15 އޭޕްރީލް 2025 - 10:05 2
މުހައްމަދު ޝަހްޒާން
ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއިލް އަހުމަދު ނަސީމް؛ އޭނާ ވިދާޅުވީ އިޒްރޭލު ޕާސްޕޯޓު އޮންނަ މީހުންނަށް އެމީހުން ގެންގުޅޭ އެހެން ޕާސްޕޯޓެއް ބޭނުން ކޮށްގެން ރާއްޖެއަށް ވަދެވޭ ގޮތަށް ބިލު ފާސްކުރުމަކީ ދިވެހި އަދި ފަލަސްތީނުގެ ރައްޔިތުންނަށް ކުރާ މަލާމާތެއް ކަމަށް -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
15 އޭޕްރީލް 2025 - 10:05 2
އެހެން ޕާސްޕޯޓުގައި އިޒްރޭލު މީހުންނަށް ރާއްޖެ އެތެރެވެވޭ ގޮތަށް އެ ގައުމުގެ ޕާސްޕޯޓު މަނާ ކުރަނީ ރައްޔިތުންގެ ވިންދާ ހިލާފަށް ހުޅަނގުގެ ޕްރެޝަރު ބޮޑުވެގެން ކަމަށާއި އެކަން އެގޮތަށް ކުރުމަކީ ފަލަސްތީނުގެ ރައްޔިތުންނަށް ކުރެވޭ މަލާމާތެއް ކަމަށް ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު، މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް މީހުން އެތެރެ ނުވެވޭ ގޮތަށް އިމިގްރޭޝަން ގާނޫނަށް ހުށަހެޅި އިސްލާހު ކޮމިޓީން ފާސްކުރި ގޮތާ މެދު ނުރުހުން ފާޅު ކުރައްވައި ވާހަކަ ދައްކަވަމުން މީކާއިލް ވިދާޅުވީ އެ ބިލު ހުށަހެޅިއިރު، ޑުއެލް ޕާސްޕޯޓެއްގައި ވެސް އިޒްރޭލު މީހުންނަށް ރާއްޖެ އެތެރެ ނުވެވޭ ގޮތަށް ހަދަން އޮތް ބައި ކޮމިޓީން އުނިކުރީ ރައްޔިތުންގެ ވިންދާ ދެކޮޅަށް ކަމަށެވެ.
"އިއްޒަތްތެރި ރައީސް، އިޒްރާއިލީ ޑިފެންސް ފޯސެސްއަށް މި ރާއްޖެ އެތެރެވެވޭ ގޮތަށް މި ބިލު ފާސްކޮށްގެން ނުވާނެ. އިއްޒަތްތެރި ރައީސް، އިޒްރޭލުގެ އަސްކަރިއްޔާއިން ފަލަސްތީނުގެ ރައްޔިތުންނަށް ހަމަލާ ދެމުންދާ އިސް ފަރާތްތަކަށް އާދެވޭނެ ގޮތަށް ޑުއެލް ޕާސްޕޯޓުގައި ރާއްޖެ އާދެވޭނެ ގޮތަށް މި ބިލު މިއަދު ފާސްކުރަނީ އިއްޒަތްތެރި ރައީސް ހުޅަނގުގެ ގައުމުތަކުގެ ޕްރެޝަރަށް،" މީކާއިލް ވިދާޅުވި އެވެ.
"ހުޅަނގުގެ ގައުމުތަކުގެ ޕްރެޝަރަށް ކުރައްވާ ކަމެއް މިއީ، އިއްޒަތްތެރި ރައީސް. މިއީ ހަމަ ކަނޑައެޅިގެން ދިވެހިރައްޔިތުންގެ ވިންދާއި އިހުސާސްތަކާ ހިލާފަށް ފަލަސްތީނުގެ ރައްޔިތުންނަށް ކުރާ ބޮޑު މަލާމާތެއް އިއްޒަތްތެރި ރައީސް، ކުރާ ބޮޑު މަލާމާތެއް."
މީކާއިލް ހުށަހެޅުއްވި ބިލަށް ކޮމިޓީން ގެނައި ބަދަލާ މެދު ނުރުހުން ފާޅުކޮށް މީކާއިލް ވާހަކަ ދައްކަވަން ފެށްޓެވުމާއެކު މަޖިލިސް ކޮންމެވެސް ވަރަކަށް ހޫނުވި އެވެ. މީކާއިލްގެ ވާހަކަ ހުއްޓުވުމަށްޓަކައި ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލިސް މެންބަރުން ފުލުފުލުގައި ނިޒާމީ ނުކުތާ ނަންގަވަމުން ގެންދެވި އެވެ. އެ ބޭފުޅުންގެ ނިޒާމީ މައްސަލައަށް ރިޔާސަތުގައި އިންނެވި، އަބްދުއްރަހީމް އަބްދުالله ފުރުސަތު ދެއްވަމުން ގެންދެވުމުން މީކާއިލް އެކަން ވެސް ކުށްވެރި ކުރެއްވި އެވެ.
މީކާއިލް ވިދާޅުވީ މަޖިލީހުގެ އިދާރާ މިހާރު ރައީސް އޮފީހުގެ ކުޑަ ކޮޓަރިއަކަށް ބަދަލުވެފައިވާ ކަމަށެވެ. ނަމަވެސް ޖަވާބުގައި އަބްދުއްރަހީމް ވިދާޅުވީ ނިޒާމީ ނުކުތާތަކަށް ފުރުސަތު ދިނުމަކީ މަޖިލީހުގެ ރިޔާސަތަށް ލިބިގެންވާ ބާރެއް ކަމަށެވެ.
މިދިޔަ އަހަރު މީކާއިލް މަޖިލީހަށް ހުށަހެޅުއްވި ބިލުގައި އޮތީ ޑުއަލް ސިޓިޒަންޝިޕް ގެންގުޅޭ މީހުން ހިމެނޭހެން އިޒްރޭލުގެ ހުރިހާ ރައްޔިތުންނަށް ރާއްޖެ ނުވަދެވޭ ގޮތަށް ގާނޫނު އިސްލާހު ކުރުމަށެވެ. ނަމަވެސް އެ ބިލު ކޮމިޓީގައި ދިރާސާ ކުރިއިރު، އިޒްރޭލުގެ ޕާސްޕޯޓު އޮންނަ މީހުންގެ ޑުއަލް ސިޓިޒަންޝިޕް އޮތަސް، އެކަން ދެނެގަނެވޭނެ ގޮތެއް ނޯންނާނެ ކަމަށް ބުނެ އިޒްރޭލު ޕާސްޕޯޓު ދައްކާ މީހުންނަށް އެކަނި ރާއްޖެ ނުވަދެވޭ ގޮތް ހަދަން އިމިގްރޭޝަނުން ހިޔާލު ހުށަހެޅި އެވެ.
ބިލު ކޮމިޓީން ފާސްކުރީ ޑުއެލް ޕާސްޕޯޓު އޮންނަ މީހުންނަށް ރާއްޖެ ނާދެވޭ ގޮތަށް ބިލުގައި ހިމަނާފައި އޮތް ބައި އުނި ކުރުމަށްފަހު އެވެ.
އޭގެ އިތުރުން، އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތައް ހުއްޓާލުމުން އިޒްރޭލުގެ ކޮންމެ މީހަކަށް ވެސް ރާއްޖެ އާދެވޭ ގޮތަށް ބިލު ވަނީ ބަދަލުކޮށްފަ އެވެ.
Comment