15 އޭޕްރީލް 2025 - 04:28 0
15 އޭޕްރީލް 2025 - 04:28 0
ބާލިން، ޖަރުމަނު (އޭޕްރީލް 15) - އަލް ނަސްރުގެ ތަރި، ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ބާސެލޯނާ އަށް ކުޅެމުން އަންނަ ޕޮލެންޑްގެ ފޯވާޑް، ރޮބަޓް ލެވަންޑޯސްކީގެ ކިބައިގައި އެއްގޮތް ކަންތައްތަކެއް އެބަހުރި ކަމަށް ބާސެލޯނާގެ ކޯޗު، ހަންސީ ފްލިކް ބުނެފި އެވެ.
ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލު ފުރަތަމަ ލެގުގައި ބާސެލޯނާ އިން ވަނީ އަމިއްލަ ދަނޑުގައި 4-0 އިން ޑޯޓްމަންޑް ބަލިކޮށްފަ އެވެ. އެ މެޗުގައި، އުމުރުން 36 އަހަރުގެ ލެވަންޑޯސްކީ ޖެހި ދެ ގޯލާ އެކު، މި ސީޒަނުގައި އޭނާ ޖެހި ގޯލުގެ ޖުމްލަ އަދަދު ވަނީ 40 އަށް އަރައިފަ އެވެ. އެއީ، 46 މެޗުން އޭނާ ޖެހި ގޯލުގެ އަދަދެވެ.
ދެ ވަނަ ލެގުގައި ޑޯޓްމަންޑް ދަނޑުގައި އެ ޓީމާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ފްލިކް ބުނީ، ލެވަންޑޯސްކީ އާއި ރޮނާލްޑޯގެ އެއްގޮތް ކަންތައްތަކެއް އެބަހުރި ކަމަށެވެ.
"އެ އުމުރުގައި އެ ލެވަލަށް ކުޅުމުގެ އެއް ކަމަކީ، އެ ހިފަަހައްޓާ ފިޓްނަސް. އަނެއް ކަމަކީ، އަމިއްލަ ނަފްސަށް ވަރަށް ރަނގަޅަށް ވިސްނައިގެން ކެރިއަރު ކުރިއަށްދިއުން،" ފްލިކް ބުންޏެވެ.
"އެއީ ހަމަ ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް ކަންކަން ކުރަމުން އަންނަ ގޮތް. ވަރަށް ރަނގަޅަށް ފިިޒިކަލީ އެ ހުންނަނީ، ވަރަށް ޕްރޮފެޝަނަލްކޮށް ހުރިހާ ކަމެއް ބަހައްޓައިގެން މި ދެ ކުޅުންތެރިން އެ ލެވަލްގައި އެ އުމުރުގައި ކުޅެމުން އެ އަންނަނީ،"
މީގެ ކުރިން، ލެވަންޑޯސްކީ ވަނީ ފްލިކްގެ އިރުޝާދުގެ ދަށުން ބަޔާން މިއުނިކަށް ވެސް ކުޅެފަ އެވެ. ފްލިކް ބުނީ، އެއިރު ފެނުނު ކަންކަމާއި މިހާރު ފެންނަ މަންޒަރުތަކަށް ބަލާއިރު، ހަމައެކަނި ތަފާތަކީ އުމުރުގެ ނަމްބަރު ކަމަށެވެ.
މިދިޔަ އަހަރު، ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކުޅުނު ޑޯޓްމަންޑް ދަނޑުގައި މިރޭ ބާސެލޯނާ އިން ފުރަތަމަ ލެގުގެ ނަތީޖާ (4-0) އަށް ވުރެ ފަރަގު ކުޑަކޮށް ބަލިވިޔަސް، 2019 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ބާސެލޯނާ އަށް ފުރުސަތު ލިބޭނެ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment