14 އޭޕްރީލް 2025 - 09:08 0
އަހުމަދު އާއިދު
މިއަދު ހެދުނު ބޭއްވި 241 ކޮމިޓީގެ ބައްދަލުވުން --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
14 އޭޕްރީލް 2025 - 09:08 0
އިޒްރޭލު ޕާސްޕޯޓު މަނާކުރަން އިމިގްރޭޝަން ގާނޫނު އިސްލާހުކުރަން ހުށަހަޅާފައިވާ ބިލު ބަދަލުކޮށް، އިޒްރޭލުން ދެމުންދާ ހަމަލާތައް ހުއްޓާލަންދެން ޕާސްޕޯޓު މަނާކުރަން މަޖިލީހުގެ 241 ކޮމިޓީން ފާސްކޮށްފި އެވެ.
މިއަދު ބޭއްވި 241 ކޮމިޓީގެ ދެވަނަ ބައްދަލުވުމުގައި އޮކްޓޯބަރު 7، 2023 ގައި އިޒްރޭލުން ފެށި ނަސްލުހޭދަ ނިންމާ، ހަމަލާތަލާއި ލާއިންސާނީ އަމަލުތައް ހުއްޓާލަންދެން ޕާސްޕޯޓު މަނާކުރަން ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު އެވެ. އެ ހުށަހެޅުމަށް ތާއީދުކުރެއްވީ ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް އެވެ.
މި ހުށަހެޅުން ފާސްކުރީ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.
މީގެއިތުރުން، އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ހުށަހެޅުއްވި، ބިލުގައި ޑުއަލް ސިޓިޒަންޝިޕް ގެންގުޅޭ މީހުން ހިމެނޭހެން އިޒްރޭލުގެ ހުރިހާ ރައްޔިތުންނަށް ރާއްޖެ ނުވަދެވޭ ގޮތަށް ހެދުމަށް އޮތް ނުކުތާ ވަނީ އުނިކޮށްފަ އެވެ.
ކޮމިޓީން މިގޮތަށް ބިލު އިސްލާހުކުރީ ބިލާ ގުޅޭގޮތުން ބަންޑާރަނައިބާ މަޝްވަރާކުރުމަށްފަހު އެވެ.
މީގެއިތުރުން، އިޒްރޭލުގެ ޕާސްޕޯޓު އޮންނަ މީހުންގެ ޑުއަލް ސިޓިޒަންޝިޕް އޮތަސް، އެ ނުބެލޭނެ ކަމަށް ބުނެ އިޒްރޭލު ޕާސްޕޯޓު ދައްކާ މީހުންނަށް އެކަނި ރާއްޖެ ނުވަދެވޭ ގޮތް ހަދަން އިމިގްރޭޝަނުން ބިލަށް ހިޔާލެއްވެސް ހުށަހެޅި އެވެ. އެ ހުށަހެޅުމާ ގުޅޭގޮތުން ކޮމިޓީން ގޮތެއް ނުނިންމަ އެވެ.
އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާ ކުރުމަކީ ސަރުކާރުގެ ވައުދެކެވެ. އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރަން ނިންމީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭއްވެވި ކެބިނެޓު ބައްދަލުވުމެއްގައި ޖޫން 2، ގަ އެވެ. ސަރުކާރުން މިހެން ނިންމިއިރު ވެސް މަޖިލީހުގައި މި ބިލު އޮތެވެ.
ބިލުގެ މަސައްކަތް ލަސްވެ ސަރުކާރަށާއި މަޖިލީހަށް ގިނަ ބަޔަކު އަންނަނީ ތަކުރާރުކޮށް ފާޑުކިޔަމުންނެވެ. އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމަށް މަޖިލީހާއި ސަރުކާރު ނުކުޅެދިފައިވާ ވަނިކޮށް މި އަހަރުގެ ފުރަތަމަ ދެ މަހު އެކަނި ވެސް އިޒްރޭލުގެ 156 ފަތުރުވެރިއަކު ރާއްޖެ އައިސްފައިވާ ކަމަށް ސަރުކާރުގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.
އިޒްރޭލުގެ ޕާސްޕޯޓުގައި މިދިޔަ އަހަރު ވެސް 1435 މީހަކު ރާއްޖެ އައެވެ. އެހެންކަމުން، ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އޮކްޓޯބަރު 23، 2023، ގައި އިޒްރޭލުން ނަސްލުހޭދު ކުރަން ފެށި ފަހުން އެ ގައުމުގެ 2196 މީހަކު ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފަ އެވެ. އެއީ އޮކްޓޯބަރު، 2023، ގައި އެތެރެވި 517 މީހުންނާއި އެ އަހަރުގެ ނޮވެމްބަރުގައި އެތެރެވި 54 މީހުންނާއި ޑިސެމްބަރު މަހު އެތެރެވި އިޒްރޭލުގެ 34 މީހުން ހިމަނައިގެންނެވެ.
އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރަން ނިންމި ފަހުން، އެ ވާހަކަ ދައްކާ މޭރުން ސަރުކާރުން ވަނީ ބަދަލުކޮށްފަ އެވެ. އެގޮތުން، އިޒްރޭލު އެންމެން ދިވެހިރާއްޖެއަށް އައުން މަނާ ކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވި އެވެ.
އިދިކޮޅު އެމްޑީޕީން ހުށަހެޅި އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމުގެ ބިލުގެ މަސައްކަތް ވެސް އޮތީ މަޖިލީހުގައި މަޑުޖެހިފަ އެވެ. ވެރިކަން ކުރާ ޕީއެންސީގެ މެންބަރުންގެ ވާހަކަ ހުރީ ހަމައެކަނި އިޒްރޭލުގެ ވެރިން އައުން މަނާ ކުރުމަށެވެ.
އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމުގެ ބިލުގެ މަސައްކަތް ކުރިއަށްދިޔައިރު ފަތުރުވެރިކަމާ ބެހޭ ބައެއް ޖަމިއްޔާތައް ވެސް މަޖިލީހަށް ހާޒިރުކޮށްގެން އެމީހުން ބަސް ނެގި އެވެ. އޭގެ ތެރެއިން ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން ބުނީ، އިޒްރޭލުގައި ކުޑަކުދިންނާއި އަންހެނުން މަރަމުންދާ ސިފައިންނަށް ވެސް ރާއްޖެ އާދެވެންޖެހޭނެ ކަމަށެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment