14 އޭޕްރީލް 2025 - 05:27 0
އަހުމަދު އާއިދު
އިޒްރޭލު ޕާސްޕޯޓު މަނާކުރާ ބިލަށް މިއަދުގެ 241 ކޮމިޓީގައި މަޝްވަރާކުރަނީ : ކޮމިޓީގެ ބޮޑު ބައި ކުރިއަށް ގެންދިޔައީ ސިއްރުން --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
14 އޭޕްރީލް 2025 - 05:27 0
އިޒްރޭލު ޕާސްޕޯޓު މަނާކުރަން އިދިކޮޅު އެމްޑީޕީން އިމިގްރޭޝަން ގާނޫނަށް ހުށަހަޅާފައިވާ ބިލުގެ މަސައްކަތް ކުރަން މިއަދު ކުރިއަށް ގެންދާ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) ގެ ބައްދަލުވުމުގެ ބޮޑު ބައެއް ސިއްރުކޮށްގެން ކުރިއަށް ގެންގޮސްފި އެވެ.
ބައްދަލުވުން ފެށިގެން 30 މިނެޓެއްހާއިރު ކުރިއަށްދިޔައިރު، ރިޔާސަތުން އަދި މެންބަރުން ދެއްކި ވާހަކަ އަޑުއިވުނީ ފަސް ވަރަކަށް މިނެޓަށެވެ. ބާކީ ބައި ކުރިއަށް ގެންދިޔައީ މައިކުތައް ކަނޑާލައިގެންނެވެ. ނަމަވެސް، މިއަދުގެ ބައްދަލުވުން ސިއްރުކުރާކަށް ނުނިންމަ އެވެ.
ކޮމިޓީ ނިންމާލީ މިއަދު 2:00 ގައި އިތުރު ބައްދަލުވުމެއް ބާއްވާނެ ކަމަށް އިއުލާނުކުރުމަށްފަހެވެ.
އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާ ކުރުމަކީ ސަރުކާރުގެ ވައުދެކެވެ. އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރަން ނިންމީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭއްވެވި ކެބިނެޓު ބައްދަލުވުމެއްގައި ޖޫން 2، ގަ އެވެ. ނަމަވެސް މިހާތަނަށް ވެސް ޕާސްޕޯޓު މަނާ ކުރަން ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.
މިކަމާ ގުޅިގެން ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށާއި ރައްޔިތުންގެ މަޖިލީހަށް އަމާޒުވެފަ އެވެ.
އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރަން ނިންމި ފަހުން، އެ ވާހަކަ ދައްކާ މޭރުން ސަރުކާރުން ވަނީ ބަދަލުކޮށްފަ އެވެ. އެގޮތުން، އިޒްރޭލު އެންމެން ދިވެހިރާއްޖެއަށް އައުން މަނާ ކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވި އެވެ.
އިދިކޮޅު އެމްޑީޕީން ހުށަހެޅި އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމުގެ ބިލުގެ މަސައްކަތް ވެސް އޮތީ މަޖިލީހުގައި މަޑުޖެހިފަ އެވެ. ވެރިކަން ކުރާ ޕީއެންސީގެ މެންބަރުންގެ ވާހަކަ ހުރީ ހަމައެކަނި އިޒްރޭލުގެ ވެރިން އައުން މަނާ ކުރުމަށެވެ.
އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމުގެ ބިލުގެ މަސައްކަތް ކުރިއަށްދިޔައިރު ފަތުރުވެރިކަމާ ބެހޭ ބައެއް ޖަމިއްޔާތައް ވެސް މަޖިލީހަށް ހާޒިރުކޮށްގެން އެމީހުން ބަސް ނެގި އެވެ. އޭގެ ތެރެއިން ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން ބުނީ، އިޒްރޭލުގައި ކުޑަކުދިންނާއި އަންހެނުން މަރަމުންދާ ސިފައިންނަށް ވެސް ރާއްޖެ އާދެވެންޖެހޭނެ ކަމަށެވެ.
0.00%
0.00%
100.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment