Advertisement

ކެމެރާ ނެތް ގޮޅިތައް ގާތުން މޮނިޓާކުރަން އެޗްއާރްސީއެމް އިން ލަފާދީފި

14 އޭޕްރީލް 2025 - 20:58 2

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އެޗްއާރްސީއެމްގެ ބައެއް މެންބަރުން: ކެމެރާ ނެތް ގޮޅިތައް ގާތުން މޮނިޓާކުރަން އެ ކޮމިޝަނުން ވަނީ ލަފާދީފައި -- ފޮޓޯ: އެޗްއާރްސީއެމް


ކެމެރާ ނެތް ގޮޅިތައް ގާތުން މޮނިޓާކުރަން އެޗްއާރްސީއެމް އިން ލަފާދީފި

14 އޭޕްރީލް 2025 - 20:58 2

ސީސީޓީވީ ކެމެރާ ނެތް ބަންދު މަރުކަޒުތަކުގެ ގޮޅިތަކުގައި ކެމެރާ ހަރުކުރެވެންދެން ގަވާއިދުން މޮނިޓާ ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ކަމާ ގުޅުންހުރި އިދާރާތަކަށް ލަފާދީފައިވާނެ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ބުނެފި އެވެ.

ހދ. ކުޅުދުއްފުށީ ކަސްޓޯޑިއަލްގައި ދެވަނަ މީހަކު އަމިއްލައަށް މަރުވުމުން އެޗްއާރްސީއެމް އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ފުލުހުންގެ ހުރިހާ މަރުކަޒުތަކުގެ އެތެރޭގައި އަދި ބޭރުގައި ސީސީޓީވީ ކެމެރާ ހަރު ކުރަން އެންގި ނަމަވެސް ބަޖެޓުގެ ދަތިކަން ހުރި ކަމަށް ބުނެ މިހާތަނަށް ހުރިހާ ތަނެއްގައި ކެމެރާ ހަރުކުނުކުރާ ކަމަށެވެ.

"ދައުލަތުގެ ބެލުމުގެ ދަށުން ބަންދު މަރުކަޒުތަކުގައި ބައިތިއްބާ ފަރާތްތައް ތިބޭ ގޮޅިތައް ގަވާއިދުން، ގިނަ ވަގުތު ހޭދަނުވާނެ ގޮތަށް ގާތުން މޮނީޓާ ކުރުމަކީ މުހިންމު ކަމެއްކަމަށްވާތީ، މިފަދައިން މޮނިޓާ ކުރެވޭނެ އިންތިޒާމް ހަމަޖެއްސަވައި ދެއްވުމަށް ވެސް ގުޅުންހުރި އިދާރާތަކަށް ކޮމިޝަނުން ލަފާދީފައިވާނެ ކަމުގައިވެސް ދަންނަވަން،" ކޮމިޝަނުން ބުންޏެވެ.

އެޗްއާރްސީއެމް އިން ބުނީ ދައުލަތުގެ ބެލުމުގެ ދަށުން މީހުން ބަންދު ކުރެވޭ މަރުކަޒުތަކުގައި ފަހަކަށް އައިސް އަމިއްލަ ނަފުސަށް ގެއްލުންދިން އިތުރުވާތީ ކަމާގުޅުންހުރި އިދާރާތަކާއެކު ބައްދަލުކޮށް، އެކަމުގައި ހުރި ކަންބޮޑުވުން ހިއްސާކޮށްފައިވާނެ ކަމަށެވެ.

ކުޅުދުއްފުށި ކަސްޓޯޑިއަލްގައި ދެ މީހަކު އަމިއްލައަށް މަރުވާން މަސައްކަތްކުރި މައްސަލަ ވަކި ދެ މައްސަލައެއް ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށް އެޗްއާރްސީއެމް އިން ބުންޏެވެ.

ކުޅުދުއްފުށި ފުލުހުންގެ ގޮޅީގައި ބަންދުކޮށްފައި ހުއްޓައި އޭޕްރީލް 4، ގައި އަމިއްލައަށް މަރުވާން މަސައްކަތް ކޮށްގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދިޔަ ހދ. ކުޅުދުއްފުށި، މަނާޒް، ސާޖިދު ސަމީރު، 34، މަރުވީ އޭޕްރީލް 6، ގަ އެވެ.

މީގެ ކުރިން 2022 ވަނަ އަހަރު ވެސް ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުގައި މީހަކު އަމިއްލައަށް ދަންޖެހުނެވެ. އެއީ އދ. ފެންފުށި، ރޯޒީ ވިލާ، އަބޫބަކުރު ފައިސަލް އެވެ. އޭނާ މަރުވި ފަހުން، ގޮޅިތައް ފެންނަ ގޮތަށް ކެމެރާ ހަރު ކުރަން ހިއުމަން ރައިޓްސް ކޮމިޝަނުން އޮތީ ލަފާ ދީފަ އެވެ.