައްކަ ރުފިޔާގެ ޕެޓީ ކޭޝް ބޭނުންކުރި ފެނަކައިގެ ތިން މުވައްޒަކަށް ދައުވާ ކުރަނީ

15 އޭޕްރީލް 2025 - 14:06 0

މުހައްމަދު ޝަހްޒާން

މ

އަތޮޅު ތެރޭގައި ހުންނަ ފެނަކައިގެ ބްރާންޗެއްގެ އޮފީސް: ފެނަކައިގެ ތެރައިން ގިނަ ހިޔާނާތްތަކެއް ހިންގާފައިވާ ކަމަަށް ތުހުމަތުކުރެވޭ -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ހަ ލައްކަ ރުފިޔާގެ ޕެޓީ ކޭޝް ބޭނުންކުރި ފެނަކައިގެ ތިން މުވައްޒަކަށް ދައުވާ ކުރަނީ

15 އޭޕްރީލް 2025 - 14:06 0

ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ އައްޑޫ ސިޓީ، ހިތަދޫ ސެންޓްރަލް ޕަވާ ސްޓޭޝަން ޕްރޮޖެކްޓުގެ ޕެޓީ ކޭޝްގެ ގޮތުގައި ދިން ހަ ލައްކައަށް ވުރެ ގިނަ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި ތިން މީހެއްގެ މައްޗަށް ދައުވާ ކޮށްދޭން އެދި ޕޮރޮސެކިއުޓާ އޮފީހަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ފޮނުވައިފި އެވެ.

އެ ކޮމިޝަނުން މިއަދު ބުނީ މި މަހުގެ 10 ވަނަ ދުވަހު ދައުވާ ކޮށްދޭން އެދި ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ ވަނީ އަހުމަދު ސާތިޝް ސައީދު، ހަނީވިލާ، ސ. ފޭދޫ އާއި މުހައްމަދު އާސިދު، ނިރޮޅުމާގެ، ތ. ތިމަރަފުށި އަދި ހުސައިން އާސިރު، ފަޅޯމާގެ، ސ. ފޭދޫ ގެ މައްޗަށް ކަމަށެވެ.

އޭގެ ތެރެއިން ސާތިޝް އަކީ ނަކައިގެ ޕްރޮޖެކްޓްސް ޑިޕާޓުމެންޓުގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމުގައި ހުރި މީހެކެވެ. އާސިދަކީ ހަމަ އެ ޑިޕާޓުމެންޓުގެ ސީނިއާ އިންޖިނިއަރުގެ މަގާމުގައި ހުރި މީހާ އެވެ. އާސިރަކީ ފެނަކައިގެ ސުޕަވައިޒަރެކެވެ.

އޭސީސީން ބުނީ ހިތަދޫ ޕަވާ ސްޓޭޝަން މަޝްރޫއުގެ ޕެޓީކޭޝްގެ ގޮތުގައި ދީފައި ހުރި ފައިސާ އެ ތިން މީހުން ވެސް އަމިއްލަ ބޭނުންތަކަށް ބޭނުން ކޮށްފައިވާ ކަމަށެވެ.

އެ ތިން މީހުންގެ މައްޗަށް ކޮށްދިނުމަށް އޭސީސީން އެދި ހުށަހަޅާފައި ވަނީ:

  • ކުށެއް ކުރަން އެދުމުގެ ކުށުގެ ދައުވާ
  • ކުށެއް ކުރަން ރޭވުމުގެ ކުށުގެ ދައުވާ
  • ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުން ކޮށްގެން މަންފާ ހޯދުމުމާއި ހޯދައިދިނުމުގެ ކުށުގެ ދައުވާ
  • ދައުލަތުގެ މުދަލާއި ފައިސާއަށް ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ

އޭސީސީން ވަނީ އެ ތިން މީހުންގެ އަތުން ބަދަލުގެ ގޮތުގައި 623،208ރ. އަނބުރާ ހޯދުމަށް ފެނަކައަށް އަންގައިފަ އެވެ.

އޭގެ އިތުރުން އެ ތިން މީހުން ފޯޖަރީގެ އަމަލުތަކެއް ހިންގާފައިވާކަމަށް އޭސީސީގެ ތަހުގީގަށް ފާހަކަ ކުރެވޭތީ އެ މައްސަލަ ތަހުގީގު ކޮށްދިނުމަށް އެދި ފުލުހުންނަށް ފޮނުވަން ވެސް ނިންމާފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

ފެނަކައިގެ ތިން މުވައްޒަފެއްގެ މައްޗަށް ދައުވާކޮށްދޭން އެދި އޭސީސީން ޕީޖީ އޮފީހަށް ފޮނުވިއިރު، އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރުގެ އަހުމަދު ސައީދުގެ މައްސަލައެއް ވެސް އެ ކޮމިޝަނުން ވަނީ ދައުވާކޮށްދޭން އެދި އެ އޮފީހަށް އިއްޔެ ފޮނުވާފަ އެވެ. މީގެ ކުރިން ވެސް އޭނާގެ މައްޗަށް ދައުވާކޮށްދޭން އެދި ޕީޖީއަށް ފޮނުވި އެވެ.