15 އޭޕްރީލް 2025 - 07:40 0
އަތޫފް އާތިފް
15 އޭޕްރީލް 2025 - 07:40 0
މިހާރު ކުރިއަށްދާ ވޮލީބޯލް އެސޯސިއޭޝަން ކަޕުގެ އަންހެން ޑިވިޝަނުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް ޕޮލިސް ކްލަބާއި، ކްލަބް ވެމްކޯ ސައްތައިން ސައްތަ ރެކޯޑަކާ އެކު މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.
އިއްޔެ ކުޅުނު ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޕޮލިސް ކްލަބް ނުކުތީ ހުރާ ކޮމިއުނިޓީ ކްލަބާ ދެކޮޅަށެވެ. މި މެޗު ޕޮލިސް ކްލަބުން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ.
ހުރާ ކޮމިއުނިޓީ ކްލަބުން ވެސް ރަނގަޅު ކުޅުމެއް ދެއްކި މި މެޗުގެ ސެޓުތައް ޕޮލިހުން ގެންދިޔައީ 25-22، 25-17 އަދި 26-24 އިންނެވެ.
ޕޮލިސް ކްލަބާ ހުރާ ކޮމިއުނިޓީ ކްލަބް ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަތޫފް އާރިފް / އަދަދު ސްޕޯޓްސް
މީގެ އިތުރުން ރޭ ވެމްކޯ އިން ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ނުކުތީ ސިޓީ ފްރެންޑްސް ކްލަބާ ދެކޮޅަށެވެ. މި މެޗު ވެމްކޯ އިން ކާމިޔާބުކުރީ ފަސޭހަކަމާއެކު ސީދާ ތިން ސެޓުންނެވެ.
މި މެޗުގައި ވެމްކޯގެ ސެޓަރު ޖޫޒާން ޒަރީރްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މި މެޗުގެ ސެޓުތައް ވެމްކޯ އިން ގެންދިޔައީ 25-03، 25-12 އަދި 25-18 އިންނެވެ.
މި ނަތީޖާތަކާއެކު ޕޮލިހާ ވެމްކޯ ސެމީ ފައިނަލަށް ދަތުރުކުރިއިރު، މެޗުން ބަލިވި ސިޓީ ވަނީ ލީގަށް ކޮލިފައިވެފަ އެވެ.
މި މުބާރާތުގައި މިއަދު ކުޅޭނީ ސެމީ ފައިނަލް މެޗުތަކެވެ. އެ ގޮތުން، ފުރަތަމަ ސެމީގައި ބައްދަލުކުރާނީ ހުރާ ކޮމިއުނިޓީ ކްލަބާ، ފްލެކްސާ ސްޕޯޓްސް ކްލަބެވެ. ދެ ވަނަ ސެމީގައި މިރޭ ޕޮލިހުން ނުކުންނާނީ، އެންމެ ފަހުގެ ޗެމްޕިއަން ވެމްކޯއާ ދެކޮޅަށެވެ. ޕޮލިހާއި ވެމްކޯ ކުޅެގެން މޮޅުވާ ޓީމަކަށް ފައިނަލުގެ ސީދާ ޖާގަ ލިބޭއިރު، ބަލިވާ ޓީމެއް ފައިނަލުގެ ފަހު ޖާގަ ކަނޑައަޅާ މެޗުގައި ކުޅޭނީ، ހުރާ އާއި ފްލެކްސާ ކުޅެގެން މޮޅުވާ ޓީމަކާ އެވެ.
Comment