15 އޭޕްރީލް 2025 - 16:20 4
ލީވާން އަލީ ނާސިރު
ޗައިނާ ފެން ކޭސްތައް އެންމެ ފަހުން އެމްއެންޑީއެފް ބެލުމުގެ ދަށަށް ގެންދަނީ -- ފޮޓޯ: އަދަދު
15 އޭޕްރީލް 2025 - 16:20 4
ޗައިނާއިން ރާއްޖެއަށް ހަދިޔާކުރި 1500 ޓަނުގެ މިނެރަލް ފެން ކޭސްތައް ބަލަހައްޓާނެ އެންމެފަހުން އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް އަދަދު އަށް ވިދާޅުވީ އެ ފެން ކޭސްތައް އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އެކަމަކު އެތަކެތި އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެނައި ސަބަބެއް މީޑިއާ އޮފިޝަލް ވިދާޅެއް ނުވެ އެވެ.
އަދަދު އަށް އެކަމުގެ މައުލޫމާތު އެނގޭ މީހަކު ބުނީ ފެން ކޭސްތައް ހުޅުމާލޭގައި ހުންނަ އެމްއެންޑީއެފްގެ ކަލާސީން ކޮށްޓަށް ގެންދިޔައީ ނައްތާލުމަށް ކަމަށެވެ. ނަމަވެސް އެމްއެންޑީއެފްއާ އެކަމާ ގުޅިގެން ސުވާލުކުރުމުން ދޮގުކުރެ އެވެ.
އެ ފެން ބޭނުން ކުރާނީ ރާއްޖޭގެ ރަށްރަށުން ސާފު ބޯފެން ހުސްވާ ދުވަސްވަރު އެ ރަށްތަށަށް ބޭނުންވާ ފެނުގެ ގޮތުގައި ފޯރުކޮށްދޭން ކަމަށް ފޮރިން މިނިސްޓަރީން ކުރިން ބުނެފައިވެ އެވެ.
ނަމަވެސް އެ ފެން ކޭސްތައް ގެނައި ގޮތަށް ބަހައްޓާފައި ހުރީ ހުޅުމާލޭ އަސުރުމާ ހިނގުމުގައި ހުރި ވަގުތީ މިސްކިތެއްގެ ގޯތި ތެރޭގަ އެވެ. އެއަށްފަހު އެ ފެން ކޭސްތައް އެހެން ތަނަކަށް ބަދަލުކޮށްފައިވާއިރު، ބަދަލުކުރީ ކޮންތަނަކަށް ކަމެއް މިހާތަނަށް ޔަގީން ކުރެވިފައެއް ނުވެ އެވެ.
އޭރު ވަގުތީ މިސްކިތުގައި އެ ފެން ކޭސްތައް ބަހައްޓާފައި ހުއްޓާ އޭގެ ތެރެއިން ބައެއް ކޭސްތައް ކަނޑައި މީހުން ބޭނުން ވެސް ކޮށްފައިވެ އެވެ. ސަތަރި އަޅައި ބަންދުކޮށްފައި ހުރި ނަމަވެސް އަވީގެ ސަބަބުން އެ ފެން ކޭސްތައް ހަލާކުވަމުންދާ ކަމަށް އޭރު އާންމުން ކަންބޮޑުވުން ފާޅުކުރި އެވެ.
ޗައިނާގެ އޮޓޮނޮމަސް ސަރަހައްދެއް ކަމަށްވާ ޝީޒަންގް ގެ ޗެއާމަން 2023 ގެ ފަހުކޮޅު ރާއްޖެއަށް ވަޑައިގެން ހަދިޔާކުރައްވާނެ ކަމަށް ވިދާޅުވި ފެނުގެ ޝިޕްމަންޓް ރާއްޖެ ގެނެސްފައިވާކަން ފޮރިން މިނިސްޓްރީން ހާމަކުރީ މާޗު، 26، 2024 ގަ އެވެ.
ހޫނު މޫސުމުގައި ރާއްޖޭގެ ރަށްރަށުން ސާފު ބޯފެން ހުސްވުމުގެ މައްސަލައަކީ ކޮންމެ އަހަރަކު ވެސް ކުރިމަތިވާ މައްސަލަ އެކެވެ. 2022 ވަނަ އަހަރު ކޮށްފައިވާ އޮޑިޓަކުން ދައްކާ ގޮތުގައި 2014 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރުގެ ނިޔަލަށް ޖުމުލަ 390 ރަށަކަށް ފެން ފޯރުކޮށްދޭން 40،696،771 (ސާޅީސް މިލިއަން ހަ ސަތޭކަ ނުވަދިހަ ހަ ހާސް ހަތް ސަތޭކަ ހަތްދިހަ އެކެއް) ރުފިޔާ ދައުލަތުން ހަރަދުކޮށްފައިވެ އެވެ.
އެ ދިރާސާއިން ދައްކާ ގޮތުން 2014 ވަނަ އަހަރު ފެން ފޯރުކޮށްދީފައި ވަނީ 61 ރަށަކަށެވެ. ނަމަވެސް ފަސް އަހަރު ފަހުން 2019 ވަނަ އަހަރު 82 ރަށަކަށް ފެން ފޯރުކޮށްދޭން ޖެހުނެވެ. ރަށްރަށުގެ އަދަދުން ބަލާނަމަ އެއީ 34 އިންސައްތައިގެ އިތުރުވުމެކެވެ. ހަރަދުގެ ގޮތުން ބަލާނަމަ ފަސް އަހަރުދުވަހުގެ ތެރޭގައި ފެން ފޯރުކޮށްދޭން ދައުލަތުން ކުރި ހަރަދު 2.3 ގުނަ ވަނީ އިތުރުވެފަ އެވެ.
މި ހުރިހާ ކަމެއް މިހެން ހުއްޓައި ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ލިބުނު ފެން ކޭސްތަކެއް އެކަށީގެންވާ ގޮތެއްގައި ނުބެލެހެއްޓި އެތައް ދުވަހެއް ވަންދެން ބަހައްޓާފައި ހުރުމުން ގިނަ ބައެއްގެ ފާޑުކިޔުން ވެސް އަމާޒުވި އެވެ.
Comment