14 އޭޕްރީލް 2025 - 09:31 0
ވައިކަރަދޫ ދާއިރާގެ މެންބަރު ޒިޔާދު: ވިދާޅުވީ ބަންޑާރަ ނައިބުގެ އޮފީހުން ފޮނުވަންޖެހޭ ބިލުތައް ނުފޮނުވާ ކަމަށް -- ފޮޓޯ: މަޖިލިސް
14 އޭޕްރީލް 2025 - 09:31 0
ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ރަނގަޅަށް ނުހިނގާތީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.
މަޖިލީހުގެ އެޖެންޑާގައި މިއަދު އޮތީ ނޮން އަޒަރްބައިޖާނުގެ ރެޒިޑެންޓު ސަފީރުގެ މަގާމަށް މީހަކު އައްޔަން ކުރަން ފޮނުވާފައި އޮތް މައްސަލައަށް ގޮތެއް ނިންމުމެވެ. އެ މައްސަލައަށް ވާހަކަ ދައްކަވަމުން ޒިޔާދު ވިދާޅުވީ މަޖިލީހުގައި މިހާރު އޮންނަނީ ސަފީރު އައްޔަން ކުރުން ފަދަ މަސައްކަތް ކަމަށާއި ސަރުކާރު ޖަވާބުދާރީ ކުރުވުމާއި ގާނޫނު ހެދުމުގެ މަސައްކަތެއް ނުހިނގާ ކަމަށެވެ.
"ހަގީގަތުގައި ވެގެން މި އުޅޭ ގޮތަކީ ދައުލަތުގެ ބަންޑާރަ ނައިބަށް، މަޖިލީހަށް ފޮނުވަންޖެހޭ މަސައްކަތް ނުފޮނުވުން.... ރައްޔިތުންގެ މަޖިލީހަށް މަސައްކަތެއް ނެތް ވާހަކަ އަޅުގަނޑު މި ދަންނަވަނީ ވަރަށް ބޮޑަށް ރައްޔިތުންގެ ކަންބޮޑުވުން މި ކަމުގައި އޮތަތީ،" ޒިޔާދު ވިދާޅުވި އެވެ. "ބަންޑާރަ ނައިބުން ފޮނުވި މަސައްކަތެއް އަދި މި ދައުރަކު ނުކުރޭ. މިއީ ކަންބޮޑުވާންޖެހޭ މައްސަލައެއް."
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މިއަދު މި ކުރިއަށް ގެންދަނީ، ހަފުތާއަކު ޖަލްސާތައް ބާއްވަންޖެހޭ ގާނޫނީ އަދަދަށް މިދިޔަ ހަފުތާގައި ޖަލްސާ ނުބާއްވާ އޮތުމަށްފަހެވެ. މިދިޔަ ހަފުތާގައި ބޭއްވީ އެންމެ ޖަލްސާއެކެވެ. އެކަމަކު މަޖިލީހުގެ ގަވާއިދުގައި ބުނެފައިވާ ގޮތުން ހަފުތާއަކު މަދުވެގެން ތިން ޖަލްސާ ބާއްވަންޖެހެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 47 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން އެ މަޖިލީހުގެ ޖަލްސާއެއް މަދުވެގެން ހަފުތާއެކު ތިން ދުވަހު ބާއްވަންޖެހެ އެވެ. އެހެންކަމުން ޖަލްސާ ބާއްވަންޖެހޭ ގާނޫނީ އަދަދު ދެން ހަމަ ކުރެވޭނީ ހުކުރު އަދި ހޮނިހިރު ދުވަހު ވެސް ޖަލްސާއެއް ބާއްވައިގެންނެވެ.
މަޖިލީހުގެ ގަވާއިދުގެ 25 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން، ކޮންމެ އަހަރަކު ވެސް މަޖިލިސް ބައްދަލުވާނެ ދުވަސްތަކުގެ ކަލަންޑަރެއް އެ އަހަރެއްގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ އޮންނަ ދުވަހު އާންމު ކުރަންޖެހެ އެވެ. ނަމަވެސް އެފަދަ ކަލެންޑަރެއް މަޖިލީހުން އާންމުކޮށްފައެއް ނުވެ އެވެ.
ގާނޫނީ އަދަދު ހަމަވާ މިންވަރަށް ވެސް މި ހަފުތާގައި މަޖިލީހުގެ ޖަލްސާތައް ނުބޭއްވިއިރު، ގާނޫނީ ރިފޯމް އެޖެންޑާގެ ދަށުން 200 ބިލު ހުށަހަޅާނެ ކަމަށް ސަރުކާރުން އޮތީ ބުނެފަ އެވެ. ނަމަވެސް އޭގެ ތެރެއިން މިހާތަނަށް ހުށަހަޅާފައި ވަނީ ވަރަށް މަދު ބިލެކެވެ.
"އެފަދަ ބިލްތަކާއި މިފަދަ އެތަށް ކަމެއް ހިމެނޭ ގޮތަށް މުޅި މެނިފެސްޓޯގައި ހުރި މިހުރިހާ ވައުދެއް ފުއްދުމަށް 200 އަށް ވުރެ ގިނަ އިސްލާހާ، އާ ބިލުތައް ފާސްކުރުމަށް މަޖިލީހުގެ އެހީތެރިކަން ބޭނުންވޭ،" އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment