14 އޭޕްރީލް 2025 - 05:17 0
އަހުމަދު އާއިދު
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަ އިމިގްރޭޝަން ކައުންޓަރު: އިމިގްރޭޝަނުން ބުނީ މަނާކުރެވޭނީ އިޒްރޭލު ޕާސްޕޯޓު ދައްކާ މީހުން އެކަނި ކަމަށް --- ފޮޓޯ: އިމިގްރޭޝަން
14 އޭޕްރީލް 2025 - 05:17 0
އިޒްރޭލުގެ ޕާސްޕޯޓު އޮންނަ މީހުންގެ ޑުއަލް ސިޓިޒަންޝިޕް އޮތަސް، އެ ނުބެލޭނެ ކަމަށް ބުނެ އިޒްރޭލު ޕާސްޕޯޓު ދައްކާ މީހުންނަށް އެކަނި ރާއްޖެ ނުވަދެވޭ ގޮތް ހަދަން އިމިގްރޭޝަނުން ހުށަހަޅައިފި އެވެ.
މީގެ އަހަރެއްހާ ދުވަސް ކުރިން އިދިކޮޅު އެމްޑީޕީން ހުށަހެޅި އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމުގެ ބިލުގެ ކޮމިޓީ މަސައްކަތުގެ ތެރެއިން، އިމިގްރޭޝަނުން ހުށަހަޅާފައިވާ ރެކޮމެންޑޭޝަންތައް އިއްވީ މަޖިލީހުގެ އިދާރީ މުވައްޒަފެކެވެ.
އެ ރެކޮމެންޑޭޝަންތަކުގައި ބުނަނީ ޑުއަލް ސިޓިޒަންޝިޕް ނުވަތަ ދެ ގައުމެއްގެ ރައްޔިތުކަން އޮންނަ މީހުންގެ މައުލޫމާތަކީ އިމިގްރޭޝަނަށް ހޯދޭނެ މައުލޫމާތެއް ނޫން ކަމަށެވެ. އެހެންކަމުން ރާއްޖެ އެތެރެވާން އިޒްރޭލު ޕާސްޕޯޓު ހުށަހަޅާ މީހުންނަށް ނުވަދެވޭ ގޮތަށް ބިލު އިސްލާހުކުރުމަށް ފެންނަ ކަމަށް އެ އިދާރާއިން ބުނެފައިވެ އެވެ.
އިޒްރޭލުގެ އާބާދީގެ ގިނަ ބަޔަކު އެހެން ގައުމެއްގެ ރައްޔިތުކަން ގެންގުޅެ އެވެ. މިދިޔަ ޖޫން މަހު ސަރުކާރުން އިޒްރޭލު ޕާސްޕޯޓު މަނާކުރަން ނިންމުމާއެކުވެސް ގިނަ ބަޔަކު މިކަން ކުރާނެ ގޮތަކާމެދު ބަހުސްކުރި އެވެ. އެމްޑީޕީން ހުށަހެޅި ބިލުގައި ބުނެފައި އޮތީ ޑުއަލް ސިޓިޒަންޝިޕް އޮންނަ އިޒްރޭލުގެ މީހުން، ކޮންމެ ޕާސްޕޯޓެއް ބޭނުންކުރިޔަސް ރާއްޖެ ނުވަދެވޭގޮތް ހެދުމަށެވެ.
އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމަށް މަޖިލީހާއި ސަރުކާރު ނުކުޅެދިފައިވާ ވަނިކޮށް މި އަހަރުގެ ފުރަތަމަ ދެ މަހު އެކަނި ވެސް އިޒްރޭލުގެ 156 ފަތުރުވެރިއަކު ރާއްޖެ އައިސްފައިވާ ކަމަށް ސަރުކާރުގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.
އިޒްރޭލުގެ ޕާސްޕޯޓުގައި މިދިޔަ އަހަރު ވެސް 1435 މީހަކު ރާއްޖެ އައެވެ. އެހެންކަމުން، ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އޮކްޓޯބަރު 23، 2023، ގައި އިޒްރޭލުން ނަސްލުހޭދު ކުރަން ފެށި ފަހުން އެ ގައުމުގެ 2196 މީހަކު ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފަ އެވެ. އެއީ އޮކްޓޯބަރު، 2023، ގައި އެތެރެވި 517 މީހުންނާއި އެ އަހަރުގެ ނޮވެމްބަރުގައި އެތެރެވި 54 މީހުންނާއި ޑިސެމްބަރު މަހު އެތެރެވި އިޒްރޭލުގެ 34 މީހުން ހިމަނައިގެންނެވެ.
އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރަން ނިންމި ފަހުން، އެ ވާހަކަ ދައްކާ މޭރުން ސަރުކާރުން ވަނީ ބަދަލުކޮށްފަ އެވެ. އެގޮތުން، އިޒްރޭލު އެންމެން ދިވެހިރާއްޖެއަށް އައުން މަނާ ކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވި އެވެ.
އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމުގެ ބިލުގެ މަސައްކަތް ކުރިއަށްދިޔައިރު ފަތުރުވެރިކަމާ ބެހޭ ބައެއް ޖަމިއްޔާތައް ވެސް މަޖިލީހަށް ހާޒިރުކޮށްގެން އެމީހުން ބަސް ނެގި އެވެ. އޭގެ ތެރެއިން ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން ބުނީ، އިޒްރޭލުގައި ކުޑަކުދިންނާއި އަންހެނުން މަރަމުންދާ ސިފައިންނަށް ވެސް ރާއްޖެ އާދެވެންޖެހޭނެ ކަމަށެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment