Advertisement

ކުޅިވަރު ގާނޫނުގެ ކަންކަން އަވަސްކުރަން އޭޖީއާ މަޝްވަރާކުރެވިއްޖެ: މިނިސްޓަރު

14 އޭޕްރީލް 2025 - 15:37 0


ކުޅިވަރު ގާނޫނުގެ ކަންކަން އަވަސްކުރަން އޭޖީއާ މަޝްވަރާކުރެވިއްޖެ: މިނިސްޓަރު

14 އޭޕްރީލް 2025 - 15:37 0

ރައްޔިތުންގެ މަޖިލީހުގައި އޮތް ކުޅިވަރު ގާނޫނުގެ އިސްލާހުގެ މަސައްކަތްތައް އަވަހަށް ނިންމާލުމަށް އެޓާނީ ޖެނެރަލް (އޭޖީ)އާ އެކު ކުރަން ޖެހޭ މަޝްވަރާތަކުގެ ކަންކަން ކުރިއަށްގެންދެވިފައިވާ ކަމަށާއި މަޖިލީހުން އެ ބިލްގެ ފާސްކުރުމުގެ ކަންކަން އަވަސްކުރުމަށް ބާރު އަޅުއްވަމުން އަންނަ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު (ރާއްޕެ) ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި އިއްޔެ އަށް ތާވަލުކޮށްފައި އޮތީ، ކުޅިވަރު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ދިރާސާ ކުރުމެވެ. އެކަމަކު، މި ބައްދަލުވުން ކުރިއަށް ގެންދެވެން ނެތް ކަމަށް ކޮމިޓީގެ ނައިބު މުގައްރިރު، މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު، ޕީއެންސީގެ މުހައްމަދު މުސްތަފާ އިބްރާހިމް ވިދާޅުވީ، ބަންޑާރަ ނައިބު އަހުމަދު އުޝާމް އާއި ސްޕޯޓްސް މިނިސްޓްރީގެ ބައްދަލުވުމެއް އޮތުމުން ކަމަށެވެ.

"އޭޖީ އޮފީހަށް ދަންނަވާލިން މިއަދު ވަޑައިގެންނެވުމަށް، މި ކޮޅުން ލިޔުން ދިއުމާ އެކީގައި އަނގަބަހުން މުއާމަލާތު ކުރެވުނު އަޅުގަނޑާ ގުޅުއްވި އެޓާނީ ޖެނެރަލް ގުޅުއްވާފައި ވިދާޅުވި، ބޭނުންފުޅުވާ ކަމަށް ސްޕޯޓްސް މިނިސްޓަރު ބޭނުންފުޅުވާ ގޮތަކަށް ގާނޫނަށް ބައެއް ކަހަލަ ބަދަލުތައް ގެންނަން ސްޕޯޓްސް މިނިސްޓްރީއާ އެކީގައި މީޓިން އެއް ކުރިއަށްގެންދަން. އެހެންވީމަ، މާދަމާ އަށް ތިމަންނަ އަށް ވަގުތު ކޮޅެއް ދެއްވާށޭ އަދި، އެ ބައްދަލުވުން ކުރިއަށް ގެންދެވުމަށްޓަކައި،" އިއްޔެ ބޭއްވި ކޮމިޓީ ބައްދަލުވުމުގައި މުސްތަފާ ވިދާޅުވި އެވެ.

މީގެ އިތުރުން މުސްތަފާ ވިދާޅުވީ، ކުޅިވަރު ގާނޫނުގެ އިސްލާހުގެ ބިލް އަވަސް ކުރުމުގެ ކަންކަން އަވަސް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުالله ވެސް ލަފާ ދެއްވާފައިވާ ކަމަށެވެ. އަދި، ކުރިއަށް އޮތް ދުވަސްތަކުގައި ބެލުމަށް ފަހު، ދެން އޮތް އިޖުތިމާއީ ކޮމިޓީގެ މަސައްކަތް، ސްޕޯޓްސް ކައުންސިލާ އެކު ކުރިއަށްގެންދާނެ ކަމަށް މުސްތަފާ ވިދާޅުވި އެވެ.

މި ކަމާ ގުޅިގެން، "އަދަދު ސްޕޯޓްސް" އިން ސުވާލުކުރުމުން، މިނިސްޓަރު ރާފިއު ވިދާޅުވީ، އޭޖީ އޮފީހާ އެކު ކުރިއަށްގެންދަން ޖެހޭ މަޝްވަރާތައް މިހާރު ނިންމާލެވިފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ވާނީ މިކަމާ ގުޅޭގޮތުން، އޭޖީ އޮފީހާ އެކު ކުރިއަށްގެންދަންޖެހޭ މަޝްވަރާތައް ނިންމާލެވިފައި. ދެން، (އިޖުތިމާއީ) ކޮމިޓީގެ ނައިބު މުގައްރިރާ ވެސް މިކަމުގެ މަޝްވަރާތަކެއް ކުރެވި، މަޖިލީހުގެ ތެރެއިން މި ގާނޫނުގެ މަސައްކަތް އަވަހަށް ނިންމާލުމުގެ މުހިންމުކަން ހިއްސާކުރިން، އުންމީދަކީ މި މަސައްކަތް އަވަހަށް ނިންމައި، މި ރަނގަޅު އިސްލާހުތަކާ އެކު ފާސްކުރުން،" މިނިސްޓަރު ވިދާޅުވި އެވެ.

"ކުޅިވަރު އެސޯސިއޭޝަންތަކުގެ އަސާސީ ގަވާއިދަށް މި ގެންނަން ޖެހޭ ބަދަލުތަކުގެ ކަންކަމަށް ބާރު އަޅައި އަމަލުކުރެވެން އޮތި ވެސް މި އިސްލާހުގެ ކަންކަން އަވަހަށް ނިމިގެން،"

ސަރުކާރުގެ ފަރާތުން ކުޅިވަރު ގާނޫނަށް އިސްލާހު ހުށަހެޅުއްވީ، މިދިޔަ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު، ދިއްދޫ ދާއިރާގެ މެމްބަރު، އަބްދުއްލަތީފް މުހައްމަދު އެވެ. އެ ގޮތުން، ގާނޫނު ނަމްބަރު 30/2015، ކުޅިވަރު ގާނޫނަށް ސަރުކާރުން ގެންނަން ހުށަހަޅާފައިވާ އިސްލާހުތައް ހިމެނޭ މި ބިލްގައި، 72 އިސްލާހެއް ވަނީ ހިމަނައިފަ އެވެ. އެކަމަކު، ފުޅާދާއިރާއެއްގައި މަޝްވަރާ ކުރުމަށާާއި ދިރާސާ ކުރަން ވަގުތު ނެގުމަށްޓަކައި، މަޖިލީހުން ވަނީ ކުޅިވަރު ގާނޫނުގެ މަސައްކަތް މި އަހަރަށް ފަސްކޮށްފަ އެވެ.